46 މިލިއަން ހޯދަންް ސްޓެލްކޯގެ މައްޗަށް ދައުވާކުރި މައްސަލަ ބެލެން ނެތް ކަމަށް ކަނޑައަޅައިފި

މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) --- ސަންފައިލް ފޮޓޯ

ސްޓެލްކޯއިން ބުނެގެން ގަނެފައިވާ ފޯކްލިފްޓްގެ އަގާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 46 މިލިއަން ހޯދަން ސެންޓައެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ އެކަމާ ގުޅުން ހުރި އެހެން މައްސަލައެއް އެ ކޯޓުން ބަލައި ހުކުމް ކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެހުކުމް ބާތިލުކޮށްފައިވާ ކަމަށާއި، މިހާރު އެމައްސަލަ ބަލަމުންދަނީ ސުޕްރީމް ކޯޓުގައި ކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލަ ނިމެންދެން ސެންޓަ އެންޓަ ޕްރައިސަސްއިން ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް މިއަދު ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ.

އެ ފޯކްލިފްޓާ ގުޅިގެން މީގެކުރިން ސިވިލްކޯޓުގައި ދައުވާކުރީ ސްޓެލްކޯއިންނެވެ. އެއީ ދެފަރާތުން އެއްބަސްވިގޮތާ ހިލާފަށް އެހެން ވައްތަރެއްގެ ފޯކްލިފްޓެއް ގެނެސްފައިވާތީ އެ ފޯކްލިފްޓް ސްޓެލްކޯގެ އިމާރާތުގެ ތެރެއިން ނެރެދިނުމަށް ސެންޓައެންޓަ ޕްރައިސަސްގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ބަލާފައިވާ މައްސަލައެކެވެ.

އެމައްސަލާގައި ސިވިލް ކޯޓުން ވަނީ އެ ދެ ފޯކްލިފްޓް ސްޓެލްކޯގެ ގޯތުތެރެއިން ނެރުމަށް ސެންޓަ އެންޓަޕްރައިސަސްގެ މައްޗަށް ހުކުމް ކޮށްފަ އެވެ.

އެމައްސަލަ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ސެންޓަ އެންޓަޕްރައިސަސްއިން ސްޓެލްކޯގެ ގޯތި ތެރޭގައި ހުރި ފޯކްލިފްޓް ނެރެން ނުޖެހޭ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ސްޓެލްކޯއިން މިހާރުވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ފަހުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެފަރާތުން ފޯރުކޮށްދީފައިވާ މުދަލަށް ވާ 1.2 މިލިއަން ރުފިޔާ ސްޓެލްކޯއިން ދައްކާފައި ނުވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އެ ކުންފުންޏަށް 45.5 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށާއި އެހެންކަމުން ގެއްލުމުގެ ބަދަލާއެކު ޖުމްލަ 46.8 މިލިއަން ރުފިޔާ ނަގައިދިނުމަށް ސެންޓަ އެންޓަޕްރައިސަސް އިން ވަނީ އެދިފަ އެވެ.

comment ކޮމެންޓް