އަތޮޅު ތެރޭގެ ހަތަރު ޓީމަކަށް ލީގުން ފުރުސަތު ދީ، ސީޒަން ފެށުން އަވަސްކޮށްފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނުގެ ފަހު މެޗުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗަށްފަހު ޗެމްޕިއަން މާޒިޔާ އައްޑަން އުފުލާލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ފުޓްބޯޅަ ސީޒަން ފެށުން އަންނަ މަހުގެ 16އަށް އަވަސްކޮށް، ދިވެހި ޕްރިމިއާ ލީގަށް އަތޮޅު ތެރޭގެ ހަތަރު ޓީމަކަށް ފުރުސަތު ދޭން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން ނިންމައިފިއެވެ.

ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު މިދިޔަ އަހަރު ކުޅެފައި ވަނީ އޭޕްރިލް މަހު ފަސް ވަނަ ދުވަހު އެވެ. ނަމަވެސް މިއަހަރުގެ ސީޒަން އަވަހަށް ފެށުމަށް އެފްއޭއެމުން ނިންމީ ގައުމީ ޓީމު ކުޅެންޖެހޭ މުހިންމު މެޗުތަކެއް ހުރުމުންނެވެ.

"އަޅުގަނޑުމެން އެބަ ޖާގަ ދޭން ޖެހޭ ގައުމީ ޓީމަށް. ފީފާ ޑޭސްތަށް މިހުރީ ގައުމީ ޓީމަށް ހުޅުވާލައިފަ،" ފުޓްބޯޅަ ކަލަންޑަރާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

ލީގް ޗެމްޕިއަން މާޒިޔާ އާއި އެފްއޭ ކަޕް ޗެމްޕިއަން ވެލެންސިއާގެ މެޗުން ޗެރިޓީ ޝީލްޑް މެޗު އަންނަ މަހު 16ގައި ފަށާއިރު، ފުރަތަމަ އޮންނާނީ މާލޭ ލީގެވެ. މީގެ ކުރިން 2000 ވަނަ އަހަރު ފެށި މާލެ ލީގް އެންމެ ފަހުން ބާއްވާފައި ވަނީ 2006 ވަނަ އަހަރުގައެވެ.

މާލޭ ލީގް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 24 ގައެވެ. މޭލޭ ލީގް ކުޅޭނީ ދެ ބުރަކަށް ބަހާލައިގެންނެވެ. މާލޭ ލީގްގައި ކުޅޭނީ އެއް ވަނަ ޑިވިޝަނުގެ އަށް ކްލަބުންނެވެ. މާލޭ ލީގުން ގަދަ ހަތަރު ޓީމާ އެކު ޖުލައި މަހުގެ 28 ގައި ފަށާ ދިވެހި ޕްރުމިއާ ލީގުގައި ދެން ވާދަ ކުރާނީ މިނިވަން ޗެމްޕިއަންޝިޕްގައި ގަދަ ހަތަރު ޓީމުންނެވެ. ޕްރިމިއާ ލީގުގައި ކުޅޭނީ ދެ ބުރެވެ.

މާލޭ ލީގުން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ނުވާ އަނެއް ހަތަރު ޓީމު ޖެހޭނީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމާއެކު ލީގް އުސޫލުން އެއް ބުރު ކުޅޭށެވެ.

އެފްއޭކަޕް ފެށުމަށް ހަމަޖެހިފައި ވާނީ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. ޕްރެޒިޑެންޓް ކަޕް ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހު 24 ވަނަ ދުވަހު އެވެ. ސީޒަންގެ އެންމެ ފަހު މެޗަކަށް އޮންނާނީ ޕްރެޒިޑެންޓް ކަޕް ފައިނަލް މެޗެވެ.

މި އަހަރު ގައުމީ ޓީމު ކުޅެން ހަމަޖެހިފައިވާ އޭޝިއަން ކަޕް ކޮލިފައިން މެޗްތަކާއި ފީފާ ފްރެންޑްލީ މެޗްތަކަށް އަދި ސާފް ޗެމްޕިއަންޝިޕަށް ކަލަނޑަރުގައި ވަނީ ޖާގަ ހުސްކޮށްފަ އެވެ.

އޭޝިއަން ކަޕްގެ ގުރުލުން އޮންނާނީ މި މަހު 18 ވަނަ ދުވަހު އެވެ. ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހޭ ޓީމުތައް އެނގޭނީ ގުރުލުމަށްފަހުގަ އެވެ. އެ މުބާރާތުގެ އިތުރުން ޖުލައި 15 ވަނަ ދުވަހު ފަށާ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ވެސް މި އަހަރު އޮންނާނެ އެވެ.

ސާފް ޗެމްޕިއަންޝިޕް އޮންނާނީ މި އަހަރު ޑިސެމްބަރު މަހު އެވެ.

comment ކޮމެންޓް