ބާސާ ފަދަ ޓީމަކާ ނުލައި މެސީ މީހަކަށް ނުވީސް: ސްޕޯޓްސް ޑައިރެކްޓަރު

ކޮޕާ ޑެލްރޭގައި އެތުލެޓިކް ކްލަބު ކޮޅަށް ލަނޑު ޖެހުމަށްފަހު ނޭމާއާއެކު މެސީ އުފާފާޅުކުރަނީ: އެ މެޗުން ބާސާ މޮޅުވީ 3-1 ލަނޑުން ---

ބާސެލޯނާ ފަދަ މޮޅު ކުޅުންތެރީން ހިމެނޭ ޓީމަކާ ނުލައި، ލިއޮނަލް މެސީއަށް އެހާ ގިނަ ކާމިޔާބީތަކެއް ނުހޯދުނީސް ކަމަށް ބާސެލޯނާގެ ސްޕޯޓްސް ޑައިރެކްޓަރު ޕެރޭ ގްރެޓާކޯސް ބުނެފި އެވެ.

ބާސެލޯނާގެ ޓްރެއިނިން ކޮމްޕްލެކްސް އަދި ޔޫތު ފެސިލިޓީސްގެ ވެރިޔާ ބުނީ، އެންމެ ކުޅުންތެެރިއަކަށް ވުރެ ކްލަބު އަބަދުވެސް ބޮޑުވާނޭ ކަމަށެވެ. އެގޮތުން މެސީއަށް ލިބެމުންދާ ކާމިޔާބީގެ ފަހަތުގައި ތިބީ، އަންދްރޭސް އިނިއެސްތާ، ނޭމާ، ލުއިސް ސުއަރޭޒް، އަދި ޖެރާޑް ޕީކޭފަދަ ކުޅުންތެރީންކަން ފާހަގަކޮށް އެ ކުޅުންތެރީންނަށް އޭނާ ތައުރީފްކުރި އެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަކީ، ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ -- ފޮޓޯ: ގޯލް

ބާސާގެ ޔޫތު އެކަޑަމީން އެ ކްލަބާ ގުޅުނު މެސީ ބާސާއަށް ކުޅެން ފެށީ 2001 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާގެ ސީނިއަރ ފުޓްބޯޅަ ކެރިއަރުގައި މެސީ ވަނީ، ޗެމްޕިއަންސް ލީގު ހަތަރު ޓްރޮފީއާއި ސްޕެނިޝް ލީގު އަށްފަހަރު ކާމިޔާބުކޮށްފަ އެވެ.

ގްރެޓާކޯސް ދެކޭ ގޮތުން މެސީއަށް ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހާސިލްކުރެވިފައި ވަނީ، އޭނާގެ އަމިއްލަ ހުނަރާއި ގާބިލުކަމުން އެކަންޏެއް ނޫނެވެ.

"ބާސެލޯނާ މިހާ ހިސާބުގައި އޮތީ މެސީގެ ސަބަބުންނެއް ނޫން،" ގްރެޓާކޯސް ބުންޏެވެ.

"މެސީއަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް، އެކަމަކު މޮޅުވަނީ ކްލަބު. ނޭމާ، ސުއަރޭޒް، އިނިއެސްތާ، ޕީކޭ އަދި އެހެން ކުޅުންތެރީންނާ ނުލައި މެސީ އެހާ ރަނގަޅު ކުޅުންތެރިއަކަށް ނުވީސް."

comment ކޮމެންޓް