އިންޑިއާގެ "ރިޕަބްލިކް ޑޭ ކޭމްޕް"ގައި ރާއްޖޭގެ ހަތަރު ކެޑޭޓަކު ބައިވެރިވަނީ

އިންޑިއާގެ ގައުމީ ކެޑޭޓް ކޯގެ ފަރާތުން ބާއްވަމުން އަންނަ "ރިޕަބްލިކް ޑޭ ކޭމްޕް" ގައި ރާއްޖޭން ބައިވެރިވާ ކެޑޭޓުންނާއި އޮފިޝަލުންނާއެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް --- ފޮޓޯ/ އެޑިއުކޭޝަން

އިންޑިއާގެ ގައުމީ ކެޑޭޓް ކޯގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ރިޕަބްލިކް ޑޭ ކޭމްޕް"ގައި ރާއްޖޭން ހަތަރު ކެޑޭޓުން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މަހުގެ 15 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އިންޑީއާގެ ނިއުދިއްލީ ގައި ކުރިއަށްދާ މި ކޭމްޕްގައި ރާއްޖޭން ބައިވެރިވާ ހަތަރު ކެޑޭޓުންގެ ތެރޭގައި ހިމެނެނީ ޖަމާލުއްދީން ސްކޫލްގެ ދެ ދަރިވަރަކާއި މުހިއްދީން ސްކޫލްގެ ދަރިވަރަކާއި ހަމަދު ބިން ހަލީފާ އާލް ސާނީ ސްކޫލްގެ ދަރިވަރެކެވެ. ކެޑޭޓުންނާއެކު އޮފިސަރަކާއި ޑިރެކްޓަރު ޖެނެރަލެއް ބައިވެރިވާނެއެވެ.

ކޭޕްމްގެ ބައިވެރިން އިންޑީޔާއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އިންޑިއާއަށް ފުރާ ކެޑޭޓުންނާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަނީ މިއަދު ބައްދަލު ކުރައްވައި ދިވެހި ކެޑޭޓުންނަކީ އެހެން ގައުމުތަކުގެ ކެޑޭޓުންނަށް ނަމޫނާ ދަރިވަރުންތަކަކަށްވެ، ރިވެތި އަހުލާގު ދެމެހެއްޓުމަށް އިލްތިމާސް ކުރައްވައިފައެވެ.

އެ ކޭމްޕްގައި ކެޑޭޓުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި އިންޑިއާގެ މިލިޓަރީ އެކަޑަމީ އަށާއި ޖައިޕޫރު އަދި ތާޖްމެހެލްގެ އިތުރުން ކުތުބްމިނާރްއާއި އިންޑިއާގެ އާސާރީ ތަންތައް ހިމެނެ އެވެ. އަދި އެ ޒިޔާރަތްތަކުގައި އެ ތަންނަނުގެ އިސްވެރިންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވެއެވެ.

ފާއިތުވެދިޔަ އަހަރުގެ ފަހުކޮޅު ސްރީލަންކާ އަދި ބަގްލަދޭސް ކޭމްޕުގައި ގައުމީ ކެޑޭޓް ކޯގެ ފަރާތުން ބައިވެރިވެފައިވާއިރު، އިންޑިއާގައި ބާއްވާ ކޭމްޕަކީ ފާއިތުވެދިޔަ ފަސް މަސްދުވަހުގެ ތެރޭގައި ގައުމީ ކެޑޭޓް ކޯގެ ފަރާތުން ބައިވެރިވާ އިންޓަނޭޝަނަލް ތިންވަނަ ކޭމްޕެވެ.

comment ކޮމެންޓް