ދުންޔާ ސަރުކާރާ ގުޅުމަށް ތާއީދެއް ނުކުރަން: މައުމޫން

ރައީސް މައުމޫންގެ އަރިހުގައި އެމަނިކުފާނުގެ ދަރިކަލުން ދުންޔާ މައުމޫން-- ސަން ފައިލް ފޮޓޯ

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ވަޑައިގަތުމަކީ ދުންޔާ މައުމޫން އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއް ކަމަށާއި އެކަމަށް ތާއީދު ނުކުރައްވާކަމަށް ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން އެހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެކަމާއި ގުޅޭގޮތުން ޔުމްނާ މައުމޫން ކޮށްފައިވާ ޓުވީޓުގައި ވިދާޅުވީ އޭނާ ހުންނަވާނީ ރައީސް މައުމޫންގެ އަރިހުގައި ކަމަށެވެ.

މިއަދު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ދުންޔާ އަކީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން އަމިއްލަފުޅަށް އިސްތިއުފާދެއްވި ބޭފުޅެކެވެ. އިސްތިއުފާދެއްވުމަށްފަހު ދުންޔާ ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވެސް ފާޑުވިދާޅުވެފައެވެ.

ޔުމްނާ އަކީ ވެސް މި ސަރުކާރުން އިސްތިއުފާދެއްވާފައިވާ ބޭފުޅެކެވެ. އޭނާ ކުރިން ހުންނެވީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ.

އޭނާ ވެސް ވަނީ މި ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުވިދާޅުވެފައިވާ ބޭފުޅެކެވެ.

ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ދެބަސްވުންތަކާއެކު ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަކިވަކިންނެވެ. މީގެ ކުރިން ގައްސާން މައުމޫން ފިޔަވާ ރައީސް މައުމޫންގެ އެހެން ދަރިން އުޅުއްވީ ރައީސް މައުމޫނާއެކުއެވެ.

comment ކޮމެންޓް