އަރަބި ބަހުން ފުރިހަމައަށް ވާހަކަދެއްމުން ތައުރީފް ލިބިގެންދިޔަ، އަރަބިއްޔާ ސްކޫލުގެ ދަރިވަރަކަށް ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި 1000 ޑޮލަރާއި ރަން ކުލައިގެ ހަތިމެއް ދެއްވައިފިއެވެ.
ސައުދީ ސަފީރު ބަދުރު އަލީ އަލްކަހައިލްގެ ފަރާތުން ހަދިޔާ ލިބިފައިވަނީ، އަރަބިއްޔާ ސްކޫލުގެ ގްރޭޑް 12ގައި ކިޔަވަމުން އަންނަ، އއ. ތޮއްޑޫ، ވިނިވާގެ، އާދަމް މިޝްއަލް އަށެވެ. ފެށުނީއްސުރެ އަރަބިއްޔާ ސްކޫލުގެ އިސް މަގާމުތަކެއް ފުރާފައިވާ މިޝްއަލް އަކީ ޤުރުއާން ހިތުދަސްކޮށްފައިވާ ދަރިވަރެކެވެ.
މިޝްއަލްގެ އަރަބި ވާހަކަދެއްކުމަށް ސައުދީ ސަފީރުގެ ތައުރީފް ލިބުނީ، ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމް ފުޅާކުރުމަށް ސައުދީ ސަރުކާރުން ފޮނުވި ޓީޗަރުން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރަން މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ހުށަހަޅައިދިނުމުންނެވެ.
މިޝްއަލް އަށް ސައުދީ ސަފީރުގެ ހާއްސަ ހަދިޔާ ހަވާލު ކޮށްފައިވަނީ އަރަބިއްޔާ ސްކޫލުގައި މިއަދު ބޭއްވި ހަފުލާއެއްގައެވެ. ސަފީރުގެ ފަރާތުން ހަދިޔާ ހަވާލުކޮށްދެއްވީ ސަފީރުގެ ނައިބެވެ.
އަރަބިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ ޟޯމިން މިރޭ ވިދާޅުވީ، މިކަމަކީ ރާއްޖޭގައި އަރަބި ބަސް ފުޅާކުރުމަށް ސަރުކާރުން ދެމުން އަންނަ ސަމާލުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި އެއީ ސްކޫލަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިއީ އަރަބިއްޔާ ސްކޫލުގެ އިތުރުން ސްކޫލުގެ މެނޭޖްމަންޓަށާއި ރާއްޖޭގައި އަރަބި ބަސް ކިޔަވައިދެއްވާ ފަރާތްތަކަށް ވެސް ލިބުނު ޝަރަފަކާއި ރީތި ނަމެއް. އަދި މިއީ އިނގިރޭސި ބަހެކޭ އެއްފަދައިން އަރަބި ބަސް ވެސް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތް ރަމްޒު ކޮށްދޭ ހެއްކެއް،" ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވިއެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ހާދިމުލް ހަރަމައިން އަލްޝަރީފް ކިންގު ސަލްމާން ދެއްވި އެހީގެ ދަށުން އަރަބި ބަސް ކިޔަވައިދޭން ރާއްޖެއަށް ފޮނުއްވީ 17 ޓީޗަރުންނެވެ.
އެ ބޭފުޅުންގެ އެހީތެރިކަމާއެކު މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގެ އިތުރުން ގުރުއާނާ ބެހޭ މަރުކަޒުގައި ކުރިއަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.
ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމް ފުޅާކުރުމަށް ސައުދީން އަންނީ ރާއްޖެއަށް ގިނަ އެހީތެރިކަމެއް ވެދެއްވަމުންނެވެ. އެގޮތުން އަރަބި ބަސް އުނގަންނައިދޭ މަރުކަޒެއް ރާއްޖޭގައި ގާއިމް ކޮށްދިނުމަށް ސައުދީ ސަރުކާރުން ނިންމާފައިވާއިރު މިދިޔަ އަހަރުގެ ތެރޭގައި އަރަބި ބަސް އުނގަންނައިދިނުމަށް އެއްލައްކަ ފޮތް ވަނީ ރާއްޖެއަށް ފޮނުވާފައެވެ.
އޭގެ އިތުރުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދަށް ގްރޭޑްތަކުގެ ކުދިން އަރަބި ބަސް އުނގެނުމަށް ބޭނުންވާ ބައެއް ވަސީލަތްތަކާ ޑިކްޝަނަރީތައް ސައުދީ ސަރުކާރުގެ ފަރާތުން ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިިނިސްޓަރު ވަނީ ވިދާޅުވެފައެވެ.