ހެލިކޮޕްޓަރު އެކްސިޑެންޓް: "ދެން ފުލައިޓް ފެންނަ ހިސާބުގައި މަސައްކަތް ކުރަން ބޭނުމެއް ނޫން"

ހެލިކޮޕްޓަރުން ޖެހުން މީހާ އެވާހަކަތައް ސަން އާއި ހިއްސާ ކުރަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ރޭންޕުގައި މަސައްކަތްކުރާ ބ. ހިތާދޫ، މޫސާ ވަޖުދީ އަސުރު ނަމާދަށް ފަހު އޭނާ މަސައްކަތް ކުރާ ސަރަހައްދުގައި މި އަހަރު ފުރަތަމަ ދުވަހު މަޑުކޮށްލައިގެން ހުރީ ސިފައިންގެ ހެލިކޮޕްޓަރުގައި ބަލި މީހަކު ގެންނަ ހަބަރު ލިބިފައި އޮތުމުންނެވެ. ބަލިމީހާ ގޮވައިގެން 4:30 އެހާކަންހާއިރު ގއ. ވިލިގިލިން އައި ހެލިކޮޕްޓަރު އެއާޕޯޓުގައި ޖެއްސުމުގެ ތެރެއިން ސިޑިއެއްގައިޖެހި ހިނގި އެކްސިޑެންޓުގައި ވަޖުދީގެ ބަނޑަށް އެތައް އެއްޗެއް ވަނީ ހެރިފަ އެވެ. ވަޖުދީ ވަނީ އެ ހާދިސާ ހިނގި ގޮތް ސަން އާ ހިއްސާކޮށްފަ އެވެ.

އެހާދިސާ ވަޖުދީގެ ދުލުން!

ވަޖުދީ ބުނި ގޮތުގައި ހެލިކޮޕްޓަރު ޖެއްސުމަށް ފަހު އަނބުރާލުމުގެ ތެރެއިން ފިޔަގަނޑު ޖެހުނީ ފުލައިޓުން މީހުން ބާލަން ގެންގުޅޭ ސިޑިއެއް ތެޔޮ އެޅުމަށް ޕާކްކޮށްފައި ހުއްޓަ އެވެ. ހެލިކޮޕްޓަރު ޖެއްސި ސަރަހައްދާ 400 ފޫޓު ދުރުގައި އޭނާ ހުރިއިރު އެ މަންޒަރު ފެނުނު ކަމަށާއި އެ އެކްސިޑެންޓް ހިނގުމާ އެކު ބާރު އަޑުފަށްގަނޑާ އެކު އޭނާ ގަޔަށް އެއްޗިސްތައްތަކެއް ހެރުނީ އެވެ.

"އެޖެހިފައިނުވާނެ ސިކުންތެއް ވެސް، އަޅުގަނޑުގެ ބަނޑަށް އެއްޗެހިތަކެއް ވަނީ، ވަތްދިމާލުން [ބަނޑުގެ ކަނާތު ފަޅިން ހެދުނު ކުޑަ ބާގަނޑު] މަސްގަނޑު ޗަސްވެފައި ހުރީ، އެކަމަކު އެހާ ލެޔެއް ނާދޭ،" ވަޖުދީ ބުންޏެވެ.

ބަނޑުން އެއްޗެހިތައް ވަން ދިމާލުން ފޫނުގޮސް ހުރީ ކިރިޔާ އެވެ. ވަޖުދީ ބުނި ގޮތުގައި އެތަނުން އެތަކެތިކޮޅު ބަނޑަށް ހެރުނު ވަގުތު އެހާ ތަދެއްނުވެ އެވެ. އެހާވަރަށް ލެޔެއްވެސް ނާދެ އެވެ. އެކަމަކު ލިބުނު ޝޮކު ބޮޑެވެ.

"ބަނޑުގައި ޖެހުމާ އެކު ނޭވާ ހުއްޓުން އެރި، އެގަޑީގައި ވަރަށް ހަނދާންވި އަންހެނުން މަތިން، އަންހެނުން ބަނޑުބޮޑު، އޭގެ ކުރިން އަލަތު ދަރިފުޅު ވަނީ އަންހެނުން ބަނޑަށް މަރުވެފައި، އެހެންވެ އަންހެނުން މަތިން ވަރަށް ހިތަށް އެރި،" ދެރަވެފައި ހުރި ވަޖުދީ ބުންޏެވެ.

ވަޖުދީ އަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. އެއަށް ފަހު އޭޑީކޭއަށް ގެންގޮސް އޮޕަރޭޝަން ކުރި އެވެ. މޭދަށުން ދަށް ބަނޑާ ހަމައަށް ވަނީ ދިގަށް ފަޅާލައިފަ އެވެ. ވަޖުދީގެ ބަނޑަށް ހެރިފައި ހުރި ހެލިކޮޕްޓަރުގެ އެކިއެކި ބައިތައް ކަމަށް ބެލެވޭ 22 އެތިކޮޅު ވަނީ ނަގައިފަ އެވެ. އަދި ނުނެގި ބާކީ ނުވަ އެތިކޮޅު އެބައިނެވެ.

