ސަނީ ސައިޑް މިއުޒިކް ފެސްޓިވަލް ރައީސް ފަށްޓަވައި ދެއްވައިފި

ޑިސެމްބަރު 31، 2016: ކާނިވަލުގައި ކުރިއަށްދާ ސަނީ ސައިޑް މިއުޒިކް ފެސްޓިވަލްގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޯލްޑިވްސް އެޓް ސަނީ ސައިޑް މިއުޒިކު ފެސްޓިވަލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފަށްޓަވައި ދެއްވައިފި އެވެ.

މިއުޒިކު ފެސްޓިވަލް ރައީސް ޔާމީން ފަށްޓަވައި ދެއްވީ ހިލާލީ ގޭގައި ހުންނަވައިގެން މިރޭ 09.00 ގަ އެވެ.

ސަރުކާރުން ރާއްޖޭގެ ފަތުުރުވެރިކަން އިޝްތިހާރު ކުރުމަށް ބާއްވާ އެ ފެސްޓިވަލުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މަޝްހޫރު އަދި ކުޅަދާނަ ފަންނާނުން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.

އެ ފެސްޓިވަލް މިރެ އާއި މާދަމާ ރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ދެ ރޭގެ ޝޯ ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަލިމަސް ކާނިވަލުގަ އެވެ.

އެ ޝޯގައި މިރޭ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ ހަބޭސް ބޮޑުބެރު ގްރޫޕުގެ ހަރަކާތެކެވެ.

މިރޭގެ ޝޯގައި ހަބޭސް ބޮޑުބެރު ގްރޫޕްގެ އިތުރުން އަރްމާން މަލިކާއިި ޑީޖޭ ފައުޒާން އަދި ކޮރިއެޓިކްސް ކްރޫގެ ހަރަކާތްތައް ފެނިގެން ދާނެ އެވެ.

މާދަމާ ރޭގެ ޝޯގައި ވެސް މަޝްހޫރު ފަންނާނުންނާއި ގްރޫޕްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން މާދަމާ ރޭގެ ޝޯގައި ޕާފޯމް ކުރާނީ:

  • އުނޫޝާ
  • ގްރެވިޓީ ބައި ހަބޭސް
  • 1438 ބޮޑުބެރު ގްރޫޕް
  • މޫޝާން
  • އިކުއެޓިކް ވައިބް
  • އިލިއުޝަންސް ޑާންސް ކްރޫ
  • ލައިޝާ

އެވެ.

އެ ފެސްޓިވަލް ކުރިއަށް ގެންދަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެންނެވެ.

comment ކޮމެންޓް