އިންޑިއާގައި ސްކޫލް ބަހަކާއި ޓްރަކެއް ޖެހުމުގެ ސަބަބުން 15 ކުދިން މަރުވެއްޖެ

އިންޑިއާގައި ޓްރަކަކާ އެކްސިޑެންޓުވި ސްކޫލް ބަސް -- ފޮޓޯ: އޭއެންއައި

ދިއްލީ (ޖެނުއަރީ 19): އިންޑިއާގެ އުއްތަރަ ޕްރެދޭޝްގެ އެތާ ޑިސްޓްރިކްޓުގައި ސްކޫލް ބަހަކާއި ޓްރަކެއް އެކްސިޑެންޓުވުމުގެ ސަބަބުން 15 ކުދިން މަރުވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

އަލިގަންޖު ސިޓީގައި އެ ހާދިސާ ހިނގާފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ތިން ދުވަސް ވަންދެން ސްކޫލްތައް ބަންދުކޮށްފައި ބެހެއްޓުމަށް އެތާ ޑިސްޓްރިކްޓުގެ ސްކޫލުތަކަށް އަންގާފައި ވަނިކޮށް ކަމަށް އިންޑިއާގެ ނޫސްތަކުގައިވެ އެވެ.

އަލިގަންޖުގެ ސުޕްރިޓެންޑެންޓް އޮފް ޕޮލިސްއާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައިވާ ގޮތުން އެ ހާދިސާގައި 15 ކުއްޖަކު މަރުވިކަން މިހާތަނަށް ވަނީ ޔަގީންވެފަ އެވެ. ނަމަވެސް މަރުވި ކުދިންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެސްކޫލް ބަސް ނިސްބަތް ވަނީ ޖޭއެސް ޕަބްލިކް ސްކޫލަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ހާދިސާގައި މަރުވި ކުދިންގެ އާއިލާތަކަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފަ އެވެ. އަދި ހާދިސާގައި އަނިޔާވި ކުދިންގެ ހާލު ވަރަށް އަވަހަށް ރަނގަޅު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެކްސިޑެންޓް ހިނގި ވަގުތަކީ އެސަރަހައްދުގައި ފިނިބޯވެފައިވާ ވަގުތެއް ކަމަށް މަންޒަރުދުށް ފަރާތަކުން ހިންދުސްތާން ޓައިމްސްއާ ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް