ޑީޑޮސްއިން ރައްކާތެރިވުމަށް އޮޕަރޭޓަރުން ގުޅިގެން މަސައްކަތް ފަށައިފި

 ދިރާގު ހެޑް އޮފީސް:

ރާއްޖެއަށް ދެމުން އަންނަ އިންޓަނެޓު ހިދުމަތަށް ދޭ ޑިސްޓްރިބިއުޓެޑް ޑިނަޔަލް އޮފް ސާވިސް (ޑީޑޮސް) އެޓޭކް ތަކުން ރައްކާތެރިވުމަށް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން ބުނެފި އެވެ.

ޑީޑޮސްގެ ހަމަލާތަކުގެ ސަބަބުން، ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ ދިރާގާއި އުރީދޫގެ އިތުރުން ރާއްޖެއޮންލައިނުން ދެމުންގެންދާ ހިދުމަތްތަކަށް ދޭތެރެ ދޭތެރެއިން ބުރޫއަރައެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދު މިއަދު "ސަން"އަށް ވިދާޅުވީ، އެފަދަ އެޓޭކްތަކުން ރައްކާތެރިވުމަށް އޮޕަރޭޓަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިންޓަނެޓަށް ދިމާވެދާނެ މައްސަލައަކީ ގައުމަށް ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވެދާނެ ކަމެއް. އެހެންވީމަ އިންޓަނެޓަށް ދިމާވެދާނެ މައްސަލައަށްޓަކައި އެބަޖެހޭ އަޅުގަނޑުމެން ގައުމީ ފެންވަރުގައިވެސް ކަންތައްތަކެއް ކުރަން. އެހެންވެ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރާނެ މަސައްކަތްތަކެއްގެ މަސައްކަތް ކުރަމުންމިދަނީ،" އިލްޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސައްކަތްކުރަމުންދަނީ އިތުރު ޕްރޮޓަކްޝަންތައް ގާއިމްކުރުމަށް ކަމަށެވެ. މިހާރު އެންމެ ގަދަޔަށް ޑީޑޮސް އެޓޭކް ދެމުން އަންނަނީ ދިރާގަށެވެ.

ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން މިއަދު ސަން އަށް ވިދާޅުވީ، އެކަން ހައްލު ކުރުމަށް އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އުރީދޫގެ އިންޓަނެޓަށްވެސް ޑީޑޮސް އެޓޭކްތަކެއް ދެމުންގެންދާތީ ހިދުމަތަށް ދަނީ ބުރޫއަރަމުންނެވެ. އެފަރާތުގެ ބަހެއް މިއަދު އަދިވަނީ ލިބޭގޮތްނުވެފައެވެ.

comment ކޮމެންޓް