ދުވާރު އުހެއްނުކުރަން، އިތުރަށް ފުރިހަމަ ކުރަނީ: މުއިއްޒު

މަޖީދީމަގުގެ ދުވާރުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ ޑރ. މުއިއްޒު

މަޖީދީމަގުގެ ދުވާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ތިރިކޮށްފައިވާ ބައި، "ޑިސޭބަލްޑް އެކްސެސް" ނުނަގާ ކަމަށާއި، ކުރިއަށް ދަނީ އެތަންތަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިރޭ ވަކި ވަކިން ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މަޖީދީމަގުގެ ދުވާރުގެ ޑިސޭބަލްޑް އެކްސެސްތަކުގެ ތެރެއިން ބައެއް ތަންތަން އިތުރަށް ފުރިހަމަ ކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި، އެތަންތަން ނަގަމުންދާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

މުއިއްޒު އެހެން ވިދާޅުވި އިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ފަދަ ގޮތަކަށް ދުވާރުން ތިރިކޮށްފައިވާ ބައެއް ދުވާރުތަކުގެ ކަންތައް އަލުން ރާނައި އުސްކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔަމުންނެވެ.

މަޖީދީމަގު ތަރައްގީ ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުން އަންނަ އިރު، ފުރޮޅުލީ ގޮނޑިއާއި، އަސާގަނޑު ބޭނުން ކުރާ ފަރާތްތަކަށް ފަސޭހައިން ދުވާރު ބޭނުން ކުރެވޭ ގޮތަށް ދުވާރުގެ ނިމޭ ހިސާބާއި ފެށޭ ހިސާބުތައް ވަނީ ތިރިކޮށްފައެވެ.

comment ކޮމެންޓް