ތަމަޅައިންގެ ސަގާފީ ކުޅިވަރު "ޖައްލިކައްޓު" އިންޑިއާގައި މަނާކޮށްފައި އޮތުމަށްފަހު، އިންޑިއާ ސަރުކާރުގެ ގަރާރެއްގެ ދަށުން އެ ކުޅިވަރު ވަގުތީގޮތުން ހުއްދަކޮށްފައިވާ އިރު، އެ ކުޅިވަރު ދާއިމީކޮށް ކުޅެވޭ ގޮތަށް ކަނޑައަޅައި ޓަމިލް ނާޑޫގައި މިހަފްތާގައި ފާސްކުރި ގާނޫނާ ދެކޮޅަށް އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ޖައްލިކައްޓަކީ ތަމަޅައިންގެ ގޮވާންކުރާ މޫސުން ފެސުމާ ގުޅުވައިގެން ތަމަޅަ ސަގާފަތުގައި ފާހަގަކުރާ "ތައި ޕޮންގަލް" އީދުގެ މުނާސަބަތުގައި ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރު ކުޅެނީ، މައިދާނެއްގައި ގިނަ މީހުންތަކެއްގެ ތެރެއަށް މީގޮނެއް ދޫކޮށްލައިގެންނެވެ. މައިދާނުގައި ތިބޭ މީހުން ޖެހޭނީ އެއްވެސް އާލާތެއް ބޭނުން ނުކޮށް، މީގޮނުގެ ގޮންގަނޑުގައި ހިފަހައްޓައި، އެ މަތަކޮށް ހިމޭން ކުރުވާށެވެ.
ޖަނަވާރުތަކުގެ ހައްގުތައް ހިމާޔަތްކުރާ "ޕެޓާ އިންޑިއާ" ޖަމިއްޔާއިން 2014 ވަނަ އަހަރު ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ އަހަރު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ، ޖައްލި ކައްޓު ކުޅުމަކީ މަނާކަމެއް ކަމުގައި ކަނޑައަޅާފައެވެ.
އެކަމާ ގުޅިގެން ޓަމިލް ނާޑޫގައި ބޮޑެތި މުޒާހަރާތަކެއް ކުރަން ފެށުމާ އެކު، ޓަމިލް ނާޑޫ ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާގެ ބޮޑުވަޒީރު ނެރުއްވި ގަރާރެއްގެ ދަށުން، ޖައްލިކައްޓު ވަގުތީގޮތުން ހުއްދަ ކުރެވުނެވެ.
ނަމަވެސް އެ ކުޅިވަރަކީ ތަމަޅަ ސަގާފަތަކަށް ވެފައި، ހުއްދައެއް އޮންނަން ނުޖެހޭ ކަމަށާއި، ވަކިން ޚާއްސަކޮށް ވަގުތީ ގޮތުން އެކަން ހުއްދަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ، ތަމަޅައިން އަދިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.
މިކަމަށް ހައްލެއް ހޯދުމަށް ޓަމިލް ނާޑޫގެ ގާނޫނު ހަދާ މަޖިލީހުން ވަނީ، ޖައްލިކައްޓު ކުޅުމާ ގުޅޭ ގާނޫނެއް މިހަފްތާގައި އެކުލަވާލައި، ފާސްކޮށްފައެވެ. އެއީ ޖަނަވާރުންނަށް އިހާނެތިކޮށް ހިތުން ހުއްޓުވުމުގެ ގާނޫނަށް، ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އޮއްޓަކާރަ ޕަނީރުސެލްވަމް ހުށަހެޅުއްވި އިސްލާހެކެވެ. އެ ގާނޫނަށް އަމަލު ކުރެވޭނީ އިންޑިއާގެ ޔޫނިއަން ސަރުކާރުން އެ ގާނޫނު ތަސްދީގު ކުރުމުންނެވެ.
އެހެން ނަމަވެސް އެކަން ނުކުރެވި އޮއްވާ، ޖަނަވާރުންގެ ހައްގުތައް ދިފާރުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ އެ އިސްލާހުގެ މައްސަލަ ވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
އެ ޖަމިއްޔާތަކުން ހުށަހެޅި މައްސަލައިގައި ބުނީ، ޓަމިލް ނާޑޫގެ އާ އިސްލާހަކީ ސުޕްރީމް ކޯޓުން މީގެކުރިން ކުރި ހުކުމަކާ ޚިލާފު އިސްލާހެއް ކަމަށާއި، އެހެންކަމުން އެއީ ބާތިލު އެއްޗެއް ކަމަށެވެ.
އިންޑިއާގެ ޔޫނިއަން ސަރުކާރުގެ ގަރާރުގެ ދަށުން ޖައްލިކައްޓު ވަގުތީގޮތުން ހުއްދަ ކުރުމާ އެކު، ޓަމިލް ނާޑޫގެ ބައެއް ތަންތަނުގައި ދަނީ އެ ކުޅިވަރު ކުޅެމުންނެވެ. އެގޮތުން ރަޕޫސަލް ކިޔާ ވިލެޖުގައި ޖައްލިކައްޓު ކުޅުމުގެ ތެރެއިން ދެ މީހަކު މަރުވިއެވެ. އަދި 57 މީހަކަށް އަނިޔާވެގެން ފަރުވާ ހޯދާފައިވެ އެވެ.
ޓަމިލް ނާޑޫގެ ވެރިކަން ކުރާ ޗެންނާއީގެ މެރީނާ ބީޗުގައި ގިނަ އަދަދެއްގެ ރައްޔިތުން އަދިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. އެމީހުން މުޒާހަރާކުރަނީ، ޖައްލިކައްޓު ވަގުތީގޮތުން ހުއްދަ ކުރުމުންނެވެ. އެމީހުން ބުނާ ގޮތުގައި އެއީ ވަގުތީ ގޮތުން ދެވެންޖެހޭ ހުއްދައެއް ނޫނެވެ.
ބައެއް ސަރަހައްދުތަކުގައި މުޒާހަރާތައް ވަރުގަދަވެ، ހަމަނުޖެހުންތަކަށް ވެސް ބަދަލުވަމުން ދެއެވެ.