Sun Online
އޮކްޓޫބަރު 31، 2015: ސިފައިންނާއި ފުލުހުން ގުޅިގެން ހިބަޅިދޫގައި ކުރިއައް ގެންދިޔަ އޮޕަރޭޝަންގައި ހޯދި ހަތިޔާރުތަކެއް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޮކްޓޫބަރު 31، 2015: ސިފައިންނާއި ފުލުހުން ގުޅިގެން ހިބަޅިދޫގައި ކުރިއައް ގެންދިޔަ އޮޕަރޭޝަންގައި ހޯދި ހަތިޔާރުތަކެއް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރިޕޯޓް

ހިބަޅިދޫގެ ވާހަކަ ވެރިމީހާގެ ދުލުން!

އަހުމަދު ސާއިލް އަލީ
ލިޔުނީއަހުމަދު ސާއިލް އަލީ

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން ދިޔަ ބ. ހިބަޅިދޫއިން ގިނަ އަދަދެއްގެ ހަނގުރާމަވެރި ބަޑި އާއި ބޮން ފެނުން އެއީ ރާއްޖޭގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ޖަރީމާއެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ އެކުވެރިންނާ މެދު އެތުހުމަތު ކުރެވޭ އިރު އެޖަރީމާގެ ސަބަބުން ރާއްޖެއަށާއި ރާއްޖޭގެ ޓޫރިޒަމަށް ލިބިގެންދިޔަ ބޮޑު ގޮންޖެހުމެކެވެ. ހަމައެއާ އެކު ވިޔަފާރިވެރިއަކު ވެސް ހާލުގައި ވަނީޖެހިފަ އެވެ.

ހިބަޅިދޫއަކީ ކާކުގެ ރަށެއް؟

މާލެއާއި 115 ކިލޯ މީޓާ ދުރުގައި އޮންނަ 17 ހެކްޓަރުގެ ހިބަޅިދޫ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން 2000 ވަނަ އަހަރު ދޫކޮށްފައި ވަނީ މިހާރު ވިލާއެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފަށެވެ. އެއީ ދަނޑުވެރިކަން ކުރުމަށެވެ. ނަމަވެސް މާރަނގަޅަށް އެކަން އެ ރަށުގައި ކުރެވިފައެއްނުވެ އެވެ. ނަތީޖާއެއްގެ ގޮތުން އެ ރަށް ރިލްވާންގެ އެކުވެރިއެއް ކަމަށްވާ ލެޓްސް ގޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޔާޒަށް ރިލްވާން ވަނީ 2011 އަހަރު ވިއްކާލައިފަ އެވެ.

ބ. ހިބަޅިދޫ --

ރިޔާޒު އެރަށް ގަތުމަށް ފަހު އޭނާގެ އެހެން ކުންފުންޏެއް ކަމަށްވާ ބިޒްނަސް މޯލްޑިވްސްގެ ނަމަށް އެރަށް ބަދަލުކުރި އެވެ. އެރަށް ގަނެ ކޮންމެވެސް ވަރަކަށް ދަނޑުވެރިކަން ކުރި ނަމަވެސް އިނަ މޯލްޑިވްސްގެ ކުރީގެ ހިއްސާދާރު އަދި ލެޓްސް ގޯގެ ވެރިޔާ ރިޔާޒު ބޭނުންވީ އެ ރަށުގައި ރިސޯޓެއް ހެދުމަށެވެ. އެރަށް ހިމެނޭ ސަރަހައްދަކީ ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވަށް ވެސް ވުމުންނެވެ.

ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި 100 ރޯހައުސް އަޅައި ދިނުމުން ވޯޓާވިލާއަޅަން ހުއްދަ ދޭން ނިންމުމުން ބިޒުނަސް މޯލްޑިވްސް އިން ވަނީ އެކަމަށް ކުރިމަތިލާފަ އެވެ. ނަމަވެސް އެކަން ނުފެށި އުޅެނިކޮށް އެވެރިކަން ނިމުމަކަށް އައީއެވެ. ދެން ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ވަނީ އެ ރަށް ތަރައްގީކުރަން ހުއްދަދީފަ އެވެ.

