ހޫނު މޫސުމާ ދިމާކޮށް އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް އިތުރު ހަތަރު ފްލައިޓު ބާއްވަނީ

އިއްތިހާދު އެއާވޭސްގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ފޮޓޯ: ގެރީ ލެފް

މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއާލައިންކަމުގައިވާ އިއްތިހާދު އެއާވޭސް އިން ރާއްޖެ އަށް ހަފްތާއަކު ދެ ފްލައިޓު ބޭއްވުމަށް ނިންމައިފި އެވެ.

އިއްތިހާދު އެއާވޭސް އިން މިކަން އިއުލާންކޮށްފައި ވަނީ އެ އެއާލައިނުން ރާއްޖެ އަށް ދަތުރު ކުރަމުންދާތާ ފަސް އަހަރު ފާހަގަކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގައި ހުކުރު ދުވަހު އެވެ. އެ އެއާލައިނުން ބުނީ މި އަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް، ޔޫއޭއީގެ އަބޫދާބީ އިން ރާއްޖެ އަށް އިތުރު ފްލައިޓް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެއީ މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ބާއްވާ ފްލައިޓުތަކެއް ކަމަށް ވެސް އެ އެއާލައިނުން ބުނެފައިވެ އެވެ.

މި އަހަރުގެ ހޫނު މޫސުން ދުނިޔޭގެ ގައުމުތަކަށް ފަށާނީ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.

އެ އެއާލައިނުން މިހާރު ވެސް އަބޫދާބީ އިން ރާއްޖެއަށް ހަފްތާ އަކު ހަތް ފްލައިޓު ބާއްވަ އެވެ. ހޫނު މޫސުން ފެށުމުން އިތުރު ހަތަރު ފްލައިޓު ބާއްވަން ހަމަޖައްސި އިރު، މި ހަތަރު ފްލައިޓުވެސް އޮންނާނީ، ހަފްތާގެ ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ހެނދުނުގަޑީގަ އެވެ.

ހޫނު މޫސުމަކީ ކޮންމެ އަހަރަކު ވެސް ބާރު ބޮޑު ސީޒަނެއްކަން ފާހަގަ ކޮށް، އެ އެއާލައިނުން ބުނެފައި ވަނީ އެ މޫސުމުގައި ރާއްޖެ އަށް އެގައުމުން ދަތުރު ކުރާ މީހުންގެ އަދަދު ގިނަވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ހަނީމޫނަށާއި ޗުއްޓީ ހޭދަކުރުމަށް އެންމެ ރަނގަޅު އެއް ގައުމުކަން ފާހަގަކޮށް، ރާއްޖެ އިން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކަން ވެސް އެ އެއާލައިނުން ފާހަގަކޮށްފައިވެ އެވެ.

އިތުރަށް ބާއްވާ ހަތަރު ފްލައިޓުގެ އުދުހުންތަކަށް އެ އެއާލައިނުން ބޭނުން ކުރާނީ އޭ320 މަރުކާގެ "ޓޫ ކްލާސް" ބޯޓެކެވެ. އެ ބޯޓުގައި ބިޒްނަސް ކްލާސްގެ 16 ސީޓާއި އިކޮނޮމީ ކްލާސްގެ 120 ސީޓޔ ހުރެ އެވެ.

އިއްތިހާދު އެއާވޭސް އިން ރާއްޖެ އަށް ދަތުރުކުރަން ފެށީ 2011 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން އެ ފަސް އަހަރު ދުވަސް ތެރޭގައި 450،000 މީހުން އެ އެއާލައިނުން ރާއްޖެ އައިސްފައިވެ އެވެ.

comment ކޮމެންޓް