އާ އަހަރުގެ ހަފްލާތަކާއި ކުށްކުރުން!(ވީޑިއޯ)

މާލޭގައި ބަޑިބޭހުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ--- ސަން ފައިލް ފޮޓޯ

އާ އަހަރުގެ "މަސްތުގައި" ޖެހި އެތައް ގޯހެން ހަދަން މިވަނީ ފަށައިފަ އެވެ. ފަހުގެ ތާރީހަކަށް ބަލާއިރު ކޮންމެ ފަހަރެއްގައި ވެސް ރާއްޖޭގައި އާ އަހަރު ފާހަގަ ކުރުމުގެ ކަންކަން ކުރިއަށް ދަނީ ކުށުގެ މާހައުލެއްގަ އެވެ. އާ އަހަރުގެ އުފާތައް "މެކުހަށް" ޖަހާފައިވާ އިރު "ނުކިއްސަރު" ކަންތައްތައް ހާހުން ގިނަ އެވެ.

މީހުން ދިރިއުޅޭ ގެތަކުން ފެށިގެން ފަޅު ރަށްތަކާއި ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގައި ދިވެހިން ޝާމިލްވާ ގޮތަށް އާ އަހަރުގެ ހަރަކާތްތައް ކަމަށް ބުނެ ދީނާއި ސަގާފަތާ ނުގުޅޭ ކަންކަން ކުރުމަށް މިއަހަރު ވެސް ދަނީ ރާވަމުންނެވެ. މީގެ ކުރިން އެހެން އަހަރުތަކުގައި ވެސް އެފަދަ ކަންކަންކޮށްގެން އެތައް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. ހާއްސަކޮށް އެފަދަ ހަފްލާތަކުގައި މަސްތުވުމާއި ދެ ޖިންސު މަސްސުނިވެ ހިންގާ ބަދުއަހުލާގީ އަމަލުތައް ހިންގުން އިތުރެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލުން -- ފޮޓޯ: ޕޮލިސް

އަނެއްކާ ވެސް އާ އަހަރަކާ ކުރިމަތިލާ އިރު އާ އަހަރު ފާހަގަކުރުމުގެ ތެރެއިން ހިންގާ ކުށްތައް ހުއްޓުވުމަށް ފުލުހުން ދަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން މާލެ ސަރަހައްދަށް ހާއްސަކޮށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ދަނީ ބަލައި ފާސްކުރުން ފަދަ އޮޕަރޭޝަމްތައް ކުރިއަށް ގެންދަމުންނެވެ.

"ނިއުއިޔާ އަށް ތައްޔާރުވުމުގެ ގޮތުން އެއްވެސް ނޭދެވޭ އަމަލެއް ހިނގާފާނެ ކަމަށް ޓަކައި ދުރާލާ ތައްޔާރުވެގެން ކުރިން ދެއްނެވި ގޮތަށް މަގުމަތީ އެކިއެކި ހަރަކާތްތައް ފުލުހުން ކުރިއަށްގެންދާނެ، އޭގެ އިތުރުން ކޭނައިން ސުކޮޑް ބޭނުންކޮށްގެން ބައެއް ވެހިކަލްތަކާއި އަދި އެހެން ބައެއް ތަންތަން ބަލައި ފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ،" ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވި އެވެ.

ފާރަގެމަ ސުކޮޑް ބޭނުންކޮށްގެން ތަންތަން ބަލައި ފާސްކުރުމަށް ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދާ އިރު މަސްތުވާތަކެތި ހޯދުމަށް ބޮޑު ސަމާލުކަމެއްދެ އެވެ. ބައެއް އިމާރާތްތަކާއި ވެހިކަލްތަކުގެ އިތުރުން ސަފާރީތައް ވެސް ފުލުހުންދަނީ ބަލައި ފާސްކުރަމުންނެވެ.

މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގައި ދިވެހިން ބައިވެރިކޮށްގެން އެފަދަ ހަރަކާތްތައް ހިންގުމަކީ ވެސް އާންމުކަމެކެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް އެފަދަ ކަންކަން ދަނީ އިސްތިހާރު ކުރަމުންނެވެ.

ދީނީ ގޮތުން ހުއްދައެއް ނުކުރޭ!

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވުމާއި އިސްލާމީ ގާނޫނަކަށް އަމަލުކުރާ ގައުމަކަށްވުމުން މިހާރަކަށް އައިސް ރާއްޖޭގައި އާ އަހަރު ފާހަގަކުރަން އެ ހިންގާ ހަރަކާތްތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ދީނީ އިލްމުވެރިން ވެސް ގަބޫލް ކުރައްވަ އެވެ.

އައްޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވީ ދުވަސްތައް ފާހަގަކުރާއިރު އިސްރާފްނުކޮށް އިސްލާމީ އުސޫލުގެ ތެރެއިން ކަންކަން ކުރަން އިސްކަން ދޭން ޖެހޭ ކަމަށެވެ. އެގޮތުން ﷲ އަށް ޝުކުރުވެރިވުމާއި އެހެންމީހުންނަށް އެހީތެރިވުން ފަދަ ކަންކަން ކުރުމަށް އިސްކަންދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ފުޅާދާއިރާއެއްގައި އާ އަހަރު ފާހަގަކުރުމަށްކަމަށް ބުނެ ޖަރީމާތައް ރާވަމުންދާއިރު ސަލާމަތީ ބާރުތަކުން ބުނަމުންދަނީ ރާއްޖޭގެ ގާނޫނުތަކާއި ހިލާފްކަމެއް ހިނގުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

"އެއްވެސް ހާލަތެއްގައި އަޅުގަނޑުމެން ނޭދެވޭ ކަމަކަށް ނުވަތަ އިސްލާމްދީނާއި ހިލާފް އެއްވެސް ކަމަކަށް ފުރުސަތު ދޭކަށް ނެތިން، އެގޮތުން ދުރާލާ މަސައްކަތްތަކެއް ކުރަމުން މިދަނީވެސް،" ސަމީރު ވިދާޅުވި އެވެ.

އާ އަހަރު ފެށެން ކުރު މުއްދަތަކަށްވެފައިވާ އިރު އެ ދުވަހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި ކުށްކުރުން ހުއްޓުވުމަށް ސަލާމަތީބާރުތަކުގެ ގިނަ ފަރާތްތަކުން ނުކުމެ ރައްކާތެރިކަން ގާއިމްކުރާނެ ކަމަށް އެފަރާތްތަކުން ބުނެ އެވެ.

"އެއްތިރީސް ވަނަ ދުވަހުގެ ރެއަށް އަޅުގަނޑުމެންގެ އިތުރު ސްޓްރެންތެއް މަގުމަތީ ހަރަކާތްތެރިވަމުންދާނެ، އަދި ހަމައެއާއެއްކޮށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އަޅުގަނޑުމެން ފުލުހުން މަސައްކަތް ކުރަމުންދާނެ،" ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވި އެވެ.

ކޮންމެ އަކަސް އާ އަހަރަކާ އެކު ކުރިމަތިލާއިރު އިސްލާމީ އުސޫލުތަކުގެ ތެރެއިން އުފާފާޅުކުރުމަށް އިސްކަންދޭންޖެހެ އެވެ. އާ އަހަރެއް ފަށައިގަންނައިރު އާ އަޒުމެއްގައި ކަންކަމާ ކުރިމަތިލާންޖެހެ އެވެ. ކުށްތަކާއި ދުރުވެ ކާމިޔާބު ހޯދުމަށް މަސައްކަތް ފަށަންޖެހެ އެވެ.

comment ކޮމެންޓް