ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގެ މައްސަލަތައް އޭސީސީން ބަލަނީ

އޭސީސީގެ ރައީސް ހަސަން ލުތުފީ ---

ހައުސިން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބޮޑެތި މައްސަލަތައް ގޮތުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ހައުސިން މިނިސްޓްރީން ވަޒީފާ ދިން މީހަކަށް ވަޒީފާއާ ހަވާލުނުވަނީސް މުސާރަދީފައިވާ ކަމަށް ފާހަގަކޮށްފައިވާ މައްސަލަ ހިމެނޭ ކަމަށެވެ.

ތިޖޫރިއާ ބެހޭ ލިޔުންތައް ބެލަހައްޓާފައިނުވުމުގެ ސަބަބުން ތިޖޫރީގައި ހުންނަ ފައިސާގެ އަދަދު ކަށަވަރު ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަ ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިޖޫރީން ފައިސާ މަދުވޭތޯ ބަލައި މަދުވާ ނަމަ އެ މައްސަލަ އަޅުގަނޑުމެން ބަލާނަން،" ލުތުފީ ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް ރަށްރަށުގެ މަގުހެދުމާ ގުޅޭ ގޮތުން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަ ވެސް ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ހުރި ބައެއްކަންކަން ސާފުނުވާތީ އޮޑިޓް އޮފީހާ ވާހަކަދައްކައިގެން އެކަންކަން ސާފުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް