އާ އަހަރު ފާހަގަކުރަން ބެކަމްގެ އާއިލާ ރާއްޖެއަށް، އެކުގައި ގޯޑަން ރަމްސީ ވެސް އާދޭ!

ޑޭވިޑް ބެކަމްގެ އާއިލާ ---

އާ އަހަރު ފާހަގަކުރުމަށް އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އާއިލާއާ އެކު ރާއްޖެ އައުމަށް ނިންމާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ޑޭވިޑް ބެކަމް އާއި އޭނާގެ އަންހެނުން، އިނގިރޭސިވިލާތުގެ މަޝްހޫރު ފެޝަން ޑިޒައިނަރު އަދި މޮޑެލް ވިކްޓޯރިގެ އިތުރުން އެ ދެމީހުންގެ ހަތަރު ކުދިން (ބުރޫކްލިން، ރޯމިއޯ، ކުރޫޒް އަދި ހާޕާ) އާ އަހަރު ފާހަގަކުރުމަށް ރާއްޖެ އަންނާނީ އަމިއްލަ ފުށި ރިސޯޓަށެވެ.

ރިސޯޓުގައި އެކްސްކުލޫސިވް ބޮޑު ޕާޓީއެއްވެސް ބާއްވަން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

ބެކަމްގެ އާއިލާއާ އެކު ވިކްޓޯރިއާގެ ގާތް ރަހުމަތްތެރިން ކަމަށްވާ އިނގިރޭސިވިލާތުގެ މަޝްހޫރު ސެލެބުރިޓީ ޗެފް ގޯޑަން ރަމްސީ އާއި އޭނާގެ އަންހެނުން، ލިޔުންތެރިޔާ ތާނާ ވެސް ރާއްޖެ އަންނާނަކަށް ބެލެވެ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ދަތުރުގެ ހުރިހާ ކަމެއް ރާވައި ހިންގާ، ވިކްޓޯރިއާ ބާއްވާ ހާއްސަ ޕާޓީގައި ޕާފޯމް ކުރުމަށް ސްޕައިސް ގާލްސްގެ ލަވަކިއުންތެރިޔާ މެލަނީ ސީ ނުވަތަ މެލް ސީ އާ އޭނާގެ ލޯބިވެރިޔާވެސް ރާއްޖެ އަންނާނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބެކަމް އާއި އޭނާގެ އާއިލާއިން ވަނީ އާ އަހަރު ފާހަގަކުރަން ތިން ފަހަރެއްގެ މަތިން ރާއްޖެ އައިސްފަ އެވެ. އަދި 2013 ވަނަ އަހަރު ރާއްޖެ އައިސް ބެކަމް ވަނީ ރާއްޖޭގައި ހޭދަކުރާ އާ އަހަރުގެ ޗުއްޓީއަކީ އެންމެ އުފާވެރި ޗުއްޓީ ކަމަށާއި ކޮންމެ އަހަރެއްގެ އާ އަހަރު ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނާނޭ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް