ސައުތު ޗައިނާ ސީ މައްސަލައިގައި ރާއްޖެއިން ތާއީދުކުރަނީ ޗައިނާއަށް: ސަފީރު

ސައުތު ޗައިނާ ސީގައި އޮންނަ ޗައިނާގެ ސަންޝާ ސިޓީ ހުންނަ ރަށް --

އިރުމަތީ އޭޝިއާގެ ގިނަ ގައުމުތަކެއްގެ މެދުގައި ދެބަސްވުމާއި ޚިޔާލުތަފާތުވުން އުފެދިފައިވާ، ދެކުނު ޗައިނާ ކަނޑު (ސައުތު ޗައިނާ ސީ)ގެ މައްސަލައިގައި ޗައިނާއަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަމަށް ޗައިނާގެ ސަފީރު ވަންގް ފޫކަންގް ވިދާޅުވެއްޖެއެވެ.

ޗައިނާ އެމްބަސީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗައިނާ ސަފީރު ވަންގް ފޫކަންގް ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް 45 އަހަރު ފުރޭ އިރު، ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ.

އިރުމަތީ އޭޝިއާގެ ގިނަ ގައުމުތަކެއްގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ، ސައުތު ޗައިނާ ސީގެ މައްސަލައިގައި، ސަފީރު ވިދާޅުވީ، ރާއްޖެއިން ތާއީދުކުރަނީ ޗައިނާއަށް ކަމަށެވެ.

ޗައިނާއިން ބުނާ ގޮތުގައި، ސައުތު ޗައިނާ ސީގެ ޖަޒީރާތަކާ ފަރުތަކަކީ، އެންމެ ކުރީއްސުރެ ޗައިނާގެ ޓެރިޓަރީއެކެވެ. އެ ސަރަހައްދުގައި އޮތް ނަންޝާ ޖަޒީރާތައް ޖަޕާނުގެ ބާރުގެ ދަށަށް ގެންގޮސްފައި އޮއްވައި، ޗައިނާ އިން ވަނީ އެ ރަށްތައް ވެސް އަނބުރައި ޗައިނާގެ ބާރުގެ ދަށަށް ގެނެސްފައި ކަމަށާއި އެކަން ވަނީ 1943 ވަނަ އަހަރުގެ ގާހިރާ މުއާހަދާ އާއި ދެ ވަނަ ބޮޑުހަނގުރާމައިގައި ޖަޕާނުން ނާކާމިޔާބީ ގަބޫލުކުރި ކުރުން ބަޔާންކޮށް އެކުލަވާލި ޕޮޓްސްޑޭމް މުއާހަދާގައި ވެސް ކަމަށް ޗައިނާއިން ބުނެއެވެ.

އެހެން ނަމަވެސް، ސައުތު ޗައިނާ ސީގައި ހުރި، ތެލާއި ގޭހުގެ ގުދުރަތީ ވަސީލަތްތަކަށް ފިލިޕީންސުން 1970ގެ އަހަރުތަކުގައި، އދ.ގެ ޗާޓަރުތަކާ ކަނޑައެޅިގެން ޚިލާފަށް އަރައިގަނެ، މިހާތަނަށް އަށް ޖަޒީރާ ރަށެއް ހިފާފައިވާ ކަމަށް ޗައިނާއިން ބުނެއެވެ.

ދެކުނު ޗައިނާ ކަނޑާ ގުޅޭގޮތުން ޗައިނާގެ ސްޓޭންޑު ރާއްޖެއިން ގަބޫލުކުރާ ކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.

އަދި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ އިތުރުން، ތަރައްގީ ހޯދުމަށް ރާއްޖެ އިޚްތިޔާރުކުރާ މަގަކުން ކުރިޔަށް ދިއުމުގެ ހައްގު އޮންނަކަން ޗައިނާއިންވެސް ގަބޫލުކުރާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާއިން ދާދި ފަހުން ވަނީ، ރާއްޖެ ސްޓައިލުގެ ޓުއަރިސްޓް ރިސޯޓުތަކެއް ސައުތު ޗައިނާ ސީގައި ތަރައްގީކުރުމަށް ވެސް ނިންމައިފައެވެ.

comment ކޮމެންޓް