Sun Online

ސިއްހީ ދާއިރާއާ ބެހޭ ގޮތުން ޑަބްލިއުއެޗްއޯއާ އެކު ދުންޔާ މަޝްވަރާ ކުރައްވައިފި

މާހިލް މުހައްމަދު
ލިޔުނީމާހިލް މުހައްމަދު

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި މައްސަލަތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބާ އެކު މަޝްވަރާ ކުރައްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމު ގަބޫލުކުރައްވައި، މިހަފްތާގައި މަގާމުގެ މަސްއޫލިއްޔަތުތައް ފެއްޓެވި ދުންޔާ މައުމޫން، އިއްޔެ ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތުރުއާ ބައްދަލުކުރައްވައިފަ އެވެ.

ދެބޭފުޅުން ވަނީ، ރާއްޖޭގެ އާންމު ސިއްހަތާއި، ސިއްހީ ނިޒާމުގައި ހުރި ބައެއް ގޮންޖެހުންތަކާއި އިތުރަށް ސަމާލުވާން ޖެހޭ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

މީގެ ކުރިން ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގެ އިތުރުން، ޔޫއެންއެފްޕީއޭގެ ރާއްޖޭގެ އޮފީހުގައި ވެސް މަސައްކަތް ކުރެއްވި ދުންޔާ މީގެ ކުރިން ވަނީ، އދ.އާއި އެ ޖަމިއްޔާގެ ދަށުން އެކުލަވާލާފައިވާ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފަދަ އޭޖެންސީތަކާ ވަރަށް ގާތުން މަސައްކަތް ކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ މައުމޫން އެމަގާމުން އިސްތިއުފާދެއްވީ، ސަރުކަރުގެ ބައެއް ސިޔާސަތުތަކާ ހިތްހަމަޖެހިވަޑައިނުގެން، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އޭގެ ހަ މަސް ފަހުން ދުންޔާ ސަރުކާރަށް ގުޅިވަޑައިގަތީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ފުރުސަތެއް ލިބިވަޑައިގަތުމުން އެ ފުރުސަތުގެ ބޭނުން ހިއްޕެވުމުގެ ގޮތުން ކަމަށް އެކަމަނާ ވިދާޅުވެ އެވެ.

×
DB released.