ވަޒަން ނާރާ އަދި ބަންޑުން ޖަހާލިޔަސް ގެއްލުން ނުވާ ފަސް އުޅަނދެއް އެމްއެންޑީއެފަށް

އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ކަނޑުގެ ފްލީޓަށް އިތުރުވި ފާސްޓް އިންޓަސެޕްޝަން ކްރާފްޓްގެ އުޅަނދެއް އިއްޒުއްދީން ފާލަން ކައިރީގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްއެންޑީއެފްގެ ކޯސްޓްގާޑަށް އަލަށް ގެނައި ވަޒަން ނާރާ، ފާސްޓް އިންޓަސެޕްޝަން ކްރާފްޓް (އެފްއައިސީ) ހަ އުޅަނދު ހިދުމަތަށް ނެރެފިއެވެ.

ކަނޑުމަތީގެ ހާއްސަ އޮޕަރޭޝަންތަކާއި ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހާއްސަ ކުރެވިފައިވާ އެ އުޅަނދުތަކަކީ ސްރީލަންކާގެ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ކަނޑުގެ ފްލީޓަށް ގެނައި އުޅަނދުތަކެކެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ކަނޑުގެ ފްލީޓަށް އިތުރުވި ފާސްޓް އިންޓަސެޕްޝަން ކްރާފްޓްގެ އުޅަނދުތައް ހިދުމަތަށް ނެރެދިނުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ އެއްބަސްވުމުގެ ދަށުން ޖުމްލަ 129 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ފަސް އުޅަނދެއް ލަންކާއިން ގެނެސްފައިވާއިރު، ކޮރެއާ ސަރުކާރުން ހަދިޔާކުރި އުޅަނދެއްވެސް ހިދުމަތަށް ނެރެފައިވެއެވެ.

އެ އުޅަނދުތަކަށް ނަން ދީފައިވަނީ ރާއްޖޭގައި ކުރިން ގާއިމްވެފައި އޮތް ހަވަރުގެ ނަމުންނެވެ. އެނަންތަކަކީ، ދަހަރާ، ހަކުރާ، ފާމަދޭރި، ވެލާނާ، މާފަތް އަދި ދޮށިމޭނާއެވެ.

ޖުމްހޫރީ މައިދާނާއި އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، އެ އުޅަނދުތައް ރަސްމީކޮށް ހިދުމަތައް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ކަނޑުގެ ފްލީޓަށް އިތުރުވި ފާސްޓް އިންޓަސެޕްޝަން ކްރާފްޓްގެ އުޅަނދެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ، އެ އުޅަނދުތައް ބޭނުންކުރާނީ ރާއްޖޭގެ އުތުރާއި ދެކެނުގައި ގާއިމްކޮށްފައިވާ ސިފައިންގެ ހަތަރު މަރުކަޒުތަކުގައި ކަމަށެވެ.

އެގޮތުން އެ އުޅަނދުތައް ބޭނުން ކުރާނީ ކޮންމެ ސަރަހައްދެއްގެ 12 މޭލުގެ ރޭޑިއަސްއެއްގައި ކަމަށާއި އޭރުން ކުރިން އެ ސަރަހައްދު ބަލަހައްޓަމުންދިޔަ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތަކަށް 12 މޭލުގެ ރޭޑިއަސް އިން ބޭރުގައި އަބަދުވެސް ހަރަކާތްތެރިވަމުން ގެންދެވޭނޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުނގަޑުމެންގެ އުއްމީދަކީ މި ސެކިއުރިޓީ ސަރކަލްގެ ތެރެއަށް ވައިގެ އުޅަނދު ފަހަރުވެސް ހިމެނުން. އިރާދަކުރެއްވިއްޔާ އެކަން ވެސް ފުރިހަމަވެގެންދާނެ،" ޝިޔާމް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ކަނޑުގެ ފްލީޓަށް އިތުރުވި ފާސްޓް އިންޓަސެޕްޝަން ކްރާފްޓްގެ އުޅަނދެއް ރައީސްގެ ދެކަނބަލުން ބައްލަވާލައްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޯސްޓްގާޑް ފްލީޓަށް މިއަދު ނެރުނު އެފްއައިސީ ތަކަކީ ވަޒަން ނާރާ ގޮތަށް، އަދި ކަނޑުމަތީގައި ބަންޑުން ޖަހާލި ނަމަވެސް ގެއްލުމެއް ނުލިބޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ.

އަދި ގަޑިއަކު 48 މޭލު ބާރަށް ދުވުމުގެ ގާބިލްކަން ލިބިފައިވާ އެ އުޅަނދުތަކުގައި މިސައިލް ހަރު ކުރެވޭނެ ކަމަށް ވެސް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް