އިސްލާމްދީންގެ މަތިވެރި ޝިއާރު ފެތުރުމަށްޓަކައި ކުރިއަށް ހުރި އަހަރުތަކަށް ހަރުދަނާ ޖީލެއް ބިނާކުރުން މުހިއްމު ކަމަށާއި، ނޫނީ ދީނީ ގޮތުން ބޮޑު ގެއްލުމަކާ ރާއްޖޭން ކުރިމަތިލާންޖެހޭނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ހަތަރުވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، އިމާމުވެ ނަމާދުކުރުމާއި ބަންގި ގޮވުމަކީ އިސްލާމްދީނުގައި މަތިވެރި ޝަރަފެއް ދީފައިވާ މަސައްކަތެއް ކަމަށެވެ. އަދި ޚަތީބުކަން ކުރުމަކީ މަތިވެރި މަސްއޫލިއްޔަތެއްކަން ޝަހީމް ފާހަގަކުރެއްވިއެވެ.
ރޭ ދަސްވެނިވި ޚަތީބުންނަށް ޝަހީމް ވަނީ، ހެޔޮ މަގުގައި ތިބުމަށް އަޒުމް ކަނޑައެޅުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
"ގަޑިއަށް ފަރުވާތެރިވުމާއި އެކަމަށް ކަމޭހިތުމާއި ޚުތުބާ ކިއުމަށް މިންބަރަށް އެރުމުގެ ކުރިން ޚުތުބާ މުރާޖައާކުރުމާއި، އެއީ ކިތަންމެ މޮޅު މީހަކު ވިޔަސް އެ މީހަކު ޖެހޭ އެކަން ކުރަން، އެއީ ފަހަރުގަ ޚުތުބާ ކިޔުމުގެ ތެރޭގައި އޮޅިގެން ކުށެއް ކިޔިދާނެތީ،" ޚުތުބާ ކިޔާއިރު އަމަލުކުރަންޖެހޭ ބައެއް ކަންކަން ކިޔައިދެއްވަމުން ޝަހީމް ވިދާޅުވިއެވެ.
ޒުވާން ޚަތީބުންނަކީ ތަފާތު މާތް މީހެއްކަން ރަމްޒުވާން ޖެހޭނެ ކަމަށާއި، އެހެން ކުދިންނަކަށް ނަމޫނާއަކަށް ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒުވާން ޚަތީބުންގެ ޕްރޮގްރާމުން ރޭ ސަނަދު ހާސިލްކުރި ބައެއް ޚަތީބުން --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝަހީމް ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް ކަންބޮޑުވުުމަކީ ބައެއް ރަށްރަށުގައި ޚުތުބާ ކިޔާ މީހުން މަދުވެ، ބައެއް ރަށްރަށުގައި އިމާމުވެ ނަމާދުކުރާ މީހުން ނެތުމެވެ. އެހެންވެ، ޚުތުބާ ކިޔައި އިމާމުވާން އެހެން ރަށްރަށުން މީހުން ގެންނަން މަޖުބޫރުވެފައިވާކަން ޝަހީމް ފާހަގަކުރެއްވިއެވެ.
ޚަތީބުކަމުގެ ތަމްރީނަކީ ދީނީ ތައުލީމު އުނގެނުމަށްޓަކައި އެޅިގެންދާ މުހިއްމު ބިންގަލެއްގެ ގޮތުގައި ސިފަކުރައްވައި، ޝަހީމް ވިދާޅުވީ އެ ރޮނގުން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ދޭން ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ.
"ވަރަށް ގިނަ ރަށްރަށަށް މި ދާއިރާއިން ދަތިތައް ހައްލުހޯދައިދީ ކުރިއަށް އޮތް ގަރުނަށް އިސްލާމްދީނުގެ ޝިއާރު ފާޅުކުރާނެ ހަރުދަނާ ވަރުގަދަ ޖީލެއް މި ރާއްޖޭގަ ބިނާކުރުމަކީ އެއީ ކޮންމެހެންވެސް މިއަދުގެ ޖީލުގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެނީ، މިއަދު އަޅުގަނޑުމެން މި މަސައްކަތް ނުކޮށްފިކަމުގައިވަނީ ނަމަ ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑެތި ގެއްލުންތައް އިސްލާމީގޮތުން އަޅުގަނޑުމެންގެ ބައެއް ރަށްތަކާ ކުރިމަތިވާނެ،" ޝަހީމް ވިދާޅުވިއެވެ.
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ތިންވަނަ ބެޗުގައި ސަނަދު ހާސިލްކުރި 269 ޚަތީބުންނާއެކު، މި ޕްރޮގްރާމުގެ ދަށުން ސަނަދު ހާސިލްކުރި ޚަތީބުންގެ ޖުމްލަ އަދަދު 503އަށް އަރާފައިވާކަމަށް، ޝަހީމް ކުރެއްވި ޕޯސްޓެއްގައިވެއެވެ.
އަމާޒަކީ މި ޕްރޮގްރާމުގެ ދަށުން 1،000 ޚަތީބުން ތަމްރީނުކުރުންކަން ޝަހީމް ވަނީ ފާހަގަކުރައްވައިފައެވެ. މި އަމާޒަށް ވާސިލްވުމަށް ދެން ބޭނުންވަނީ އިތުރު 497 ޚަތީބުންނެވެ.
ޚަތީބުންގެ ޕްރޮގްރާމް ހިންގަން ފެށީ ރާއްޖޭގައި އިމާމުން ލިބުން މަދުވުމާ ގުޅިގެންނެވެ.
އެގޮތުން، ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދުކޮށް، ޚުތުބާ ކިޔުމަށް ޝައުގުވެެރިވާ ކުދިންނަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ޚަތީބުކަމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.