އެމެރިކާގައި ފިތުނަ އުފައްދައި، ޑިމޮކްރަސީގެ އިތުބާރު ނަގާލަން ރަޝިޔާ ވަނީ މަސައްކަތްކޮށްފައި : އެމެރިކާ

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން

އެމެރިކާގައި ދާދި ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރަޝިޔާއިން ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށާއި އެކަން ކުރީ އެ ގައުމުގެ ރައީސް ވްލަޑިމިޔަރ ޕޫޓިންގެ އަމުރަށް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން އެކަން ބަލައި ތަހްގީގު ކުރުމަށްފަހު ނެރުނު ރިޕޯޓް ބުނެފި އެވެ.

އެ ރިޕޯޓް ބުނާ ގޮތުން ޕޫޓިންގެ އަމުރަށް ރަޝިޔާއިން އެކަން ކުރީ އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމުގެ އިތުބާރު ނަގާލައި އެމެރިކާގެ ވެރިކަމުގެ ނިޒާމަކީ ހަރުދަނާ ކަމެއް ނެތް ނިޒާމެއްކަން އެމެރިކާގެ ރައްޔިތުންނަށާއި ދުނިޔެއަށް ދައްކައި އެމެރިކާގެ އަގުވައްޓާލައި އެމެރިކާގެ މުޖުތަމައުގައި ފިތުނަ އުފައްދައި ބައިބައިކޮށްލުމުގެ މަގުސަދުގައެވެ.

މީގެ އިތުރުން ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމަށް ގެނައުމަކީ ޕޫޓިންގެ އަމާޒެއް ކަމަށާއި ރަޝިޔާގެ މި ހަރަކާތްތަކުގެ ސަބަބުން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ޓްރަމްޕަށް ބޮޑުވެގެން ދިޔަކަމަށް ވެސް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ނެރުނު މި ރިޕޯޓް ބުނެއެވެ. ނަމަވެސް ޓްރަމްޕް ވަނީ ރަޝިޔާގެ ސަބަބުން އެމެރިކާގެ ރިޔާސީ އިންތިޚާބަށް އަސަރުކުރި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނި ބުނުން ގަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

މި މައްސަލާގައި އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ އިސް މަސްއޫލުވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު ޓްރަމްޕް އިއްޔެ ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންތައްތަކުގެ ތެރެއަށް އަދި އެމެރިކާގެ ސަރުކާރުގެ ހުރިހާ ނެޓްވާކުތަކެއްގެ ތެރެއަށް ވަނުމަށް ރަޝިޔާގެ އިތުރުން ޗައިނާ ވެސް މަސައްކަތްކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ރަޝިޔާގެ ސަބަބުން އެމެރިކާގެ ރިޔާސީ އިންތިޚާބަށް އަސަރުކުރި ކަމަށް ގަބޫލު ނުކުރައްވާނެ ކަމުގައެވެ. އަދި އޭނާއަށް އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ފުރުސަތު ބޮޑުވީ ރަޝިޔާގެ ރައީސް ޕޫޓިންގެ ސަބަބުންކަމަށް ގަބޫލު ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންތައްތަކުގެ ތެރެއަށް ރަޝިޔާ ވަދެ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށްޓަކައި ވަރުގަދަ ސައިބާ އޮޕަރޭޝަންތަކެއް ރަޝިޔާއިން ހިންގިކަން ސާބިތުވާތީ ކަމަށްބުނެ އެމެރިކާ ސަރުކާރުން ދާދިފަހުންވަނީ ރަޝިޔާއާ ދެކޮޅަށް ޑިޕްލޮމެޓިކް ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މީގެތެރޭގައި އެމެރިކާގައިވާ ރަޝިޔާގެ އެންބަސީތަކާއި އެނޫންވެސް ޑިޕްލޮމެޓިކް މިޝަންތަކުން ރަޝިޔާގެ 35 ޑިޕްލޮމޭޓުން ބޭރުކޮށްލުން ހިމެނެއެވެ. މި ޑިޕްލޮމޭޓުން ބޭރުކޮށްލީ އެމީހުންނަކީ ރަޝިޔާގެ ޖާސޫސުން ކަމަށް ތުހުމަތު ކުރުމަށްފަހުގައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރައްވާފައި ވަނީ އެމެރިކާގެ ހަރުކުލައިގެ ނުފޫޒުގަދަ ސިޔާސީ މީހުންނާއި އެމެރިކާގެ ސަރުކާރާއި މީޑިއާ އާއި މުއައްސަސާތަކާއި، ސިޔާސީ ޕާޓީތަކާއި ޖާސޫސީ އިދާރާތަކާއި އެ ހުރިހާ ފަރާތްތަކެއް ޓްރަމްޕާ ދެކޮޅަށް ނުބައި ޕްރޮޕަގެންޑާތައް ކުރަމުން ގެންދަނިކޮށެވެ. މިފަދަ ޙާލަތެއްގައި ޓްރަމްޕް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން މުޅި އެމެރިކާއަށް ވަނީ ސިހުން ލިބިފައެވެ. މިއާއެކު އެމެރިކާގެ އެތެރޭގައި ނުތަނަވަސްކަން އުފެދި ދުނިޔޭގައި އެމެރިކާ އަދާކުރާ އަތްގަދަ ކުރުމުގެ ދައުރަށްވަނީ ވަރަށްބޮޑަށް ބުރޫއަރާފައެވެ. މިދަނޑިވަޅު ބަލާފައި ރަޝިޔާ ވަނީ އެމެރިކާ އަދާކުރާފަދަ އަތްގަދަ ކުރުމުގެ ދައުރެއް މެދުއިރުމަތީގައި ކުޅެންފަށާފައެވެ.

އެމެރިކާގެ އިންތިޚާބުގެ ދުވަސްވަރު ހިލަރީ ކްލިންޓަންގެ އީމެއިލްތަކުގައިވާ ހައްސާސް އެތައް މައުލޫމާތުތަކެއް ވިކިލީކްސްއިން ބޭޒާރުކޮށްލި ކޮށްލުމުގެ ފަހަތުގައި ވަނީ ރަޝިޔާގެ ސައިބަރ ލަޝްކަރުތައް ކަމަށް އެމެރިކާ ބުނެއެވެ. ވިކިލީކްސް އިން ބޭޒާރުކޮށްލި ސިއްރު މައުލޫމާތުތަކުގެ ތެރޭގައި އެމެރިކާ އިން އައިއެސް ޖަމާއަތަށް އެހީވުމާބެހޭ ގޮތުން އެމެރިކާގެ އިސް މަސްއޫލުވެރިންގެ މެދުގައި ހިނގާފައިވާ މުއާމަލާތްތަކާއި އެމެރިކާގެ ގާނޫނާ ޚިލާފު އެތައް ކަމެއް ހިލަރީ ޚާރިޖީ ވަޒީރަކަށް ހުންނެވި ދުވަސްވަރު އޭނާ ކުރެއްވިކަމުގެ ހެކިތައްވެސް ހިމެނެ އެވެ.

ރިޔާސީ އިންތިޚާބުގައި ހިލަރީގެ ވާދަވެރިޔާ، ޑޮނަލްޑް ޓްރަމްޕްގެ ކުރިމަތީގައި ހިލަރީ ބަލިވުމުގެ މައިގަނޑު ސަބަބެއް ކަމުގައި ވިކިލީކްސް އިން ބޭޒާރުކޮށްލި މިފަދަ އެތަށް މައުލޫމާތުތައް ހިމެނޭ ކަމަށް އޮބާމާގެ ސަރުކާރުންނާއި އެމެރިކާގެ ޖާސޫސީ އިދާރާތަކުން ދެކެއެވެ.

މީގެއިތުރުން އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕަކީ ރަޝިޔާއަށް ތާއީދުކުރެއްވުމުގެ އިތުރުން ރަޝިޔާގެ ރައީސް ވްލަޑިމިޔާ ޕޫޓިންއާ ގާތްގުޅުންތަކެއް އޮންނަ ބޭފުޅެއްކަމަށްވެސް އޮބާމާގެ ސަރުކާރުން ތުހުމަތު ކުރެއެވެ. އަދި ރަޝިޔާއިން އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ހޮވަން ސިއްރިޔާތުގައި މަސައްކަތްކުރި ކުރުމަކީ އެމެރިކާގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ރަޝިޔާ ވަދެގަތުން ކަމަށާއި އެއީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށް އެމެރިކާ ސަރުކާރުން ބުނެއެވެ.

