ބީއެމްއެލް އިން އެއާޕޯޓުގައި ދަތުރުވެރިންނަށް ޑޮލަރު ދޫކުރަން ފަށައިފި

ދަތުރުވެރިންނަށް ޑޮލަރު ދޫކުރަން ފެށުމަށް މިއަދު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ބީއެމްއެލް

ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް ބީއެމްއެލް އިން އަލަށް ތައާރަފުކުރި އޮންލައިން ބުކިން ނިޒާމުގެ ދަށުން މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ދޫކުރަން ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ އެއާޕޯޓްގައި ޑޮލަރު ވިއްކަން ފެށުމާ އެކު އާންމުންގެ ބޮޑު ތަރުހީބެއް އެކަމަށް ލިބެމުން އަންނަ ކަމަށެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން ދަތުރުވެރިން ޑޮލަރު ގަތުމަށް ބީއެމްއެލްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ފުރުމުގެ ކުރިން އެއާޕޯޓުން ޑޮލަރު ނެގޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. ޑޮލަރު ދޫކުރާ ކައުންޓަރުތައް ހުންނަނީ ޑިޕާޗާ ގޭޓް ހަތަރެއްގެ ކައިރީގަ އެވެ.

އާ ނިޒާމަށް އަމަލުކުރަން ފެށުން ފާހަގަކުރުމަށް މިއަދު ހެނދުނު އެއާޕޯޓްގައި ބޭއްވި ހަފްލާއެއްގައި ބޭންކުން ވަނީ އެ ނިޒާމް ބޭނުންކޮށްގެން ޑޮލަރު ނަގާ ފުރަތަމަ ދިހަ ކަސްޓަމަރުންނަށް ބޯނަސް ގިފްޓެއްގެ ގޮތުގައި ކޮންމެ ދަތުރުވެރިޔަކަށް 100 ޑޮލަރު ދޭނެކަން އިއުލާންކޮށްފަ އެވެ.

ދަތުރުވެރިންނަށް ޑޮލަރު ދޫކުރަން ފެށުމަށް މިއަދު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ބީއެމްއެލް

ބޭންކުން އަލަށް ތައާރަފްކުރި ނިޒާމަށް ބަދަލުވުމުގެ މަރުހަލާ ފަސޭހަކުރުމަށް ޓަކައި އެމްއެމްއޭ އިން މިއަދާއި މާދަމާ ވެސް ޑޮލަރު ވިއްކަމުން ގެންދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އޭގެ ފަހުން ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ވިއްކަމުންދާނީ ހަމައެކަނި ބީއެމްއެލްއިންނެވެ.

ބީއެމްއެލް އިން ބުނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކިޔޫގައި މަޑުނުކޮށް ފަސޭހަކަމާ އެކު ޑޮލަރު ގަތުމަށް ބުކިން ހަދާ އަދި ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވީ ނަމަވެސް އޮންލައިންކޮށް ބުކިން ނުހެދޭ ފަރާތްތަކަށް، އެއާޕޯޓުން ޑޮލަރު ލިބޭ ގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައި ވެސް އިސްކަން ދެވޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.

ޑޮލަރު ބޭނުންވާ ދަތުރުވެރިން ތިރީގައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބޭންކުން އިލްތިމާސްކުރެ އެވެ.

  • ފުރަން ހަމަޖެހިފައިވާ ދުވަހުގެ ފަސް ދުވަސް (120ގަޑިއިރު) ކުރިން ފެށިގެން ޑޮލަރު ގަތުމަށް ބުކިން ހެދުމުގެ ފުރުސަތު ހުޅުވޭނެ އެވެ. އަދި ފްލައިޓް ފުރުމަށް ހަމަޖެހިފައިވާ ގަޑީގެ އަށް ގަޑިއިރު ކުރިން ބުކިން ހަދާ ނިންމަންވާނެ އެވެ.
  • އެއާޕޯޓުން ޑޮލަރު ދޫކުރާ ގަޑީގައި އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް ޓަކައި، ބުކިން ހަދާގަޑީގައިދޭ މައުލޫމާތަކީ ރަނގަޅު މައުލޫމާތުކަން ޔަގީން ކުރަންވާނެ އެވެ.
  • ކޮންފާމްކޮށްފައިވާ ބުކިން އަކަށް އެއްވެސް ބަދަލެއް ގެންނަން ބޭނުން ނަމަ ނުވަތަ މިކަމާ ގުޅޭ އެއްވެސް ސުވާލެއްވާ ނަމަ، ބޭންކްގެ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 3330200 އަށް ގުޅުއްވާށެވެ.

އެއަރޕޯޓުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އެންޑްރޫ ހީލީ ވިދާޅުވީ މިއީ އޮންލައިން ނިޒާމުގެ ފުރަތަމަ ދުވަސްކޮޅު ނަމަވެސް ބީއެމްއެލްގެ އޮންލައިން ބުކިން ނިޒާމަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ދަތުރުވެރިންނަށް ޑޮލަރު ދޫކުރަން ފެށުމަށް މިއަދު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ބީއެމްއެލް

"ހަފްތާ ބަންދުގައި މި ސިސްޓަމް ލައިވްވެ، ފުރަތަމަ ބުކިންގް ހެއްދި ދަތުރުވެރިން މިއަދު ފުރާނެ. ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓްގައި މަސައްކަތްކުރާ އަޅުގަނޑުމެންގެ މުވައްޒަފުން ތިބޭނީ ގޭޓް 4ގެ ކުރިމަތީގައި ޑޮލަރު ދޫކުރުމަށް ހާއްސަކޮށް ގާއިމްކޮށްފައިވާ ކައުންޓަރުތަކުގައި ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ތައްޔާރަށް. ދަތުރުވެރިންނަށްޓަކައި އޮމާންކަމާ އެކު އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ އަޒުމުކަނޑައަޅައިގެން،" އެންޑްރޫ ހީލީ ވިދާޅުވި އެވެ.

ބީއެމްއެލް އިން އެއާޕޯޓްގައި ޑޮލަރު ދޫކުރަން މިއަދު ފަށާފައިވާ އިރު، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ޑޮލަރު ދޫކުރާނީ މާދަމާގެ ނިޔަލަށެވެ.

comment ކޮމެންޓް