މުޅި ރާއްޖެއަށް ހުޅުވާލައިގެން އިންޓަރ ސްކޫލް ޤުރުއާން މުބާރާތެއް ބާއްވަނީ

މިރޭގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޒިޔާދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުޅި ރާއްޖެއަށް ހުޅުވާލައިގެން، ކިޔަވާ ކުދިންނަށް ހާއްސަކޮށް މިއަހަރުގެ ތެރޭގައި އިންޓަސްކޫލް ޤުރުއާން މުބާރާތެއް ބޭއްވިގެންދާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، ރާއްޖެ އިސްލާމްވީ ދުވަހާ ގުޅުވައިގެން މިރޭ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކިޔަވާ ކުދިންނަށް ޤުރުއާން މުބާރާތެއް ހުޅުވާލެވޭނެ. ދިވެހިރާއްޖޭގަ އިންޓަސްކޫލް ފުރަތަމަ ޤުރުއާން ކިޔެވުމުގެ މުބާރާތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ކުރިއަށްދާނެ،" މިނިސްޓަރު ޒިޔާދު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވަނީ ދާދިފަހުން ކުރިއަށްގެންދިޔަ ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވެ، އެކި ވަނަތައް ހޯދި ފަރާތްތަކަށް އިނާމާއި ޓްރޮފީވެސް ހަވާލުކޮށްފައެވެ.

އެ ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ، ރީތިކޮށް ރީތި އަޑުތަކުން މިއަދު ޤުރުއާން ކިޔަވާ އަޑު އިވުނު ކަމުގައި ވިޔަސް، ހިތާމައަކީ ޤުރުއާނުގެ އަދަބު އަޚުލާގު މިއަދު މީހުންގެ ކިބައިން ފެންނަލެއް މަދު ކަމަށާއި، އެ ރީތި ސިފަ މިއަދު އެންމެންގެ ގައިގައި ވެސް އަށަގަންނުވަން ޖެހޭ ކަމަށެވެ.

"ރީތިކޮށް ޤުރުއާން ކިޔަވާ ފަދައިން ޤުރުއާނުގައި އެ ހުންނަ ރީތި އަދަބާ އަހުލާގު، އެ ފިލާވަޅުތަކުން އަޅުގަނޑުމެންގެ ހިތްތަކާ ދޫތައް އެބަޖެހޭ ޒީނަތްތެރިވާން،" މިނިސްޓަރު ވިދާޅުވި އެވެ.

މުޖުތަމައުގެ ތެރޭގައި އޮންނަ އެކިއެކި ފަރުދީ ގުޅުންތައް އެކުވެރިވެ، އެއްބައިވެ އެއް މުޖުތަމައަކަށް ދެވޭނީ ކީރިތި ޤުރުއާނުގައި އޮންނަ، ރީތި އަދަބާއި އަހުލާގުން އެންމެން ވެސް ޒީނަތްތެރިވެގެން ކަމަށާއި އެނޫން ގޮތަކަށް އިސްލާމީ މުޖުތަމައެއް ގާއިމެއް ނުކުރެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޒިޔާދު ވިދާޅުވީ، ދީން ހިމާޔަތް ކުރުމަށް އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި ދީނީ އަހުލާގު ހިތްތަކުގައި އަށަގަންނަވައި ދީނީ މައުލޫމާތުތައް ވެސް ހޯދަން މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އަދި ގައުމު ހިމާޔަތް ކުރެވޭނީ ދީން ހިމާޔަތްކޮށްގެންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް