އެމްޕީއެލުން ނުއަގުގައި ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ހުޅުމާލެ އެމްޕީއެލް ސަރަހައްދުު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނުއަގުގައި ބާ ދޯންޏެއް ގަތް ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީއަށް މައްސަލަ ހުށަހަޅައިފި އެވެ.

އޭސީސީ އަށް ހުށަހަޅާފައި ވަނީ އަގާ ނުބައްދަލު ބާ އޮޑިއެއް އެމްޕީއެލުން މީހަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދޭން ގަތް ކަމަށް ބުނާ މައްސަލަ އެކެވެ. އެ މައްސަލަ އޭސީސީން މިހާރު ދަނީ ބަލަމުން ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފުސީލެއް އޭނާ ނުދެއްވި އެވެ.

އެކަމާ ގުޅިހެން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު 'ސަން' އަށް ވިދާޅުވީ އެމްޕީއެލުން ދޯންޏެއް ގަތީ އެތަނުގެ މުވައްޒަފުން ކުރަން ޖެހޭ އެކި އެކި ދަތުރުތައް ކުރުމަށާއި މާލެއިން ތިލަފުއްޓަށް އުފުލަން ޖެހޭ ބައެއް މުދާ އުފުލުމަށް ކަމަށެވެ. އެއީ ބާ ދޯންޏެއް ނޫން ކަމަށް ޖުނައިދު ވިދާޅުވި އެވެ.

އެ ދޯނި ގަތް ސީދާ އަގު ހަނދާން ނެތް ކަމަށް ޖުނައިދު ވިދާޅުވި އެވެ. އަދި ދޯނި ގަތުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ނޫން ކަމަށާއި، އެކަން ކުރީ މަޝްވަރާތަކަށް ފަހު ކަމަށް ޖުނައިދު ވިދާޅުވި އެވެ.

" ެދޯންޏަކީ ބާ ދޯންޏެއް ނޫން. ދޯނީގެ އެއްކޮޅު މުދާ އުފުލަން އަދި އަނެއްބައިގައި މީހުންނަށް ތިބެވޭ ގޮތަށް ހަދަން ދޯނި އެހެލީ. އެމްޕީއެލްގެ ދަތުރުތައް ކުރަން ގަތް ދޯންޏެއް އެއީ" ޖުނައިދު ވިދާޅުވި އެވެ.

އޭސީސީން ދަނީ އެމްޕީއެލްގެ އިތުރު މައްސަލައެއް ވެސް ބަލަމުންނެވެ. އެއީ މެރީޑިއަމުން އެމްޕީއެލްއަށް ތެޔޮ ސަޕްލައިކުރަން ދިނުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނާ މައްސަަލަ އެކެވެ.

comment ކޮމެންޓް