މާރުކޭޓު ގަވައިދަށް ފެތޭތޯ ބަލަން ސިލްސިލާ އިނިސްޕެކްޝަންތަކެއް ފަށައިފި

ދަތުރުވެރިންގެ މާރުކޭޓުން ބަޔަކު ވިޔަފާރިކުރަނީ--- ސަން ފޮޓޯ/މުހައްމަދު އަފްރާހް

ދަތުރުވެރިންގެ މާރުކޭޓުގައި ކުރާ ވިޔަފާރިތައް އިންސްޕެކްޓް ކުރުމަށް ފުލުހުންނާއި އިމިގުރޭޝަންގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މަސައްކަތް ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓްގެ ކަންކަން ހުރީ ގާނޫނާއި ގަވައިދަށް ފެތޭތޯ ބަލަމުން އަންނަ ކަމަށެވެ.

"ކޮންމެ ހަފްތާއަކު ވެސް އަޅުގަނޑުމެން އެތަން އިންސްޕެކްޓް ކުރަމުން ގެންދާނަން، އަޅުގަނޑުމެންނާއި ފުލުހުންނާއި އިމިގުރޭޝަން ގުޅިގެން މިކަން މިކުރަނީ،" އަބްދުﷲ ވިދާޅުވި އެވެ.

މިހާތަނަށް ކުރެވުނު އިންސްޕެކްޝަންގައި ވިޔަފާރި ރަޖިސްޓްރީނުކޮށް ހިންގާ ދެ ވިޔަފާރިއެއް 10000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.

އެ އިންސްޕެކްޝަންގައި ބަލަމުން އަންނަނީ ތިން ގާނޫނަކަށް އަމަލުކުރެތޯ އެވެ. އެއީ ވިޔަފާރި ރަޖިސްޓްރީކުރުމާއި ކޮންސިއުމާ ގާނޫނުގެ އިތުރުން ލޭބާ ގާނޫނެވެ.

މާރުކޭޓުގައި ވިޔަފާރި ކުރާފަރާތްތަކުން ވެސް ވަނީ ދެ ކަމެއް މިނިސްޓްރީއަށް ހުށައަޅައިފަ އެވެ. އެއީ ކޮންމެ ގޮޅިއަކަށް ބިދޭސީއެއް ހަމަޖައްސައިދިނުމާއި މަސައްކަތު މީހުން ޔުނީފޯމް އެޅުވުމެވެ. އަބްދުﷲ ވިދާޅުވީ އެކަން ވާނީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށް ވާތީ އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް