ސްޓެލްކޯގެ އެހީއާއެކު ކުޅުދުއްފުށީ ކަރަންޓު މައްސަލަ ހައްލުކޮށްފި

ކުޅުދުއްފުށި ސިޓީ. (ފޮޓޯ/އަބޫއިޝް)

ކުޅުދުއްފުށީ ސިޓީ ފެނަކަ އިންޖީނުގެއަށް ދިމާވި މައްސަލަ ސްޓެލްކޯގެ އެހީއާއެކު ހައްލުކޮށް މުޅި ސިޓީއަށް ކަރަންޓު ފޯރުކޮށްދީފިއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސްޓެލްކޯގެ އިލްމީ، ޤާބިލް އަދި ތަޖުރިބާކާރު ޓީމާއި، ފެނަކައިގެ މުވައްޒަފުން ކުރި މަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ވަނީ މުޅި ރަށަށް ކަރަންޓު ދެވިފައި ވާކަމަށެވެ.

ކުޅުދުއްފުށީގައި ހިންގަމުންއައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓު ކެނޑުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ފެނަކައިން ބުނީ މި މައްސަލަ ހައްލުކޮށް މިރޭ 8:10 ގައި މުޅިރަށަށް ކަރަންޓު ދީފައި ވާކަމަށެވެ. އަދި މިއަދު ދިމާވި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމުގައި ވެސް ފެނަކައިން ބުންޏެވެ.

ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް މިދުވަސްވަރު ވަނީ އާންމުވެފައެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ މި ސަރުކާރުން ހަވާލުވީއިރު ފެނަކަ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައި ކަމަށެވެ. މި މައްސަކަތަކަށް ހައްލު ގެންނަން މަސައްކަތް ކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް