ކިމް ކާޑޭޝިއަންގެ ގަހަނާތައް ވަގަށްނެގި މައްސަލައިގައި 16 މީހަކު ހައްޔަރުކޮށްފި

ކިމް ކާޑޭޝިއަން -- ފޮޓޯ/ ރޮއިޓާސް

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ފްރާންސްގެ ޕެރިހުގެ ހޮޓަލެއްގައި، މަޝްހޫރު ރިއަލިޓީ ޓީވީ ސްޓާރ ކިމް ކާޑޭޝިއަންއަށް ބަޑިން ބިރުދައްކައި، އޭނާގެ ގަހަނާތަކެއް ފޭރުނު މައްސަލައިގައި ފްރާންސުން 16 މީހަކު ހައްޔަރުކޮށްފިއެވެ.

ފަރަންސޭސި ފުލުހުން ބުނާ ގޮތުގައި، އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 16 މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ހަތިޔާރުން ބިރުދައްކައިގެން ފޭރުމުގެ މައްސަލަތަކުގެ ރިކޯޑު އޮތް ބައެއް ކަމަށާއި، އެމީހުންގެ މައުލޫމާތު ޑިޓެކްޓިވުންނަށް ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

މި 16 މީހުން ހައްޔަރުކުރީ ޕެރިހާއި، ފްރާންސްގެ އުތުރުން ނޯމަންޑީ ސަރަހައްދާއި ފްރާންސްގެ ދެކުނުގައި، މެޑިޓެރޭނިއަން ކަނޑުގެ އައްސޭރި ސަރަހައްދުންނެވެ.

ފުލުހުން ބުނި ގޮތުގައި، ކިމް ކާޑޭޝިއަންގެ އަތުން ވަގަށް ނެގި ގަހަނާތަކުގައި ހުރި އިނގިލީގެ ނިޝާންތަކަށް ދިމާވާ ދެ މީހަކު، އެ 16 މީހުންގެ ތެރޭގައި ވެއެވެ. އޭގެ ތެރޭގައި 60 އަހަރުގެ މީހަކު ހިމެނެއެވެ. ހައްޔަރުކުރި އެންމެންވެސް، ތަހުގީގަށް ސުވާލު ކުރުމަށްޓަކައި ހަތަރު ދުވަސް ވަންދެން ބަންދުގައި ބޭތިއްބޭނެއެވެ.

ފުލުހުން ދަނީ، ހައްޔަރުކުރި މީހުންނާ ގާތް ގުޅުން ބާއްވާ މީހުން ސާވޭލަންސް ކުރަން ފަށައިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ޕެރިހުގައި ކިމް ހުރި ހޮޓެލްގެ ކޮޓަރިއަށް ވަދެ، ކިމްއަށް ބިރުދައްކައި، އޭނާގެ ކޮޓަރިން ފޭރުނީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ. ކިމް އެރޭ ހޮޓެލްގައި ހުރީ އެކަންޏެވެ. ކިމްގެ ބޮޑީގާޑާއި އޭނާގެ ކޮއްކޮމެން އެވަގުތު ތިބީ ނައިޓުކްލަބެއްގައެވެ.

މީގެ އިތުރުން، ކިމްގެ ފިރިމީހާ ކާންޔޭ ވެސްޓް އެރޭ ހުރީ ނިއު ޔޯކްގައި ކުރިޔަށް ދިޔަ މެޑޯޒް މިއުޒިކް ފެސްޓިވަލުގައި ޕަފޯމް ކުރާށެވެ. ކިމްއަށް ބަޔަކު ބިރު ދައްކައި، އޭނާގެ އަތުން ފޭރުނު ހާދިސާގެ ޚަބަރު ލިބުމާ އެކު، ސްޓޭޖު މަތީގައި ހުރި ކާންޔޭ، އޭނާގެ ލަވަ މެދުކަނޑާލައި، "ފެމިލީ އެމަޖެންސީ"އެއް ދިމާވެއްޖެ ކަމަށް ބުނެ ސްޓޭޖުން ފޭބިއެވެ.

comment ކޮމެންޓް