ކަނޑިންމަ ރިސޯޓުގެ 250 މަގާމަކަށް މުވައްޒަފުން ހޯދަނީ

ކަނޑިންމަ ރިސޯޓުގެ މަންޒަރެއްގެ ނަމޫނާ ޑިޒައިނެއް --

މިއަހަރު ދ. އަތޮޅުގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަނޑިންމަ މޯލްޑިވްސް ރިސޯޓަށް 250 މުވައްޒަފުން ހޯދުމަށްޓަކައި މާލެއާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

ދ. ކަނޑިންމާގައި އަޅާ ކަނޑިންމަ މޯލްޑިވްސް ރިސޯޓު ހުޅުވަން ހަމަޖެހިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކަނޑިންމަ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސެސް މުހައްމަދު އާތިފް ވިދާޅުވީ، އެ ރިސޯޓުން ބޭނުންވަނީ، ވަޒީފާތަކުގެ 65 އިންސައްތައަށް ދިވެހީން ހޯދުމަށް ކަމަށެވެ. މިކަން ކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޯޕަން ޑޭތަކެއް ބޭއްވުމަށް ވަނީ ރާވައިފައެވެ.

ކަނޑިންމަ މޯލްޑިވްސްގެ އޯޕަންޑޭ ޖެނުއަރީ 20 ވަނަ ދުވަހު ފުވައްމުލަކުގައި އޮންނަ އިރު، ޖެނުއަރީ 22 ވަނަ ދުވަހު އައްޑޫ ސިޓީގެ ހުޅުދޫ، އަދި 23 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި އޮންނާނެއެވެ.

މި ރަށްތަކުގެ އިތުރުން، މާލެއާއި ދ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް އޯޕަން ޑޭގެ ހަރަކާތްތަކެއް ބާއްވާނެއެވެ.

ރާއްޖޭގައި އޮންނަ އެންމެ ބޮޑު ސްވިމިންގް ޕޫލާ އެކު ހުޅުވާ ކަނޑިންމަ ރިސޯޓުގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި ގެސްޓް ރިލޭޝަންސް އޮފިސަރުން، ކިއު އެންޑް ބެލް އެޓެންޑެންޓް، ވެއިޓަރ، ބޯޓު ކެޕްޓަން އަދި ބޯޓު ކްރޫއިން، ސެކިއުރިޓީ އޮފިސަރުން، ކިޗަން ސްޓާފުން، މެކޭނިކުން، ހައުސްކީޕިންގް އެޓެންޑަންޓުން، ސްޕާ އެޓެންޑުން ފަދަ މަގާމުތައް ހިމެނެއެވެ.

comment ކޮމެންޓް