ރިސޯޓުތައް ގިނަވެ، އަގުތައް ތިރިވުމުން ޗައިނާ ފަތުރުވެރިން އިތުރުވާނެ: ސަފީރު

ޗައިނާ ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ސަން ފައިލް ފޮޓޯ

ރާއްޖޭގައި އިތުރު ރިސޯޓުތަކެއް ހުޅުވައި، ފޯރުކޮށް ދޭ ޚިދުމަތުގެ އަގު ހެޔޮ ކުރުމުން ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންވާ ސަފީރު، ވަންފުކާންގް ވިދާޅުވެއްޖެ އެވެ.

ޗައިނާ އެމްބަސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ އެކި ގައުމުތަކަށް ޗުއްޓީއަށް ދާ ޗައިނާގެ މީހުންގެ އަދަދު މިދިޔަ އަހަރު 100 މިލިއަނަށް އަރާފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ ޒިޔާރަތް ކުރި ޗައިނާ ފަތުރުވެރިންގެ އަދަދު ވަރަށް ދަށްވެފައިވާ ކަމަށާއި އޭގެ ސަބަބަކީ ރާއްޖެއިން ދޭ ޚިދުމަތުގެ އަގު މަތިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގައި ހުރީ 120 އެއްހާ ރިސޯޓު. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ރިސޯޓުތަކުގެ އަދަދު 300 އަށް އަރާއިރު އަގުތައް ވަރަށް ބޮޑަށް ތިރިވާނެ. މާކެޓުގައި އުފެދޭ ވާދަވެރިކަމުގެ ސަބަބުން އޭގެ މަންފާ ކުރާނީ ފަތުރުވެރިންނަށް. މިހާރު ރާއްޖޭގެ މާކެޓުގައި މިއޮތީ މޮނޮޕޮލީ. އެހެންވެ އަގުތައް ތިރި ނުވެގެން މިއުޅެނީ،" ޗައިނާ ސަފީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ޗައިނާ ފަތުރުވެރިންގެ އަދަދަށްވުރެ އިންޑޮނޭޝިއާގެ ބާލީއަށް ދަތުރުކުރި ޗައިނާ މީހުންގެ އަދަދު ގިނަ އެވެ. ނަމަވެސް ރާއްޖެއާ އަޅާ ބަލާއިރު ބާލީ އަކީ ރަނގަޅު ތަނެއް ނޫން ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ފަތުރުވެރިން ބާލީއަށް ގޮސްފައިވަނީ ރާއްޖޭގެ އަގުތައް މާ މަތިވީމަ ކަމަށެވެ.

ވަންފުކާން ވިދާޅުވި ގޮތުގައި ޗުއްޓީ ހޭދަކުރުމަށް މިދިޔަ އަހަރު ޗައިނާއިން އެކި ގައުމުތަކަށް ދިޔަ ފަތުރުވެރިންގެ ތެރެއިން ބާލީ އަށް 700،000 ފަތުރުވެރިއަކު ދަތުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާ އިން ރާއްޖޭގެ ޓޫރިޒަމް މާކެޓުގައި ހިއްސާ ކުރާ މިންވަރު ވަނީ 25.1 ޕަސެންޓަށް ދަށް ވެފަ އެވެ.

ޗައިނާ ސަފީރު މިހެން ވިދާޅުވި އިރު، މިދިޔަ އަހަރުގެ ތެރޭގައި ވެސް 10 ރިސޯޓެއް ވަނީ ހުޅުވާފައެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު 20 ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ބޭނުމަށް 11 ރަށަކާއި، ދެ ފަޅެއް ކުއްޔަށް ދިނުމަށްވެސް ސަރުކާރުން ވަނީ މިހާރު އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ކ. ފޭދޫފިނޮޅު ނަގާފައި ވަނީ ޗައިނާ ކުންފުންޏަކުންނެވެ.

comment ކޮމެންޓް