އަދީބުގެ ލަފަޔަށް މޮހޯއަށް ހިއްސާދިނީ: ރިޔާޒު

ރިޔާޒު ވިދާޅުވާ ގޮތުގައި މިވެރިކަމުގައި އެ ރަށް ތަރައްގީ ކުރަން އުޅުމުން ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބް ލަފާދިނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، އެކަން ކުރުމަށެވެ. އެއާ އެކު މިހާރު ފިލައިގެން އުޅޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އަށް ކުންފުނީގެ ހިއްސާ ދިނުމަށް އަދީބު އެންގި ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އަދީބު ވިދާޅުވި އެމްއެމްޕީއާރުސީގެ ދަށުގަޔޭ ހުރިހާ ކަމެއް، އެހެންވީމަ އެމްއެމްޕީއާރުސީ މެދުވެރިކޮށް އެ ރަށް ތަރައްގީ ކުރަން، އެހެންވެ މޮހޯއަށް އިންވެސްޓްމަންޓުގެ ޝެއާ ދޭށޭ، ދެން 2014ގެ މޭ މަހު މޮހޯއަށް ބިޒުނާސް މޯލްޑިވްސްގެ 35 ޕަސެންޓް ހިއްސާދީގެން ފެށީ، އެގޮތަށް ނިންމީ އެމްއެމްޕީއާރުސީ އަށް ދައްކަން ޖެހޭ ފައިސާ{ތިން މިލިއަން ޑޮލަރު} މޮހޯ ދައްކާގޮތަށް،" ރިޔާޒު ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ 2014 ވަނަ އަހަރުގެ ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ހިބަޅިދޫއަކީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ރަށެކެވެ.

ހިބަޅިދޫގައި 200 ކޮޓަރީގެ ރިސޯޓެއް ހެދުމަށް ނިންމައި މަސައްކަތްތައް ފެށި އިރު ރިޔާޒު ވިދާޅުވި ގޮތުގައި ރިސޯޓްތަރައްގީ ކުރުމުގެ ހުރިހާ މަސައްކަތެއް ކުރަމުން ދިޔައީ މޮހޯ ކަމަށެވެ. އޭނާ އަމަލީ ގޮތުން މަސައްކަތުގައި ނޫޅޭ ކަމަށާއި ހަމައެކަނި ދަނީ ކަންކަން ނިންމުމަށް މީޓިންތަކަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ހިބަޅިދޫގައި ރިސޯޓް ހެދުމަށް ވަނީ އެންވައިރޮމެންޓް އިންޕެކްޓް އެސެސްޓްމަންޓް(އީއައިއޭ) ހަދައި ލޭންޑް ސާވޭގެ މަސައްކަތް ފަށައިފަ އެވެ. ހަމައެއާ އެކު ސިންގަޕޫރުގެ "ގްރީން ރިސޯޓްސް ޑިވެލޮޕްމަންޓް ކޮންސަލްޓިން" މެދުވެރިކޮށް މެޝިނަރީސް ގެނައުމަށް ތައްޔާރުކޮށްފަ އެވެ. އެ ރަށަށް މިހާރު ވަނީ 4.5 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައި ކަމަށް ކުންފުނީގެ ތަފާސް ހިސާބްތަކުން ދައްކަ އެވެ.

ހިބަޅިދޫއިން ނުރައްކާތެރި ހަތިޔާރު ފެނުން!

ރައީސް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމާ އެކު ފުލުހުންނާއި ސިފައިން ގުޅިގެން ކުރި މަސައްކަތުން 31 އޮގަސްޓް 2015 ވަނަ ދުވަހު ވަނީ ނުރައްކާތެރި ހަތިޔާރުތަކެއް ހިބަޅިދޫއިން ހޯދައިފަ އެވެ. އެ ހަތިޔާރުތައް ނަގާފައި ވަނީ ހިބަޅިދޫ އަށް ވަންނަ ނެރުން ވަންނަ ހިސާބުން ކަނޑުގެ 42 މީޓަރު އަޑިން ދެ ދަބަހެއްގައި ހުއްޓަ އެވެ.

އޮކްޓޫބަރު 31، 2015: ސިފައިންނާއި ފުލުހުން ގުޅިގެން ހިބަޅިދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހޯދި ހަތިޔާރުތަކެއް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާޒު ވިދާޅުވި ގޮތުގައި އެ ރަށުން ހަތިޔާރު ފެނުނުއިރު އެ ރަށް ސާފު ކުރުމަށް ފަސް މުވައްޒިފުންނާއި ލޭންޑް ސާވޭ ކުރާ ކުންފުނީގެ މުވައްޒިފުން އެ ރަށުގައި ތިބި ކަމަށެވެ. އެހަތިޔާރު ފެނުމާ ހިސާބަށް އެ ރަށުގައި އެފަދަ ކަމެއްކުރާކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑެއް އެރަށަކަށް ނުދަން، އެކަހަލަ ޖަރީމާއެއް ހިންގާކަމުގެ އިޝާރާތެއް ވެސް ނެތް، އަޅުގަނޑު މޮހޯ ކައިރި ކުރިން ވެސް ބުނިން މިރަށަކީ އަޅުގަނޑުގެ ވަރަށް ބޮޑު ޑުރީމެކޭ، އެއްވެސް ގޯހެއް ނުހަދާށޭ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ހިބަޅިދޫން ހަތިޔާރު ފެނުނުއިރު އޭނާ ހުރީ އާއިލާއާ އެކު މެލޭޝިއާގަ އެވެ. އެހަބަރު މީޑިއާ އިން ލިބުމާ އެކު މާލެ އައިސް ކަމާ ބެހޭ ފަރާތްތަކަށް ބަޔާންދީ މޮހޯއަށް ކުންފުނިން ދީފައިވާ ހިއްސާ ވެސް އުނިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ހިބަޅިދޫއިން ހަތިޔާރުފެނުމުން ފުލުހުން ދައުވާކުރާ އަހުމަދު އަދީބު އަބްދުލް ޣަފޫރު (ކ) އަހުމަދު ފަޔާޒު އަލީ ރިޒާ، މުހައްމަދު އައްލާމް ލަތީފް، އަހުމަދު އިޝްފާހު އަލީ އަދި މުހައްމަދު ހުސައިން ---- ސަން ފައިލް ފޮޓޯ

