ފުލުހުން ބަންދުކުރާ މަގުތަކާއި އަޅާ ފިޔަވަޅުތައް "ފަސޭހަ މަގު" އެޕުން ދައްކަނީ

ފަސޭހަމަގު އެޕްއާ ގުޅޭގޮތުން ފުލުހުންނާއި ހައުސިން މިނިސްޓްރީން އެއްބަސްވުމެއް އެކުލަވާލުން -- ފޮޓޯ/ ހައުސިން މިނސިްޓްރީ

މާލޭގެ މަގުތަކުގެ ތެރެއިން ފުލުހުން ބަންދު ކުރާ މަގުތަކާއި، މަގުމަތީގައި ދިމާވަ ކަންކަމުގައި ފުލުހުން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު، ހައުސިން މިނިސްޓްރީގެ "ފަސޭހަ މަގު" އެޕްލިކޭޝަން މެދުވެރިކޮށް ފޯރުކޮށްދިނުމަށް އެއްބަސްވެއްޖެ އެވެ.

ހައުސިން މިނިސްޓްރީއާ ފުލުހުންނާ ދެމެދު މިއަދު ވަނީ މިކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އިބްރާހީމާއި، ޑެޕުއިޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީއެވެ.

ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ފަސޭހަމަގު އެޕްލިކޭޝަން މެދުވެރިކޮށް މިނިސްޓްރީއަށް ގިނަ ޝަކުވާތަކެއް އަންނަ އިރު، އޭގެ ތެރެއިން އާންމު ޓްރެފިކާ ގުޅޭ މައްސަލަތައް ވެސް ހުށަހެޅޭ ކަމަށެވެ.

"މިހާތަނަށް އަންނަ ގޮތަކީ، އަޅުގަނޑުމެން ޕޮލިހަށް އެ މައުލޫމާތުތައް ހިއްސާ ކުރަނީ. އޭގެ ބަދަލުގައި، މިހާރު ސީދާ ފުލުހުންނަށް ފަސޭހަމަގު އެޕް މެދުވެރިކޮށް، އެމީހުންގެ ދައުރު އަދާކުރެވޭނެ،" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން، މަގުމަތީގެ ބައެއް ޝަކުވާތައް ފުލުހުންނަށް ސީދާ ހުށަހެޅޭ ގޮތާއި، ފުލުހުން މަގުމަތީގެ މައްސަލަތަކުގައި އަޅާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު އެޕް މެދުވެރިކޮށް ލިބޭނެއެވެ.

މީގެ އިތުރުން، ފުލުހުން އެކި ބޭނުންތަކުގައި ބަންދުކުރާ މަގުތަކާ ބެހޭ މައުލޫމާތުވެސް އެޕް މެދުވެރިކޮށް ބެލޭނެއެވެ.

"ބައެއް ފަހަރު މަގުތައް ބަންދުކުރުމުގެ ސަބަބުން ދަތިތައް ދިމާވޭ. މިހާރު ކުރިއާލަިއ، ކިހިނެއް ވެގެންކަން މަގު ބަންދުވަނީ، އަދި ގެއިން ނުކުމެގެން ވަޑައިގަންނަވާ ތަނަކަށް ދިއުމަށް ބޭނުންކުރާނެ ރޫޓެއް ކަނޑައެޅޭނެ ގޮތް ބަލާލެވޭނެ އެޕް މެދުވެރިކޮށް،" ޑެޕިއުޓީ ކޮމިޝަނަރު ސައުދީ ވިދާޅުވިއެވެ.

comment ކޮމެންޓް