ބްރިޖުން ހުޅުމާލެއަށްދާ މަގު ހެދުމަށް ހަވާލުކޮށްފި

ހައުސިން މިނިސްޓްރީން އެޗްޑީސީ އާ މަގުހެދުމަށް ހަވާލުކުރުން-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ހުޅުލެއާއި މާލެއާއި ދޭތެރޭ އަޅާ ބުރިޖާއި ހުޅުމާލެ ގުޅުވާދޭ މަގު ހެދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)އާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެއްބަސްވުމުގައި ސޮއިކުރެއްވިި އިރު އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ އެޗްޑީސީގެ ހަރަދުގައި ހަދާ އެމަގުގެ މަސައްކަތް 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އެމަގަކީ ހައިވޭ ފެންވަރަށް ފުޅާކޮށް ހަދާ މަގެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުލެއިން ހުޅުމާލެއަށް ދިއުމަށް މިހާރު ބޭނުންކުރާ މަގަކީ ހަނިމަގަކަށްވާ އިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސައިމަން ވިދާޅުވީ މަގު ފުޅާކުރުމަށް ހިއްކަން ޖެހޭ ސަރަހައްދު ހިއްކުން ފަދަ މަސައްކަތްތައްކޮށްގެން ފުރިހަމަ މަގެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އެމަގަށް ކުރާ ހަރަދާއި މަގުގެ ތަފްސީލާ ގުޅޭ ގޮތުން ސަން އިން ސުވާލުކުރުމުން ސައިމަން ވިދާޅުވީ މިހާތަނަށް އެކަން ހާމަކުރެވެންނެތް ކަމަށެވެ.

އެމަގުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.

ހުޅުލެއާއި މާލެއާއި ދޭތެރޭ އަޅާ ބުރިޖުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ އިރު 2018 ވަނަ އަހަރަށް އެ މަސައްކަތް ނިންމާލައި ހިދުމަތް ދޭން ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

comment ކޮމެންޓް