އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ ގުރުނަގައިފި، މުބާރާތް އަންނަމަހު 1ގައި

ދެވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި ކުޅުނު މެޗެއްގެ ތެރެއިން: މިއަހަރުގެ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ދެވަނަ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ ގުރުނަގައިފިއެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ގުރުނަގާފައިވަނީ ސޯޝަލް ސެންޓަރު ސެމިނާ ރޫމްގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގައި އަށް ޓީމެއް ބައިވެރިވިއިރު، ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ހަތަރު ޓީމެވެ. އަންހެން ޑިވިޝަންގައި ބައިވެރިވި ހަތަރު ޓީމު ދެ ގްރޫޕަކަށް ވަނީ ބަހާލައިފައެވެ.

އަންހެން ޑިވިޝަންގެ ގްރޫޕް އޭގައި ހިމެނެނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއި، މޯލްޑިވްގޭސްއާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމެވެ. ގްރޫޕް ބީގައި ހިމެނެނީ ޕޮލިސް ކްލަބާއި، އިމިގްރޭޝަން އެންޑް އެމިގްރޭޝަންއާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ފްލައިމީއެވެ.

ފިރިހެން ޑިވިޝަންގައި ވާދަކުރާ ހަތަރު ޓީމަކީ މޯލްޑިވްގޭސްއާއި، ސްޓެލްކޯއާއި، ޕޮލިސް ކްލަބު އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގައި ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. ސެމީގެ ފުރަތަމަ މެޗު އަންނަ މަހުގެ އަށްވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހުއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލަށެވެ. އެގޮތުން އެ ޑިވިޝަންގައި ދެ ބުރު ކުޅުމަށް ހަމަޖެހިފައިވާއިރު، އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާނެއެވެ. ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.

އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތް ކުރިއަށްދާނީ ޓްރެފިކް ޕޮލިސް ކުރިމަތީ އޮންނަ މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައެވެ.

comment ކޮމެންޓް