ލޯ ރިޕޯޓް އެމްވީ: ހުކުމްތަކާއި ގާނޫނުތައް ކިޔާލަން ފަސޭހަ މަގެއް

" ލޯ ރިޕޯޓްސް އެމްވީ" ގެ ނަމުގައި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އެޕެއް ތައްޔާރު ކޮށްފައި ----

ރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކާއި، ގާނޫނުތަކާއި ގަވާއިދުތައް ފަސޭހައިން ކިޔާލެވޭނެގޮތަށް " ލޯ ރިޕޯޓްސް އެމްވީ"ގެ ނަމުގައި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

ގޫގުލް ޕްލޭ އަދި އެޕަލް އެޕް ސްޓޯރުންވެސް މިހާ ޑައުންލޯޑް ކުރެވޭ އެ އެޕްލިކޭޝަނަކީ ގާނޫނީ ފަރާތްތަކަށް ގިނަ ގޮތްގޮތުން ފަސޭހަތަކެއް ލިބިގެންދާނެ އެޕްލިކޭޝަނެއް ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.

އެ އެޕްލިކޭޝަނުގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދު ތަކުގެ ދަށުން ހައިކޯޓާއި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުރިހާ ހުކުމެއް ކިޔާލެވެން ހުރިއިރު، ކޮންމެ ގާނޫނަކަށް ވަކިން ކްލިކް ކޮށްލުމުން އެ ގާނޫނެއްގެ ދަށުން ކޮށްފައިވާ ހުކުމްތައް ވަކިން ފެންނަން ހުރެ އެވެ.

އެހެންކަމުން ގާނޫނުތަކުގެ ދަށުން މިހާތަނަށް ކޮށްފައިވާ ހުކުމްތައް ހޯދާލުމަށް ވަކީލުންނާއި އެހެނިހެން ގާނޫނީ ފަރާތްތަކަށްވެސް ފަސޭހަވެގެންދާނެ އެވެ.

އެޕްލިކޭޝަނުގެ އިތުރުން ހުރިހާ ގާނޫނަކާ ގަވާއިދަކަށް ހާއްސަ ބަލާލެވޭގޮތަށް ވެބްސައިޓެއްވެސް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ތައާރަފްކޮށްފައެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެފައި ވަނީ ޤާނޫނާއި އުސޫލުތަކާއި ރެކޯޑު ތަކަކީ ކަންކަން ނިންމުމުގައި އެންމެ މުހިއްމު އެއް މަސްދަރު ކަމަށާއި "ރެކޯޑްތަކާއި ނިންމުންތައް އަޅުގަނޑުމެން ހާމަކުރަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޒަރީއާއިން" ކަމަށެވެ.

" ޤާނޫނާއި އުސޫލުތަކާއި ރެކޯޑު ތަކަކީ ކަންކަން ނިންމުމުގައި އެންމެ މުހިއްމު އެއް މަސްދަރު. ރެކޯޑްތަކާއި ނިންމުންތައް އަޅުގަނޑުމެން ހާމަކުރަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޒަރީޢާއިން. ކޯޓުތަކުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ލޯ ރިޕޯޓުތަކަކީ، ޝަރުޢީ ނިންމުންތައް ނިންމުމުގައި ސަވާބިޤުތަކެއް. ކަންކަން އެއްގޮތް ކުރުމަށް، ސަވާބިޤުތައް އާންމުކޮށް ލިބެން ހުންނަން ޖެހޭ." އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.

ހުރިހާ ކޭސް ރިޕޯޓުތަކެއް އެއް ޕްލެޓްފޯމަކުން ހޯދާލުމަށް މިހާރު ވަރަށް ފަސޭހަވީ އެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ކުރިއަށް އޮތްތަނުގައި ދަށު ކޯޓުތަކުގެ ނިންމުންތައްވެސް އެ އެޕްލިކޭޝަނުން ފެނިގެންދާނެ މަގު ތަނަވަސްކޮށްދޭނެ ކަމަށެވެ.

comment ކޮމެންޓް