"ބަނޑުން ނެގި 22 އެތިކޮޅު، ކުޑަ ދޭތި ކޮޅާއި ކުދި 20 އެތިކޮޅު، ނެގި އެއްޗިސް ތަހުގީގަށް ދިނީ،" ބަނޑަށް ވަދެފައި ހުރީ ކޯޗެއްކަން ނޭނގޭކަމަށް ބުނަމުން ވަޖުދީ ބުންޏެވެ.

ބަނޑުގެ އަޑީގައި ނުގެނި އަދިވެސް ނުވަ އެތިކޮޅުވާ އިރު އުނދަގޫތަކެއް ވަޖުދީއަށް ހުރެ އެވެ. އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ވަރުބަލިވުމެވެ. ނަމަވެސް އަނެއްހެން ހާލު ރަނގަޅެވެ. އެތަކެތި ނަގައި އިތުރު ފަރުވާ ހޯދުމަށް މިއަދު ވަޖުދީ ބެންގަލޫރަށް ފުރަ އެވެ. ވަޖުދީއަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ(އެމްއޭސީއެލް) އިން ދެމުންދާ ހިދުމަތަށް އޭނާ ނިހާޔަތައް ޝުކުރުވެރިވެ އެވެ.

ޑޮކްޓަރުން ވަޖުދީއަށް ލަފާދީފައި ވަނީ ހަ މަސް ވަންދެން އަރާމު ކުރުމަށެވެ. އަދި ކުރިއަށްއޮތް އެއް އަހަރު ބުރަ މަސައްކަތެއް ނުކުރުމަށެވެ. އެއާޕޯޓުގައި މަސައްކަތްކުރާތާ ހަތް އަހަރުވެފައިވާ ވަޖުދީ އަދި ވެސް ބޭނުން ވަނީ އެއާޕޯޓްގައި މަސައްކަތް ކުރުމަށެވެ. ނަމަވެސް ފުލައިޓްތައް ފެންނަ ފަށުގައި މަސައްކަތް ކުރަން ދެން އޭނާ ބޭނުމެއްނުވެ އެވެ.

"ރަނގަޅުވުމަށް ފަހު ވެސް އެމްއޭސީއެލްގައި މަސައްކަތް ކުރާ ހިތްވަނީ، އެކަމަކު ވެސް އެއާ ސައިޑް ދެން އެހާބޮޑަށް ދިއުމަށް ގަސްތެއް ނުކުރަން. މިކަހަލަ ހާދިސާއެއް ހިނގާފައި ހުރީމާ، ދެން އެއާ ސައިޑަށް ދާހިތެއް ނުވޭ،" ވަޖުދީ ބުންޏެވެ.

އެކްސިޑެންޓްވީ ޕައިލެޓުގެ ކުށުން: ވަޖުދީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ޖެއްސީ އާންމުކޮށް ޖައްސާ އޭޕްރަންގަ އެވެ. އޭޕްރަންއާ އިންވެގެން އޮންނަނީ އެއާޕޯޓަށް ހިދުމަތް ދޭން ބޭނުން ކުރާ އުޅަނދު ދުއްވާ މަގެވެ. ހެލިކޮޕްޓަރުގެ ބުރަފަތީގެ ބައެއް އިނީ އެ މަގާ ދިމާލުގަ އެވެ.

ވަޖުދީ ބުނި ގޮތުގައި ސިޑި ބައިންދާފައި އިނީ އާންމުކޮށް ސިޑި ޕާކުރާ ސަރަހައްދަކަށްވާ އިރު އެކްސިޑެންޓްވީ ކެޕްޓަން ސާވިސް ރޯޑާ މާކައިރިން ހެލިކޮޕްޓަރު އަނބުރާލުމުން ހެލިކޮޕްޓަރުގެ ފިޔަގަނޑު ސިޑީގައި ޖެހުމުންނެވެ.

"އަހަންނަށް ބޮޑަށް ގަބޫލު ކުރެވެނީ ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓްގެ މައްސަލައެއް ކަމަށް. މަގަށް އަރައިގެން ނުވާނެ އެއްޗެއް މަގަށް އެރުމަކީ، ސިޑިއިނީ އެއިންނަ މަގުގައި،" ވަޖުދީ ބުންޏެވެ.

އެ މައްސަލަ އެމްއެންޑީއެފް އިން ތަހުގީގް ކުރަމުންދާއިރު އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއްނުވެ އެވެ.

ވަޖުދީ ބޭސް ފަރުވާއަށް އެފުރަނީ އެނބުރި އައިސް ހިދުމަތް ކުރާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ. ވަޒީފާ އަށް ނުކުތުމަށް ވަރަށް ވެސް ބޭނުންވެ އެވެ. ނަމަވެސް ދެން ފުލައިޓް ފެންނަ ސަރަހައްދުގައި މަސައްކަތް ކުރަން ބޭނުމެއްނުވެ އެވެ.

comment ކޮމެންޓް