ސަރުކާރު މުވައްޒަފުންނަށް ޚާއްސަ ފްލެޓުތައް އެޅުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި

ސަރުކާރު މުވައްޒަފުންނަށް ޚާއްސަ ހައުސިން ޔުނިޓުތައް އެޅުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކުރުމަށް ބޭއވި ރަސްމިއްޔާތު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ސަރުކާރުން ހިންގާ "ހިޔާވަހި ހައުސިން" ސުކީމުގެ ދަށުން ހުޅުމާލޭގައި 402 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތުގެ ކޮންޓްރެކްޓުގައި އެކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ އެމްޑީ، މުހައްމަދު ސައިމަން އެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.

ހިޔާވަހި ހައުސިން ސުކީމުގެ ދަށުން 14 ބުރީގެ ތިން ޓަވަރު އަޅާނެ އެވެ. އެ ޓަވަރުތަކުގައި ވިޔަފާރިއަށް ޚާއްސަ ބްލޮކްތަކެއް ވެސް އަޅެޅުމަށް ވަނީ ޑިޒައިންކޮށްފަ އެވެ. އަދި އެއް ރޫމާއި ހަތަރު ރޫމާ ދެމެދުގެ އަދަދަކަށް ކޮޓަރިތައް އެ ފްލެޓުތަކުގައި ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެ މަސައްކަތް ނިންމަން އަމީން ކޮންސްޓްރަކްޝަން އަށް ދީފައި ވަނީ 26 މަސް ދުވަހެވެ.

އެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައިމަން ވިދާޅުވީ އެ ފްލެޓްތައް ވެގެން ދާނީ "ކޮލިޓީ ލިވިން"އެއް އަގުހެޔޮ ކަމާ އެކު ލިބިގެންދާނެ ތަނަކަށް ކަމަށެވެ. އަދި އެ ފްލެޓްތައް ޚާއްސަކުރުމަށް ނިންމާފައި ވަނީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ކަމަށާއި އެކަމާ ގުޅޭ ގޮތުން ސަރުކާރާ އެކު މަޝްވަރާ ކުރެވެމުން އަންނަ ކަަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ހިންގާ ސޯޝަލް ހައުސިން ޕްރޮޖެކްޓްތަކުގެ ފްލެޓްތަކަށް ވުރެ އަގު ކުޑައެއް ނުވާނެ. އެކަމަކު އަމިއްލަ ފަރާތްތަކުން އޯޕަން މާކެޓުތަކުގެ މި ވިއްކާ ފްލެޓުތަކުގެ އަގުތަކަށް ވުރެ މާ ބޮޑުތަން ވެސް ކުޑަވާނެ. މި ޕްރޮޖެކްޓަކީ ޕިއޯ ސޯޝަލް ޕްރޮޖެކްޓެއް ނޫން. މި ޕްރޮޖެކްޓަކީ މިޑް މާކެޓަށް ޚާއްސަ، އެ މާކެޓުތެރޭގައި ހިމެނޭ ދައުލަތަށް ގިނަ ދުވަސްވަންދެން ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން ހައުސިންއަށް ކޮންމެހެން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ހައުސިން ހޯދައިދިނުމުގެ ގޮތުން ހިންގޭ ޕްރޮޖެކްޓެއް،" ސައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ފްލެޓްތައް އެޅުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ނެއިބާހުޑް އެކެއްގައި އިންޑިއާގެ އޯއައިއޭ އިން އެޅި 400 ހައުސިން ޔުނިޓުތަކުގެ ކުރިމަތީގަ އެވެ.

އަމީން ކޮންސްޓްރަކްޝަންގެ އެމްޑީ، އަބްދުﷲ މުހައްމަދު ވިދާޅުވީ ކުރިއަށް އޮތް 60 ދުވަސް ތެރޭގައި އެ އިމާރާތްތައް ޑިޒައިން ކުރުމުގެ މަސައްކަތް ނިމޭނެ ކަމަށާއި އެއަށް ފަހު، އެޗްޑީސީގެ އެޕްރޫވަލް ލިބުމާ އެކު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

ސައިމަން ވިދާޅުވީ ކުރިއަށް އޮތް ފަސް މަހެއްހާ ދުވަސްތެރޭ ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި މި ފްލެޓްތަށް ޚާއްސަ ކުރެވިފައި ވަނީ މޯގޭޖް ކަސްޓަމަރުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޅި މި މަޝްރޫއުގެ އަގަކީ 647 މިލިއަން ރުފިޔާ އެވެ. އެ މަޝްރޫއުގެ މަސަކަތް އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކުރި އިރު މިހާރު ވެސް އެކުންފުނިން ދަނީ ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އެކުންފުނިން ތަރައްގީ ކުރާ ތިން ޓަވަރުގެ ވެސް އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފަ އެވެ.

comment ކޮމެންޓް