މިސްކިތު ފަންޑަށް ފައިސާ ހޯދަން އެޅި 10 ބުރީގެ އިމާރާތް ހުޅުވައިފި

މިސްކިތު ފަންޑަށް ފައިސާ ހޯދުމަށް މާލޭގައި އިމާރާތްކުރި 10 ބުރީގެ އިމާރާތް ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މިސްކިތު ފަންޑަށް ފައިސާ ހޯދުމަށް މާލޭގައި އިމާރާތް ކުރި 10 ބުރީގެ އިމާރާތް ހުޅުވައިފި އެވެ.

މާފަންނު މަދަރުސާ އާއި ކުރީގެ ރާވެރިޔާ ރެސްޓޯރެންޓާ ދެމެދުގައި އޮންނަ ބިމުގައި އިމާރާތް ކުރި އެ އިމާރާތަށް ދީފައިވާ ނަމަކީ "ދާރުލް އީމާން" އެވެ. ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

ތޭވީސް މިލިއަން ރުފިޔާ ހޭދަކޮށްގެން ހަދާ އެ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

އެ އިމާރާތް ބިނާކޮށްފައި ވަނީ މިސްކިތު ފަންޑުގެ ބައެއް ފައިސާ އާއި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.

މިސްކިތު ފަންޑަށް ފައިސާ ހޯދުމަށް މާލޭގައި އިމާރާތްކުރި 10 ބުރީގެ އިމާރާތް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނައިބު ޝައިޚް އިބްރާހީމް އަހުމަދު ވިދާޅުވީ އެ އިމާރާތް ބިނާކުރުމުގެ ޚިޔާލު އިސްލާމިކް މިނިސްޓަރަށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ.

"ދާރުލް އީމާނަކީ ވަގުފް ބިލްޑިންއެއް. މި ވަގުފް ބިލްޑިން ވަގުފް ކުރެވިފައި މި ވަނީ ދިވެހިރާއްޖޭގައިވާ މިސްކިތްތައް އިތުރަށް ތަރައްގީކޮށް، މިސްކިތްތަކުގެ ދައުރު ފުޅާކޮށް މިސްކިތްތަށް ކުރަންޖެހޭ ޚަރަދު ކުރުމަށްޓަކައި ބޭނުންވާ އެހީތައް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ މަގުފަހި ކުރުމަށް،" އިބްރާހީމް އަހުމަދު ވިދާޅުވިއެވެ.

މިސްކިތު ފަންޑަށް ފައިސާ ހޯދުމަށް މާލޭގައި އިމާރާތްކުރި 10 ބުރީގެ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރުގެ ނައިބު އައްޝައިޚް އިބްރާހީމް އަހުމަދު ވާހަކަފުޅު ދައްކަވަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެ އިމާރާތް ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ އިން އިމާރާތުގެ މަރާމާތުގެ ޚަރަދު ކެނޑުމަށްފަހު ބާކީ ފައިސާ ސަދަގާތެއްގެ ގޮތުގައި ވަގުފް ފަންޑުގެ ތެރެއަށް ވަދެގެންދާނެ ކަމަށް އިބްރާހީމް އަހުމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ބިލްޑިންތައް އަތޮޅުތަކުގައި ވެސް ބިނާކުރުމަށް ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ވަގުފުގެ ކަންތައް ރާއްޖެއިން ނެތިގެންދިޔަތާ ދިގު މާޒީއެއްވި ކަމަށާއި ނަމަވެސް ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން ވަގުފް އާލާ ކުރުމުގެ މަސައްކަތް ފެއްޓެވި ކަމަށެވެ.

"އެހެންވީމަ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދެއްވި ލަފާފުޅުގެ މަތިން މިނިސްޓަރު ޑރ. ޝަހީމް ކުރެއްވި އަގުހުރި މަސައްކަތްޕުޅަށްޓަކައި އެމަނިކުފާނަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ އެންމެހައި މުވައްޒަފުންގެ ނަމުގައި ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ޒިޔާދު ވިދާޅުވިއެވެ.

މިސްކިތު ފަންޑަށް ފައިސާ ހޯދުމަށް މާލޭގައި އިމާރާތްކުރި 10 ބުރީގެ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވާހަކަފުޅު ދައްކަވަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެ މަސައްކަތަކީ އިސްލާމީ އިގްތިސާދަށް ލިބިގެންދާ ވަރަށް މުހިންމު ބިންގަލެއް ކަމަށާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަގުފް އިމާރާތްތަކުން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"އެހެންވީމަ ދައުލަތުގެ އިގްތިސޯދުގެ މުހިންމު އެއްބައި އަދާކުރާ ކަމެއްގެ ގޮތުގައި ހިމެނިގެން މިދަނީ ވަގުފުގެ މަސައްކަތް. އެހެންވީމަ ރާއްޖޭގެ ދިގު ތާރީޚުގައި މިކަން ހުއްޓުމަށްފަހު މިއަދު އިރާދަކުރެއްވިއްޔާ ﷲ ގެ ރަހުމަތުން އަޅުގަނޑުމެންގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވިސްނުންފުޅާއެކު މި މަސައްކަތް ފެށިގެން މިދިޔައީ،" ޒިޔާދު ވިދާޅުވިއެވެ.

comment ކޮމެންޓް