ޖަޕާނު ރައްޔިތުންގެ ދިގު އުމުރުގެ ސިއްރު ބަދިގެތަކުގައި

ޖަޕާނުގެ ރައްޔިތުން ހީވާގި ވުމަކީ އުމުރު ދިގުވުމަށް މަގުފަހިވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނޭ -- ފޮޓޯ: އޭއެފްޕީ

ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން މިދިޔަ އަހަރު ނެރުނު 2015 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖަޕާނުގެ ރައްޔިތުން މަރުވާ އެވަރެޖް އުމުރަކީ 83.7 އަހަރެވެ. އެއީ މުޅި ދުނިޔެއިން ވެސް ލައިފް އެކްސްޕެކްޓެންސީ އެންމެ މަތި ގައުމެވެ. އަދި ހާއްސަކޮށް މުޅި ދުނިޔެއިންވެސް އަންހެނުންގެ ލައިފް އެކްސްޕެކްޓެންސީ އެންމެ މަތި ގައުމެވެ. އެހެންކަމުން 1980އިގެ އަހަރުތަކުގެ ފަހުން ޖަޕާނުން އެ މަގާމު ތަކުރާރުކޮށް ދިފާއު ކުރުމުގެ ސިއްރަކީ ކޮބައިބާ އެވެ؟

ޖަޕާނުގެ އަންހެނުންގެ ދިގު އުމުރަށާއި ލޫޅާފަތި ކަމަށް ހާއްސަކޮށް އެގައުމުގެ މުސައްނިފެއް ކަމަށްވާ ނައޯމީ މޮރިޔާމާ ލިޔެފައިވާ ފޮތެއްގައިވާ ގޮތުން އެމީހުންގެ ދިގު އުމުރުގެ ސިއްރު ވަނީ ޖަޕާނުގެ ބަދިގެތަކުގައި އެވެ. ނުވަތަ އެމީހުން ކާ ކެއުމާއި ގެންގުޅޭ އާދަތަކުގައި އެވެ. އެގޮތުން ބަރުދަން އިތުރުވުން ހުއްޓުވުމާއި، އަވަހަށް މުސްކުޅިވުމުން ރައްކާތެރިކޮށްދޭ ގިނަ އަދަދެއްގެ ކާނާ އާއި ބުއިންތައް އެމީހުންގެ އާދައިގެ ކެއުމުގައި ބޭނުން ކުރާކަން މޮރިޔާމާ ފާހަގަ ކުރި އެވެ.

ޖަޕާނުގެ ރައްޔިތުން އާއްމުކޮށް ބޭނުން ކުރާ ކާނާތަކުގެ ތެރޭގައި މަސް، ބަތް، ތަރުކާރީ އާއި މޭވާ އަދި ގްރީން ޓީ ހިމެނެ އެވެ. އަދި އާއްމުކޮށް ގިނަ ކާނާ ބޭނުން ކުރަނީ ފިހެގެން ނުވަތަ ސްޓީމްކޮށްގެން ކަމުން އޭގައި ހުންނަ ހަށިގަނޑަށް ފައިދާ ހުރި މާއްދާތައް ރައްކާކުރެވި، ތެލުގެ ބާވަތްތަކުން ދުރުހެލިވެވޭ ކަމަށް މޮރިޔާމާގެ ފޮތުގައި ބުނެފައިވެ އެވެ.

ޖަޕާން ސަރުކާރުން 2005 ވަނަ އާއްމު ކުރި ފުޑް ގައިޑް -- ފޮޓޯ: ބީއެމްޖޭ

މޮރިޔާމާގެ ވާހަކަތަކަށް ބާރު ލިބިގެން ދަނީ ޓޯކިޔޯގައި ހުންނަ ނެޝެނަލް ސެންޓާ ފޯ ގްލޯބަލް ހެލްތް އެންޑް މެޑިސިން އިން މިދިޔަ އަހަރު ޕަބްލިޝް ކުރި ދިރާސާއަކުންނެވެ. ފަނަރަ އަހަރަށް ދެމިގެން ދިޔަ އެ ދިރާސާ ބިނާކޮށްފައި ވަނީ 2005 ވަނަ އަހަރު ޖަޕާނުން ނެރުނު ފުޑް ގައިޑަކަށް އަމަލު ކުރާ ފަރާތްތަކަށާއި އަމަލު ނުކުރާ ފަރާތްތަކަށެވެ. ކެންސަރު، ސްޓްރޯކް އަދި ހިތާއި ފުރަމޭގެ ބަލިތަކުގެ އެއްވެސް ތާރީހެއް ނެތް 79،544 މީހުން ހިމަނައިގެން ހެދި އެދިރާސާގެ ނަތީޖާ ހާމަ ކުރަމުން ދިރާސާ ކުރި ފަރާތްތަކުން ބުނި ގޮތުގައި ފުޑް ގައިޑަށް އަމަލު ނުކުރާ ފަރާތްތަކާ އަޅާ ބަލާއިރު އެއާ އެއްގޮަތަށް ކެއުން ބެހެއްޓި ފަރާތްތަކުގެ މޯޓާލިޓީ ރޭޓު 15 ޕަސެންޓު ދަށެވެ.

އަދި އެފުޑް ގައިޑާ އެއްގޮތަށް ކެއުން ބެހެއްޓި ބައިވެރިންނަށް ސެރެބްރޯވެސްކިއުލާ (ސިކުނޑިއަށް ލޭ ފޯރުކޮށްދިނުމާ ގުޅުން ހުރި) މައްސަލަތައް ޖެހުމުގެ ފުރުސަތު ކުޑަ ކަމަށްވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުންވެސް، ކެއުމުގައި އާއި އާއްމު ދިރިއުޅުމުގައި ގެންގުޅޭ ބައެއް އާދަތަކުންވެސް ޖަޕާނުގެ ރައްޔިތުންގެ އުމުރު ދިގުވުމަށް މަގުފަހިވާ ކަމަށް މޮރިޔާމާ ބުނެ އެވެ. އެގޮތުން ކުޑައިރުން ފެށިގެން ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށާއި ލަސްލަހުން ކެއުމަށް އާދަ ކުރުމާއި، ގިނަ ބާވަތްތައް ސުފުރާ މައްޗަށް އެރުވި ނަމަވެސް ކާ މިންވަރު މަދު ކުރުމަށް އާދަ ކުރުން ހިމެނެ އެވެ.

އަދި މޮރިޔާމާގެ 'ޖަޕަނީސް ވިމެން ޑޯންޓް ގެޓް އޯލްޑް އޯ ފެޓް' ނަމަކަށް ކިޔާ ފޮތް ނިންމާލަމުން އޭނާ ވަނީ ޖަޕާނުގެ ރައްޔިތުންނަކީ ބައިސްކަލުގައި އާއި ހިނގާފައި އުޅުމަށް ފަސް ނުޖެހޭ، ހީވާގި ބައެއްކަންވެސް ފަހުރުވެރިކަމާ އެކު ފާހަގަކޮށްފައި އެވެ.

މައުލޫމާތު: އިންޑިޕެންޑެންޓް، ޖަޕަނީސް ވިމެން ޑޯންޓް ގެޓް އޯލްޑް އޯ ފެޓް.

ގުޅޭ ޓެގު
comment ކޮމެންޓް