ބަޑިން ބިރުދައްކައި، ކިމް ކާޑޭޝިއަންގެ ގަހަނާތަކެއް ފޭރިގެންފި

ކިމް ކާޑޭޝިއަން --

ހޮލީވުޑްގެ މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިންގް އަޕް ވިތު ދަ ކާޑޭޝިއަންސް"ގެ ތަރި ކިމް ކާޑޭޝިއަނަށް ބަޑިން ބިރުދައްކައި، އޭނާގެ އަތުން ގިނަ އަދަދެއްގެ ގަހަނާ ފޭރިގެންފި އެވެ.

މިކަން ހިނގާފައި ވަނީ ރޭގެ ވަގުތެއްގައި، ކިމް ފްރާންސްގެ ޕެރިހުގެ ހޮޓަލެއްގައި ހުއްޓަ އެވެ.

ކިމްގެ ތަރުޖަމާނުން ބުނާ ގޮތުގައި، ފުލުހުންނަށް ވެގެން މޫނު ނިވާކޮށްގެން އަދި ބަޑި ހިފައިގެން އޭނާގެ ހޮޓެލް ރޫމަށް ދެ މީހަކު ރޭގެ ވަގުތެއްގައި ވަނެވެ. އަދި އެމީހުން ވަނީ ކިމްއަށް ބަޑީގެ ބިރު ދައްކައި، ކިމްގެ އަތުގައި ހުރި ގިނަ އަދަދެއްގެ ގަހަނާ ފޭރިގެންފަ އެވެ.

ޕެރިހުގެ ފުލުހުން ވަނީ، ކިމް ކާޑޭޝިއަންއާ ގުޅުން ހުރި ވައްކަމުގެ ހާދިސާއެއް ހިނގިކަން ކަށަވަރު ކޮށްދީފަ އެވެ. ފުލުހުން ބުނީ ކިމްއަށް ނަފްސާނީ ގޮތުން އަސަރު ކޮރި ނަމަވެސް އޭނާއަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އޭނާގެ އަތުން ފޭރުނު ގަހަނާގެ އަގު މިލިޔަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ.

ކިމް ޕެރިހަށް ގޮސްގެން އުޅެނީ ޕެރިސް ފެޝަން ވީކުގައި ބައިވެރިވުމަށެވެ. ކިމްއާ އެކު އޭނާގެ މަންމަ ކްރިސް ޖެނާ އަދި ކޮއްކޮ ކެންޑަލް ޖެނާ ވެސް ހުރީ ޕެރިހުގަ އެވެ.

ރޭގެ ހާދިސާ ހިނގި އިރު، ކިމްގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓު ހުރީ ނިއު ޔޯކްގައި ކުރިޔަށްދާ މެޑޯޒް މިއުޒިކް ފެސްޓިވަލުގައި ޕަފޯމް ކުރަމުންނެވެ. ކިމްއަށް ބަޔަކު ބިރު ދައްކައި، އޭނާގެ އަތުން ފޭރުނު ހާދިސާގެ ޚަބަރު ލިބުމާ އެކު، ސްޓޭޖު މަތީގައި ހުރި ކާންޔޭ ވެސްޓު ވަނީ އޭނާގެ ލަވަ މެދުކަނޑާލައި، "ފެމިލީ އެމަޖެންސީ"އެއް ދިމާވެއްޖެ ކަމަށް ބުނެ ސްޓޭޖުން ފައިބައިފަ އެވެ.

comment ކޮމެންޓް