ރަޝިޔާގެ ނުފޫޒު، އެމެރިކާގެ އިންތިޚާބުގެ ތެރެއަށް ވަދެގެންދިޔުމަކީ ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ ބަލިކަށިކަން ވަރަށްބޮޑަށް ހާމަވެގެން ދިޔަ ކަމެކެވެ. މިކަމުގެ ސަބަބުން އެމެރިކާ ވަރަށްބޮޑަށް ލަދުގެންފައިވާއިރު ދުނިޔޭގެ ގައުމުތަކުގައި ޚާއްސަކޮށް އިސްލާމީ ގައުމުތަކުގައި ޑިމޮކްރަސީގެ ނަމުގައި ފިތްނަ އުފެއްދުމަށް އެމެރިކާ ޒަމާނުއްސުރެ ކުރަމުންގެންދާ ފިތްނައިގެ މަސައްކަތްތައް މިހާރުވަނީ މަޑުޖެހިލާފައެވެ. މީގެބަދަލުގައި އެމެރިކާ މިވަނީ އެމެރިކާގެ އެތެރޭގައި ބައިބައިވުން އުފައްދައި އެމެރިކާގެ އެތެރޭގައި ފިއްތައިގެ އޮއް އިންދުމަށް ރަޝިޔާއިން މަސައްކަތްކުރާ ކަމަށް ބުނެފައެވެ.

އެމެރިކާއަކީ ދުނިޔޭގެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ގައުމުތަކުގެ މުއައްސަސާތަކުގެ އަގު ވައްޓާލައި ފިތްނަ އުފެއްދުމުގެ ވަރުގަދަ ރޯލެއް ޒަމާނުއްސުރެ އަދާކުރަމުންގެންދާ ނުރައްކާތެރި ގައުމަކަށްވާއިރު ޚުދު އެމެރިކާއަކީވެސް ފުރިހަމަ ޑިމޮކްރަސީއެއް ނޫންކަން މިއަދު މި ވަނީ މުޅި ދުނިޔެއަށް ހާމަވެފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ފިއްތަ އުފައްދައި ދާޚިލީ ގޮތުން ހަމަނުޖެހުންތައް އުފެއްދުމަށްޓަކައި އެހެން ގައުމުތަކުގެ ވެރިކަމުގެ ނިޒާމުގެ އިތުބާރު ނަގާލުމަށާއި އެ ނިޒާމުތަކަކީ ހަރުދަނާ ކަމެއް ނެތް ނިޒާމުތަކެއްކަން ރައްޔިތުންނަށް ހާމަކޮށްދެއެވެ. އަދި އެމެރިކާގެ ޑިމޮކްރަސީއަކީ ލާމަސީލު ޑިމޮކްރަސީއެއް ކަމަށާއި ފުރިހަމަ ވެރިކަމުގެ ނިޒާމެއް އޮތީ އެމެރިކާގައިކަމަށް ދައުވާ ކުރެއެވެ.

މިކަން އެމެރިކާ ކުރަނީ އެހެން ގައުމުތަކުގެ ސަރުކާރުތަކާއި ވެރިކަމުގެ ނިޒާމުތައް ފޮރޮޅާލައި ގައުމުތަކުގެ އެތެރޭގެ ހަމަނުޖެހުންތައް އުފައްދައިގެން ގައުމުތައް ހަލާކުކޮށްލުމުގެ ނުބައި މަގުސަދުގައެވެ. އަރަބި އިސްލާމީ އެތަށް ގައުމެއް (ސޫރިޔާފަދަ) މިހާރު ވެސް ދަނީ އެމެރިކާގެ މިފިތްނައިގެ ސަބަބުން ހަލާކުވެ ލޭއޮހޮރުވުން އުފެދި އެތަށް ވޭންތަކެއް ތަހައްމަލް ކުރަމުންނެވެ.

ނަމަވެސް މިއަދު ރަޝިޔާގެ ފަރާތުން ޚުދު އެމެރިކާއަށް ވެސް މި ފިތްނަގަނޑު ކުރިމަތިވެފައި ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކުން ވަނީ މިވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް