ރާއްޖޭގެ ބޮންޑު ވިއްކުމުގެ މެދުވެރިއަކަށް ޖަރުމަނުގެ ޑޮއިޗް ބޭންކު ހަމަޖައްސަނީ

ޑޮއިޗް ބެންކް ---

ރާއްޖޭގެ 200 މިލިޔަން ޑޯލަރުގެ ސޮވަރިން ބޮންޑެއް ވިއްކާލުމުގައި އެހީތެރިވެދޭނެ މެދުވެރިއަކަށް ޖަރުމަނުގެ ޑޮއިޗް ބޭންކް ހަމަޖައްސަން ނިންމައިފި އެވެ. ޑޮއިޗް ބޭންކަކީ ބޭންކިންގެ ދާއިރާގައި ދުނިޔޭގެ އެންމެ މަތީ ފަންތިން ގުނާލެވޭ ބޭންކެކެވެ.

ފިނޭންސް މިނިސްޓްރީން ނިމިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ވަނީ، ބޮންޑެއް ވިއްކުމަށް އެހީތެރިވެދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ. މިއީ މިފަދަ ކަމެއް ދިވެހި ސަރުކާރުން ކުރާ ފުރަތަމަ ފަހަރެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިއުލާން ކުރި މުއްދަތުގައި ނުވަ ފަރާތަކުން ހުށަހެޅުންތައް ހުށަހެޅި ކަމަށާއި، އޭގެ ތެރޭގައި ބޭންކިން ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ދިވެހި ސަރުކާޜުން މިހާރު ދަނީ ޑޮއިޗް ބޭންކާ ވާހަކަދައްކަމުން ކަމަށާއި މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން، ރާއްޖޭގެ 200 މިލިޔަން ޑޮލަރުގެ ބޮންޑު ވިއްކާލުމަށް ލިސްޓު ކުރާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ، ރާއްޖޭގެ ބޮންޑު ވިއްކާލުމުގައި ޕާޓްނަރެއްގެ ގޮތުގައި ޑޮއިޗް ބޭންކް ހަމަޖެއްސީ އެކުންފުނިން ދުނިޔޭގައި ހޯދާފައިވާ އިތުބާރާއި، ސޮވެރިން ބޮންޑު ވިއްކުމުގައި އެ ކުންފުނީގެ ތަޖުރިބާއަށް ބަލާފައި ކަމަށެވެ. އެގޮތުން، ކުރިއަރަމުން އަންނަ މާކެޓުތަކުގައި މިދިޔަ ފަސް އަހަރު އެ ބޭންކުން ކޮށްފައިވާ މިފަދަ މަސައްކަތަށް ދިވެހި ސަރުކާރުން ވަނީ ބަލައިފައެވެ.

ޑޮއިޗް ބޭންކުން ވަނީ މިދިޔަ އަހަރު ގިނަ ގައުމުތަކެއްގެ، ފާހަގަކޮށްލެވޭ ބޮޑެތި ބޮންޑުތަކެއް ވިއްކުމުގައި އެހީތެރިވެދީފައެވެ. އޭގެ ތެރޭގައި ސްރީލަންކާގެ 1.5 ބިލިޔަން ޑޮލަރުގެ ބޮންޑު، ޕާކިސްތާނުގެ އެއްބިލިޔަން ޑޮލަރުގެ ސުކޫކު، ސައުދީ އަރަބިއްޔާގެ 17.5 ބިލިޔަން ޑޮލަރުގެ ޑެޓް އިޝުއަންސް އަދި އާޖެންޓީނާގެ 16.5 ބިލިޔަން ޑޮލަރުގެ ބޮންޑް އިޝުއަންސް ހިމެނެއެވެ.

comment ކޮމެންޓް