"ފުޓްސަލް ދަނޑުތަކުން ދެން ފެނިގެންދަނީ ބޮޑު ތަފާތެއް"

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ތަރައްގީކުރެވުނު ފުޓްސަލް ދަނޑެއް --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ފާއިތުވެދިޔަ ތިން އަހަރު ދުވަސްތެރޭ، ކުޅިވަރުގައި އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކުޅިވަރު މެނިފެސްޓޯގެ ދަށުން ތަރައްގީ ކުރާ ސްޕޯޓްސް އެރީނާ މަޝްރޫއު ހިމެނެ އެވެ. އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑުތަކާއި، ވޮލީ ކޯޓުތަކާއި، ބަށި ކޯޓުތައް އަދިވެސް ކުޅިވަރު ތަރައްގީ ކުރުމަށް ބޭނުންވާ ހިދުމަތްތައް ހިމެނެ އެވެ.

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ދަނޑުތަކާއި ކޯޓުތަކުގެ ތެރެއިން ވެސް ފުޓްސަލް ދަނޑުތައް ވަރަށް ފާހަގަކޮށްލެވެ އެވެ. ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެ މަޝްރޫއުގެ މަސައްކަތެއް ނުހިނގާ ރަށެއް ނެތެވެ. ސަބަބަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑުތައް އެޅި، މިހާރު ޒުވާނުން ދަނީ 'ހެވިލާފައި' އެ ދަނޑުތަކުގެ ބޭނުން ހިފަމުންނެވެ. މިހާރު ތަރައްގީކުރާ ފުޓްސަލް ދަނޑުތަކުން ބޮޑު ތަފާތެއް ފެންނާނެ އެވެ.

މިހާރު ކިތައް ފުޓްސަލް ދަނޑު ނިމިއްޖެ؟

ފުޓްސަލް ދަނޑުތައް އަދި ސްޕޯޓްސް އެރީނާ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ވެސް ސަރުކާރުން ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ ދަށުން އަޅަން ހަމަޖެހުނު ހުރިހާ ދަނޑެއްގެ މަސައްކަތް ނިމި، މިހާރު އެ ރަށްރަށުގައި ދަނީ އެ ދަނޑުތަކުގެ ބޭނުން ހިފަމުންނެވެ.

'ސަން' އަށް މައުލޫމާތުދެއްވަމުން ކުޅިވަރާބެހޭ ވުޒާރާގެ އިންފޮމޭޝަން އޮފިސަރު ހުސައިން އަމީން ވިދާޅުވީ، ސްޕޯޓްސް އެރީނާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 36 ދަނޑު ތަރައްގީކޮށްފައިވާނެ ކަމަށާއި އެ މަސައްކަތް ވަރަށް ކާމިޔާބާއެކު ނިންމާލެވުން ކަމަށެވެ.

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ފުޓްސަލް ދަނޑުތަކުގައި އަޅާ ބައެއް ޓާފްތައް މާލޭގައި --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރާ ފުޓްސަލް ދަނޑުތަކުން ތަފާތެއް!

ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރެވުނު ފުޓްސަލް ދަނޑުތަކާއި ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރުމަށް ހަމަޖެހުނު ފުޓްސަލް ދަނޑުތަކުން ތަފާތުތަކެއް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ފުޓްސަލް ދަނޑުތަކުގެ ފެންވަރުގެ ތަފާތު ފާހަގަކޮށްލެވެ އެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރެވުނު ފުޓްސަލް ދަނޑުތަކުގައި އަޅާފައި ވަނީ މެޓް އެވެ. ނަމަވެސް ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރަމުންދާ ފުޓްސަލް ދަނޑުތަކުން ފެނިގެންދާނީ މެޓްގެ ބަދަލުގައި ޓާފް އެވެ.

"އަޅުގަނޑުމެން މެޓްގެ ބަދަލުގައި ޓާފް އަޅަން ނިންމީ ކުޅިވަރުގެ ތަޖުރިބާކާރުންގެ ލަފާގެ މަތިން. އެ ބޭފުޅުން ވިދާޅުވާގޮތުން ނަމަ މެޓް އަށްވުރެ، ފެންވަރުގެ ގޮތުން ޓާފްގެ ފެންވަރު ރަނގަޅު. އަދި ބޭނުންކުރާ ފަރާތްތަކަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ،" އަމީން ވިދާޅުވި އެވެ.

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ފުޓްސަލް ދަނޑުތައް --- ފޮޓޯ/ ޔޫތު މިނިސްޓްރީ

މިއަހަރު ތެރޭގައި 100އަށްވުރެ ގިނަ ފުޓްސަލް ދަނޑު ނިމިގެންދާނެ!

