ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަށް އައިޖީއެމްއެޗުން ފަރުވާ ފަށައިފި، ތަރުހީބު ބޮޑު!

އައިޖީއެމްއެޗްގައި މިދިޔަ ނޮވެމްބަރު މަހު ހުޅުވި ނޭޝަނަލް ޔޫރޯރީނަލް ފާޓިލިޓީ ސެންޓަރުގައި ޑޮކްޓަރަކު ޕޭޝަންޓަކު ބައްލަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗްގައި މިދިޔަ ނޮވެމްބަރު މަހު ހުޅުވި ނޭޝަނަލް ޔޫރޯރީނަލް ފާޓިލިޓީ ސެންޓަރުގައި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދޭން މިއަދު ފަށައިފި އެވެ.

އިންޑިއާގެ މަޝްހޫރު އެންޔޫ ހޮސްޕިޓަލާ ގުޅިގެން ގާއިމްކުރި އެ ސެންޓަރުން ދަރިމައިވުމަށް ދިމާވާ މައްސަލަތަކަށް ފަރުވާ ދިނުން ލަސްވީ އެކަމަށް ބޭނުންވާ ހާއްސަ ޑޮކްޓަރުން ނެތުމުންނެވެ. ނަމަވެސް އެ ސެންޓަރު ހުޅުވުމަށް ފަހު އެކަމަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލި އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު ވިދާޅުވީ، އެންޔޫ ހޮސްޕިޓަލުގެ ސުޕާ ސްޕެޝަލިސްޓަކާ އެކު އައިޖީއެމްއެޗްގެ ގައިނީ ޑިޕާޓްމަންޓާ އެކު ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަށް މިއަދު މެންދުރު ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

ދެ ޝިފްޓަކަށް ބަހާލައިގެން ދުވާލަކު 20 މީހުން ބެލުމަށް ހަމަޖެހިފައިވާ އިރު އެކަމަށް ލިބެމުންދާ ތަރުހީބު ވެސް ބޮޑު ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. އެގޮތުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 200 އަށް ވުރެ ގިނަ މީހުން އެ ހިދުމަތަށް އެދި ނަން ނޯޓްކޮށްފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވި ގޮތުގައި، ދަރުމައިވުމުގެ ފަރުވާ އަކީ ދުނިޔޭގެ އެއްވެސް ހިސާބެއްގައި އިންޝުއަރެންސް ލިބޭ ހިދުމަތެއް ނޫން ކަމަށާއި އެ ހިދުމަތަށް ރާއްޖޭގައި ވެސް އާސަންދަ އިން ކަވަރު ނުކުރާނެ ކަމަށެވެ.

އެގޮތުން، ޑޮކްޓަރަށް ދެއްކުމަށް ފީއެއްގެ ގޮތުގައި 465 ރުފިޔާ ނަގާނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ހުޅުވި ނޭޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރުން މިހާރު ވެސް އަންނަނީ ކިޑްނީގެ ބޮޑެތި ބަލިތަކާއި ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާ ދެމުންނެވެ. އަދި އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗާއި އެންޔޫ ހޮސްޕިޓަލުގެ ސުޕާ ޝްޕެޝަލިސްޓުންނެވެ.

comment ކޮމެންޓް