އިންޑިއާގައި މަނާކުރި ކުޅިވަރު، މުޒާހަރާތަކާ ގުޅިގެން އަލުން ހުއްދަކޮށްފި

ޓަމިލް ނާޑޫގައި ޖައްލިކައްޓު ކުޅެނީ --- ފޮޓޯ/ ޕަންޑިއަން ރަންޖީތު

ތަމަޅައިންނަކީ އިންޑިއާގެ އިރުދެކުނާއި، ދެކުނުގެ އިތުރުން ސްރީލަންކާގެ އުތުރުގައި ދިރިއުޅޭ، ޑްރާވިޑިއަން ދަރިކޮޅުގެ ނަސްލެކެވެ. ކޮންމެ ބައެއްގެވެސް އަމިއްލަ ސަގާފަތާއި އާދަކާދަތަކެއް އޮންނަ ފަދައިން، ތަމަޅައިންގެ ތެރޭގައިވެސް އެފަދަ ސަގާފަތްތަކެއް އޮވެއެވެ. އެހެން ނަމަވެސް އެންމެ ބޮޑު ތަމަޅަ އާބާދީ އޮންނަ އިންޑިއާއިން 2014 ވަނަ އަހަރު ތަމަޅައިންގެ ބޮޑު ސަގާފަތެއް މަނާކުރިއެވެ.

ތަމަޅައިން އަމަލުކުރާ ތަމަޅަ ކަލަންޑަރުގެ ދެވަނަ މަސް، "ތައި" މަހަކީ ދަނޑުތައް ގޮވާންކުރާ މަހެވެ. އެ މަހުގެ 14 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށް ތަމަޅަ ރައްޔިތުން "ތައި ޕޮންގަލް"ގެ ނަމުގައި ބޮޑު ފެސްޓިވަލެއް ފާހަގަކުރެއެވެ. އެއީ ތަމަޅައިންގެ ހާވެސްޓް ފެސްޓިވަލެވެ.

ތައި ޕޮންގަލްގެ މުނާސަބާގެ ތެރެއިން، ޒަމާނުއްސުރެ ތަމަޅައިން ކުޅޭ އެއް ކުޅިވަރަކީ "ޖައްލިކައްޓު"އެވެ. ޖައްލިކައްޓު ކުޅޭގޮތަކީ، ވަކި ވައްތަރެއްގެ މީގޮނެއް، މައިދާނެއްގެ ތެރެއަށް ދޫކޮށްލަނީއެވެ. އެ މައިދާނުގައި ތިބޭ މީހުން ޖެހޭނީ މުލައްދަނޑީގެ ބާރުން، އެއްވެސް އާލާތެއް ބޭނުން ނުކޮށް އެ މީގޮނު ހިފަހައްޓައި، ހިމޭން ކުރުވާށެވެ.

ތަމަޅަ ރައްޔިތުންގެ މެދުގައި އިންޑިއާ ސަރުކާރާ ރުޅިވެރިކަން އުފެދުނީ، 2014 ވަނަ އަހަރު އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، އިންޑިއާގައި ޖައްލިކައްޓު ކުޅުން މަނާކުރުމާ އެކުއެވެ. ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މައްސަލަ ހުށަހަޅަމުން ބުނީ، ޖައްލުކައްޓު ކުޅުމުގައި މީގޮނުތަކަށް އަނިޔާވާކަމެއް ކަމަށެވެ.

ޓަމިލް ނާޑޫގައި ޖައްލިކައްޓު ކުޅެނީ --- ފޮޓޯ/ އޭއެފްޕީ

ދެހާސް ސާދައަކީ އިންޑިއާގައި ޖައްލިކައްޓު މަނާކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އޭގެ އަށް އަހަރު ކުރިން، 2008 ވަނަ އަހަރުވެސް އެ ކުޅިވަރު މަނާކުރިއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އެ ހުކުމް ބާތިލުކޮށް، ސުޕްރީމް ކޯޓުން ބުނީ ވަކި ގައިޑްލައިނެއްގެ ދަށުން އެ ކުޅިވަރު ކުޅެވިދާނެ ކަމަށެވެ.

ދެހާސް އެގާރަވަނަ އަހަރު އިންޑިއާގައި ޖައްލިކައްޓު ކުޅުމުގައި އަމަލުކުރަންޖެހޭ ގާނޫނެއްވެސް ތައާރަފުކުރިއެވެ.

އެހެން ނަމަވެސް 2014 ވަނަ އަހަރު ޖައްލިކައްޓު ކުޅުން ސުޕްރީމް ކޯޓުން މަނާކުރީ ޖަނަވާރަށް އިހާނެތިކޮށް ހިތުން މަނާކުރާ ގާނޫނުގެ ދަށުންނެވެ.

މިއަހަރުގެ ތައި ޕޮންގަލް ފެސްޓިވަލާ ގުޅިގެން ޖައްލިކައްޓު ނުކުޅެވޭތީ، ޓަމިލް ނާޑޫ އަދި ޕުޑުޗެރީ ފަދަ، ތަމަޅަ އަބާދީތައް އޮންނަ އިންޑިއާގެ ގިނަ ތަންތަނުގައި ބޮޑެތި މުޒާހަރާތަކާއި އަޑުއުފުލުންތައް ކުރިޔަށް ގެންދިޔައެވެ. އެމީހުން ބުނަމުން ދިޔައީ ތަމަޅައިންގެ ސަގާފަތާއި އާދަކާދަތަކަށް އިންޑިއާ ސަރުކާރުން ބޭއިހްތިރާމުކުރާ ކަމަށެވެ.

ޖައްލިކައްޓު މަނާކުރުމުގެ ސަބަބުން ޓަމިލް ނާޑޫގެ ރައްޔިތުން މުޒާހަރާ ކުރަނީ -- ފޮޓޯ/ ގެޓީ

މިދިޔަ ބުރާސްފަތި ދުވަހު ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އޮއްޓަކާރަ ޕަނީރްސެލްވަމް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާ ބައްދަލުކުރައްވައި، ޓަމިލް ނާޑޫގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށް އެހީތެރިވެދެއްވުމަށް އެދިވަޑައިގެންފައެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ، އިންޑިއާ ސަރުކާރުގެ އެގްޒެކެޓިވް އަމުރެއްގެ ދަށުން، ޖައްލިކައްޓު އަނެއްކާވެސް ކުޅެވޭނެ ގޮތް ހަމަޖައްސައިދީފައެވެ. ބޮޑުވަޒީރު މޯދީގެ އަމުރު ޓަމިލް ނާޑޫގެ ގަވަރުނަރު ވިދްޔާސަގަރު ރާއޯ މިއަދު ވަނީ ގަބޫލުކުރައްވައި، މަނާކުރެވިފައި އޮތް ޖައްލިކައްޓު އަނެއްކާވެސް ޓަމިލް ނާޑޫގައި ކުޅެވޭނެ މަގު ފަހިކޮށްދީފައެވެ.

ޓަމިލް ނާޑޫ ސަރުކާރުގެގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބޮޑުވަޒީރު މޯދީގެ އަމުރު އެކުލަވާލާފައިވަނީ، މީގޮނުތަކުގެ ސިއްހަތަށާއި ހަށިގަނޑަށް ގެއްލުން ނުވާނެ ގޮތަކަށް، އަދި ތަމަޅަ ސަގާފަތްތައް ވެސް ރައްކާތެރިވާނެ ގޮތަށް ޖައްލިކައްޓު ކުޅެވޭނެ ގޮތް ހެދުމަށެވެ.

comment ކޮމެންޓް