ކުޅިވަރާބެހޭ ވުޒާރާގެ މިއަހަރުގެ މައިގަނޑު އަމާޒެއް އެބައޮތެވެ. އެއީ މިއަހަރުގެ ތެރޭގައި 100އަށްވުރެ ގިނަ ފުޓްސަލް ދަނޑުތައް ތަރައްގީކޮށް، ޒުވާނުންނަށް އެ ދަނޑުތަކުގެ ބޭނުން ކުރެވޭގޮތް ހަދައިދިނުމެވެ. މިހާރު ޓާފް އަޅައިގެން ބައެއް ދަނޑުތައް ވަނީ ތަރައްގީކޮށް އެއްކޮށް ނިންމައިފަ އެވެ.

މިއަހަރު ތެރޭގައި 100އަށްވުރެ ގިނަ ދަނޑު އެކި ރަށްރަށުގައި ތަރައްގީކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އަމީން ދެއްވި އިރު، ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރާ ފުޓްސަލް ދަނޑުތަކުގެ މަސައްކަތް މިހާރު ވެސް ބާރު ސްޕީޑެއްގައި ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެވަނަ ފިޔަވަހީގެ ދަށުން 20 ރަށެއްގައި ތަރައްގީކޮށްފައިވާ ފުޓްސަލް ދަނޑުތަކަށް ބޭނުންވާ ޓާފް މިހާރު ވަނީ ރާއްޖެ ގެނެސްފައި. އޭގެ ތެރެއިން ފަސް ރަށަކަށް މިހާރު ވަނީ ޓާފް ފޮނުވާލެވިފައި. ބައެއް ރަށްރަށުގެ ދަނޑުތަކުގެ މަސައްކަތް ކޮންޓްރެކްޓަރުން ދަނީ ކުރަމުން. އޭގެ ތެރެއިން ގިނަ ދަނޑުތަކުގެ ފެންސް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ،" އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ފުޓްސަލް ދަނޑުތައް ތަރައްގީ ކޮށްފައި ވަނީ އެ ރަށެއްގެ އާބާދީއަށް ބަލައިގެންނެވެ. ނަމަވެސް ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރާ ފުޓްސަލް ދަނޑުތަކަކީ އާބާދީ އަކަށް ބަލައިގެން ތަރައްގީކުރާ ފުޓްސަލް ދަނޑުތަކެއް ނޫނެވެ. އެ ފުޓްސަލް ދަނޑުތައް ހުރިހާ ރަށަކުން ވެސް ފެނިގެންދާނެ އެވެ. މިހާރު ވެސް ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރާ 80އަށްވުރެ ގިނަ ދަނޑުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ތަރައްގީކުރެވުނު ފުޓްސަލް ދަނޑެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ ޔޫތު މިނިސްޓްރީ

މިއަހަރު ސްޕޯޓްސް އެރީނާ މަޝްރޫއުގެ ބޮޑުބައެއް ނިމިގެންދާނެ!

މިއަހަރު ތެރޭގައި ގިނަ ފުޓްސަލް ދަނޑުތަކެއް ތަރައްގީކޮށް ނިންމުމުގެ އަމާޒުގެ އިތުރުން ސްޕޯޓްސް އެރީނާ މަޝްރޫއުގެ ބޮޑު ބައެއް ނިންމުމަށް ކުޅިވަރާބެހޭ ވުޒާރާ އިން ވަނީ އަމާޒު ހިފައިފަ އެވެ. އެ މަޝްރޫއުގެ ދަށުން ހިމެނޭ ގިނަ ފުޓްސަލް ދަނޑުތަކާއި، ވޮލީ ކޯޓުތަކާއި، ބަށި ކޯޓުތަކުގެ އިތުރުން ވެސް ކުޅިވަރު ވަސީލަތްތައް ތަރައްގީކޮށް ނިންމުމަށް އަމާޒު ހިފާފައިވެ އެވެ.

"މިއަހަރުގެ ތެރޭގައި ސްޕޯޓްސް އެރީނާ މަޝްރޫއުގެ 75 އިންސައްތަގެ މަސައްކަތް ނިންމުމަކީ އަޅުގަނޑުމެން އަމާޒެއް. އިރާދަކުރެއްވިއްޔާ ބޮޑުބައެއް މިއަހަރު ނިމެންވާއިރަށް ނިންމާލެވޭނެ،" އަމީން ވިދާޅުވި އެވެ.

ޒުވާނުންނާއި ކުޅިވަރު އެތުލީޓުންނަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް މި އަހަރު ނިންމާލުމުގެ ފެހި ސިގްނަލް ކުޅިވަރާބެހޭ ވުޒާރާ އިން މިހާރު އެދަނީ ދެމުންނެވެ. އެއީ އުފާވެރި ކަމެކެވެ. އޭގެ އިތުރުން ބައެއް ކުޅިވަރު ވަސީލަތްތައް ރަސްމީކޮށް ހުޅުވުމުގައި ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެކަމަނާ ބޯޅަ ޖައްސަވާ މަންޒަރު ބަލައިލުމަށް ކުޑަ އިންތިޒާރެއް ކޮށްލުމަކީ ކުޅިވަރާބެހޭ ވުޒާރާގެ އެދުމެކެވެ.

comment ކޮމެންޓް