ނުކުޅެދުނަސް، ހިދުމަތުގައި ކުޅެދޭކަން ސާބިތު ކުރުމުގެ ފުރުސަތު!

25 ޑިސެމްބަރ 2016: ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ވަޒީފާ ހަމަޖައްސަވައި ދެއްވުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބ. ދޮންފަރު، މުރިންގު، އަލީ ފާއިޒް، 24، އަކީ ފައިގައި ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. ދިރިއުޅެމުންދިޔައީ އާއިލާމީހުންގެ އެހީތެރިކާއެކު އެވެ. ދިިރިއުޅެންޖެހިފައި އޮތީ މުޅިންހެން މީހުންނަށް ބަރޯސާވެގެންނެވެ. ނަމަވެސް މިހާރު އެ ދިރިއުޅުމަށް ބަދަލުތައް އައިސް އުފާވެރި ހަޔާތެއް ވަނީ ފެށިފަ އެވެ. އެހީތެރިއަކަށްވީ ފެނަކަ ކޯޕަރޭޝަންއިން ލިބުނު އެޑްމިން އޮފިސަރެއްގެ ވަޒީފާ އެވެ. އެ ވަޒީފާއާ އެކު ލިބެމުން ދިޔަ އާމްދަނީ އިތުރުވުމުން މިއަދު ފާއިޒް ވަނީ ކައިވެނިކޮށް ދަރިއަކާ އެކު އުފާވެރި ދިރިއުޅުމެއް ފަށައިފަ އެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް، ވަޒީފާ ލިބުމާ އެކު ދިރިއުޅުން ފެނިއްޖެ، ކުރިން ލިބެނީ ސަރުކާރުން ދޭ 2000 ރުފިޔާ، ދެން އާއިލާއިން ދޭ އެއްޗެއް،" ފާއިޒްގެ ބަދަލުވި ދިރިއުޅުން ކިޔައިދެމުން ބުންޏެވެ.

ޑިސެމްބަރ 14، 2015: ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ތެރެއިން ވަޒީފާ ލިބުން ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ޖޯލި ގެތުމާއި ތަންތަން ކޮނުން ފަދަ މަސައްކަތެއް ނޫނީ ހަވާލެއްނުކުރެ އެވެ. ދިނަސް ދޭނީ ކުޑަ އުޖޫރައެކެވެ. އަމިއްލަ މަސައްކަތުން ބޮޑު އާމްދަނީއެއް ހޯދައިގެން އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތެއް ނުދެ އެވެ. ނަތީޖާއެއްގެ ގޮތުން ޖަވާޒީ ހަޔާތެއް ފަށައި އުޅުމުގެ ފުރުސަތު ލިބެނީ ވަރަށް މަދުންނެވެ. އަބަދުވެސް ޖެހެނީ މީހެއްގެ ހަރަދުގައި އުޅެންށެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޒަމާންވީ ދިރިއުޅުމުގެ ހާލަތެވެ.

އެފަދަ ފަރާތްތަކަށް ތައުލީމް ހާސިލް ކުރުމާއި ހައްޓަށް އަރާމް ވަޒީފާއެއް ހޯދުމަކީ އެއް އިރެއްގައި ނުވި ކަމެކެވެ. ކުށްހީއަކުން އެކަހެރި ކޮށްފައިވާ އެ ފަރާތްތަކަކީ އިންތިހާއަށް ހުނަރުވެރި ބައެކެވެ. ކުރާ މަސައްކަތް ފަރުވާތެރިކަމާއި ޝައުގުވެރިކަމާ އެކު ކޮށް އުޅޭބައެކެވެ. ނަތީޖާއެއްގެ ގޮތުން އެ ދުވަހު ބާކީކޮށްފައި ތިބި ފަރާތްތަކަށް މިއަދު މިވަނީ އުފާވެރިކަން ގެނެސްދީފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ އެތައް ސަތޭކަ މީހަކަށް، ސަރުކާރުން އިސްނަގައިގެން، ވަޒީފާ ދިނުމާ އެކު ދިރިއުޅުމަށް ތާޒާކަން އަންނަން މިވަނީ ފަށައިފަ އެވެ.

