ރައްޔިތުންގެ މަޖިލީހުގައީ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އަތުން މީހަކު ނަގާފައިވާ ފައިސާތަކެއް ދައްކަން ސިވިލް ކޯޓުން އެ މީހާ އަށް އަންގައިފި އެވެ.
ތ. ކިނބިދޫ، ނޫރާނީގެ ހުސައިން ޝަރީފް ދައްކަންޖެހި ނުދައްކައިވާ 130،500 ރުފިޔާ ހުރި ކަމަށް ބުނެ އަބްދުﷲ ރިޔާޒުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން މިދިޔަ އާދިއްތަ ދުވަހު އެ މައްސަލަ ވަނީ ނިންމައިފަ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ފައިސާގެ ތެރެއިން 15،000 ރުފިޔާ ދައްކާފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި މިހާތަނަށް ދައްކާފައި ނުވާ 115،500 ރުފިޔާ އޮތް ކަން ދެ ފަރާތުގެ ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން އެ ފައިސާ މިމަހުން ފެށިގެން ކޮންމެ މަހަކު 5000 ރުފިޔާ އަށް ވުރެ މަދުނޫން އަދަދެއް ދައްކައި އެ ދަރަނި ހަލާސް ކުރުމަށް ކޯޓުން ވަނީ ޝަރީފުގެ މައްޗަށް އަމުރުކޮށްފަ އެވެ.