"އެދުވަހުން ފެށިގެން އަޅުގަނޑަށް މޮހޯއަކަށް ނުގުޅޭ، އެއްވެސް ހަބަރެއް ނުވޭ، އަޅުގަނޑު ކޯޓަށްގޮސް ވާނީ މޮހޯގެ ހިއްސާ އުނިކޮށްފައި، މިހާރު ކުންފުނީގެ 95 ޕަސެންޓް ހިއްސާއޮންނާނީ އަޅުގަނޑުގެ، އަނެއް ފަސް ޕަސެންޓް އަންހެނުންނަށް، މޮހޯގެ އެއްވެސް ހިއްސާއެއް ނޯންނާނެ،" ރިޔާޒު ވިދާޅުވި އެވެ.

އެކަންކަމާ ގުޅިގެން ތަހުގީގަށް ފިލައިގެން އުޅޭ ކަމަށް ސަލާމަތީ ބާރުތަކުން ބުނާ މޮހޯގެ ބަހެއް ހޯދުމަށް ކުރި މަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ. މޮހޯގެ ގާނޫނީ ވަކީލެއްގެ ގޮތަށް ކުރިން މަސައްކަތް ކުރެއްވި ހުސްނު ސުއޫދު ވިދާޅުވީ މިހާރު އޭނާއަކީ މޮހޯގެ ވަކީލް ނޫން ކަމަށެވެ. އެހެންކަމުން މޮހޯގެ ބަހެއް ނުލިބުނެވެ.

ބިޒުނާސް މޯލްޑިވްސް އަށް ހިބަޅިދޫ ދީފައިވާ އެއްބަސްވުން ސަރުކާރުން ވަނީ ބާތިލްކޮށްފަ އެވެ. އެ މައްސަލަ ބިޒްނާސް މޯލްޑިވްސް އިން ކޯޓަށް ހުށައެޅުމުން އެ އެއްބަސްވުން ބާތިލް ނޫން ކަމަށާއި 30 ދުވަހުގެ ތެރޭގައި އަލުން އެރަށް ބިޒްނާސް މޯލްޑިވްސް އަށް ދިނުމަށް މީގެ ފަސް ދުވަސްކުރިން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އަދި އެ ރަށް އޭނާއާ ހަވާލެއްނުކުރެ އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ހިބަޅިދޫގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން އޭނާ ރިސޯޓެއް ހެދުމަށް ކުރަމުން އައި އުންމީދުތަކަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހިފަ އެވެ. ހަމައެއާ އެކު މިހާރު ވެސް އެތައް ހަރަދެއް ހިނގަމުން އަންނަ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކީ އެތައް ހަރަދެއް ދާ ދުވަހެއް، އަދިވެސް ރަށް ލިބޭ ގޮތެއްނުވޭ، އަޅުގަނޑު މިހިރީ ހުރިހާ ތަނަކަށް ބަޔާންދީފައި، މިނިވަންކަންމަތީ މިއުޅެނީ، މިކަން ހައްލުކުރަން ދާނެ ތަނެއް ވެސް ނޭނގެ،" ރިޔާޒު ވިދާޅުވި އެވެ.

ކޮންމެ އަކަސް ހިބަޅިދޫ މައްސަލާގައި މިހާތަނަށް ދައުވާކޮށްފައިވާ އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ނުހިމެނޭ ބިޒްނާސް މޯލްޑިވްސްގެ ވެރިޔާ ވިދާޅުވާ ގޮތުގައި އޭނާގެ މަސައްކަތަކީ ހިބަޅިދޫގައި ރިސޯތް ހެދުމެވެ. އެ ރަށް އޭނާއާ ހަވާލުކުރިހާ އަވަހަށް އެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

×
DB released.