"އަލްހަމްދުލިއްލާހި ވަރަށް ބޮޑު ބަދަލެއް ދިރިއުޅުމަށް އަންނާނެދެން، ދެން ލިބޭ މުސާރަ ރަނގަޅުވާނެ، ދެން ލިބޭ އެއްޗަކުން އަމިއްލަ މަސައްކަތެއް ފެށި އާއިލާއަށް ވެސް ކުރިއެރުން އަންނާނެ،" ނޮޅިވަރަމް ފެނަކައިގެ ޓެކްނީޝަން، އަލީ ހުސެއިން، 36، ބުންޏެވެ.

މީގެ ކުރިން ރަށު ތެރޭގައި އެކިއެކި މަސައްކަތްކޮށްގެން ލިބެމުން ދިޔަ އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބުމުން އަލީ އަށް ލިބޭ ހިތްހަމަޖެހުން ބޮޑެވެ. އަދި ވަޒީފާއެއް ނެތުމުގެ ސަބަބުންނާ އެކު މިހާތަނަށް ކާމިޔާބު ނުވެ އޮތް، ޖަވާޒީ ހަޔާތެއްގެ ހުވަފެން ހަގީގަތަކަށްވާނެ ކަމަށް އޭނާ އުންމީދުކުރެ އެވެ. މިއީ އޭނާގެ ދިރިއުޅުން ބަދަލުކޮށްލެވޭނެ ފުރުސަތެކެވެ.

ޑިސެމްބަރ 8، 2015: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ދައްކާލާ އެ ފަރާތްތަކުގެ މަސައްކަތް މާކެޓަށް ނެރުމަށްޓަކައި "ރެދަން 2015 – ފަންނުވެރި އަހަރެމެން"ގެ ނަމުގައި މައުރަޒެއް ހުޅުވުން -- ފޮޓޯ/ ރައީސް އޮފީސް

"އެއްވެސް މީހަކު ބާކީ ނުކުރުމުގެ" ސިޔާސަތުގެ ދަށުން ފެނަކައިން އެކަނި ވެސް މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް ވަޒީފާ ހަމަޖައްސައިދީފަ އެވެ. އޭގެ އިތުރުން ވެސް ދައުލަތުގެ ބައެއް އިދާރާތަކުގެ ޒިންމާދާރު މަގާމުތަކުގައި އެފަދަ ފަރާތްތަކުން ދަނީ ހީވާގިކަމާ އެކު މަސައްކަތް ކުރަމުންނެވެ. މިއީ އެފަދަ ފަރާތްތަކުގެ ދިރިއުޅުމަށް އައި ބޮޑު ބަދަލެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރައްވާ އަހުމަދު ހިޝާން ވިދާޅުވި ގޮތުގައި ސަރުކާރުގެ އެ ސިޔާސަތަކީ ވަރަށް ރަނގަޅު އަދި އޭގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމަށް ބޮޑުބަދަލެއް ގެންނާނެ ކަމެކެވެ.

އެ ދުވަހު އާއިލާތަކަށް "ބުރައަކަށްވި" ކުދިން މިއަދު އެވަނީ ހަރުދަނާ ބަޔަކަށްވެފަ އެވެ. އާއިލާތައް ބިނާކުރުމާއި ގައުމަށް ހިދުމަތް ކުރުމުގެ ރޮނގުން އިސްސަފުގައި ފައިހިއްޕާލައިފަ އެވެ. ތަހުޒީބީ މުޖުތަމައުތަކަށް ވެސް ރާއްޖެ އިން މިދައްކައިދެނީ މިސާލެކެވެ. ބާކީ ނުކުރަންވީ އެވެ. ތައުލީމު ވެސް ދޭންވީ އެވެ. ފުރުސަތު ވެސް ދޭންވީ އެވެ.

comment ކޮމެންޓް