އިރާނުން އޯޑަރު ކުރި މަތިންދާ ބޯޓުތަކުގެ ތެރެއިން ފުރަތަމަ ބޯޓު އެގައުމަށް ފޮނުވައިފި

އިރާން އެއާއަށް ގެނައި އާ މަތިންދާ ބޯޓަށް ތެހެރާނުގައި-- ފޮޓޯ/ އޭޕީ

އިރާނުން އޯޑާރު ކުރި އެއާބަސް މަރުކާގެ 100 މަތިންދާބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު އެ ގައުމަށް ފޮނުވައިފި އެވެ.

އިރާނުން ކުރިޔަށް ގެންދިޔަ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އެގައުމާ މެދު އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް މިދިޔަ އަހަރު އުވާލި އެވެ. އިރާނާ މެދު އެޅި ފިޔަވަޅުތަކުގެ ދަށުން، އެ ގައުމަށް ހުޅަނގުގެ ގައުމުތަކުން ޕެސެންޖަރު ޖެޓްލައިނަރު ފަދަ ބޯޓުތައް ނުވިއްކައެވެ.

ނަމަވެސް އިރާނާ މެދު އެޅި ފިޔަވަޅުތައް އުވާލުމާ އެކު އިރާނުގެ ގައުމީ އެއާލައިން "އިރާން އެއާ"އަށް އެގައުމުން ވަނީ ގިނަ އަދަދެއްގެ މަތިންދާ ބޯޓު ގަތުމަށް، އެއާބަސް އަދި ބޮއިންގް ކުންފުނީގައި އޯޑަރު ދީފައެވެ. އެއީ އެއާބަސްއިން 100 ބޯޓު، އަދި ބޮއިންގްއިން 80 ބޯޓު ގަތުމަށެވެ.

މި އޯޑަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ބޯޓެއްގެ ގޮތުގައި އިރާނަށް ލިބުނީ އެއާބަސް އޭ321 މަރުކާގެ ބޯޓެކެވެ. ފްރާންސްގެ ޓުލޫސްއިން ފުރައިގެން ތެހެރާނަށް އިއްޔެ އެ ބޯޓު އައި އިރު، އެ ބޯޓަށް މަރުހަބާ ކިޔުމަށް ޚާއްސަ ހަރަކާތެއް އެއާޕޯޓުގައި ކުރިޔަށް ގެންދިޔައެވެ. އެ ބޯޓުގައި ތެހެރާނަށް އައި ފަސިންޖަރުންގެ ތެރޭގައި އިރާނުގެ ޓްރާންސްޕޯޓު މިނިސްޓަރު އައްބާށް އަކޫންދީއާއި، އެއާބަސް ކުންފުނީގެ ރައީސް އަދި ސީއީއޯ ފެބްރީސް ބްރެޖިއޮ ހިމެނެއެވެ.

އެއާބަސް ކުންފުންޏަކީ ފަރަންސޭސިވިލާތާއި ޖަރުމަނާއި އިނގިރޭސިވިލާތް ގުޅިގެން އުފައްދާފައިވާ ކުންފުންޏެއް ނަމަވެސް އެ ކުންފުނިން އުފައްދާ ފަސިންޖަރު މަތިންދާބޯޓުތައް އެސެމްބްލް ކުރުމަށް ބޭނުންވާ ބައިތަކުގެ ތެރެއިން 10 އިންސައްތަ އަށް ވުރެ ގިނަ ބައިތައް އުފައްދަނީ އެމެރިކާގަ އެވެ. އެހެންކަމުން އެއާބަސްގެ ނިންމުންތައް ނިންމާ އިރު އެމެރިކާގެ ބަސް ވެސް ބޭނުންވެއެވެ.

އެމެރިކާއިން އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮތުމުގެ ސަބަބުން އިރާނަށް ވައިގެ ދަތުރުފަތުރު އޮތީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ. އީރާނާއި އެމެރިކާއާ ދެމެދުގައިވާ ހަތުރުވެރިކަމުގެ ސަބަބުން އެމެރިކާ، 1990 އިން ފެށިގެން އީރާނަށް މަދަނީ އަދި އަސްކަރީ މަތިންދާބޯޓު ވިއްކުން މުޅިން މަނާކުރިއެވެ.

އިރާނުގައި 80 މިލިޔަނުގެ އާބާދީއެއް އުޅޭ އިރު، އެ ގައުމުގެ ގައުމީ އެއާލައިން ފްލީޓުގައި މީގެ ކުރިން އޮތީ 70އެއްހާ ބޯޓެވެ. މި ބޯޓުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް އިރާނުން ހޯދައި އުޅުނީ ކަޅު ބާޒާރުންނެވެ.

comment ކޮމެންޓް