މިސް ވޯލްޑްގެ ތާޖު، ޕުއެޓޮ ރީކޯގެ ރީތީގެ ރާނީއަށް

މިސް ވޯލްޑް 2016 އަށް ހޮވުނު ސްޓެފަނީ---

އެމެރިކާގައި އިއްޔެ ނިމިގެން ދިޔަ 66 ވަނަ މިސް ވޯލްޑް މުބާރާތުގެ ތާޖު ޕުއެޓޮ ރީކޯގެ ރީތީގެ ރާނީ ސްޓެފަނީ ޑެލް ވާއިޔޭ ކާމިޔާބުކޮށްފި އެވެ.

އުމުރުން 19 އަހަރުގެ ސްޓެފަނީ މިސް ވޯލްޑް 2016 ކާމިޔާބު ކުރީ ޑޮމިނިކަން ރިޕަބްލިކްގެ ރީތީގެ ރާނީ އާއި ވާދަކޮށްގެންނެވެ.

ސްޓެފަނީގެ ބޮލުގައި ތާޖު އަޅުވައިދިނީ 2015 ވަނަ އަހަރު އެ ތާޖު ގެންދިޔަ ސްޕެއިންގެ ރީތީގެ ރާނީ މެރިއާ ލަލުގުނާ އެވެ.

މިސް ވޯލްޑް 2016 ކާމިޔާބު ކުރި ސްޓެފަނީގެ ބޮލުގައި ރީތީގެ ރާނީގެ ތާޖު އަޅުވަނީ ---

ސްޓެފަނީ އަކީ ލޯ އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާ އިން ކިޔަވަމުން އަންނަ ދަރިވަރެކެވެ. މުނިފޫހިފިލުވުމުގެ ދާއިރާ އަށް ޝައުގުވެރިކަން ހުންނަ ސްޓެފަނީ ބުނީ ރީތީގެ ރާނީގެ ތާޖު ކާމިޔާބުކޮށް އޭނާގެ ގައުމަށް ރީތި ނަން ހޯދައިދެވުމަކީ ލިބުނު ޝަރަފަކާއި ފަޚުރެއްގެ އިތުރުން އޭނާގެ ކޮނޑުގައި އެޅުނު ވަރަށް ބޮޑު ޒިންމާ އެއް ކަމަށެވެ.

މުބާރާތުގެ ތިން ވަނަ ލިބުނީ އިންޑޮނޭޝިޔާގެ ރީތީގެ ރާނީ ނަތާޝާ މެނުއެލާ އަށެވެ. މުބާރާތުގެ ގަދަ ފަހެއްގައި ދެން ހިމެނުނީ ކެންޔާގެ ރީތީގެ ރާނީ އާއި ފިލިޕީންސްގެ ރީތީގެ ރާނީ އެވެ.

މިސް ވޯލްޑްގެ 66 ވަނަ މުބާރާތުގައި 100 އަށް ވުރެ ގައުމުގެ ރީތީގެ ރާނީން ވަނީ ވާދަކޮށްފަ އެވެ.

މިސް ވޯލްޑް މުބާރާތަކީ މެދުނުކެނޑި މިގޮތަށް ކުރިއަށް ގެންދާތާ އެންމެ ގިނަ ދުވަސްވެފައިވާ މުބާރާތެވެ. މުބާރާތުގައި ވަނަ ހޮވުމަށް ބަލާ މިންގަނޑުތަކުގެ ތެރޭގައި ބީޗު ފެޝަން އާއި ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ކުޅިވަރުގެ ހުނަރާއި މީޑިއާގެ ސުވާލުތަކަށް ދޭ ޖަވާބާއި މޮޑެލް ކުރުމުގެ އިތުރަށް އަމިއްލަ ހުނަރު ހިމެނެ އެވެ.

comment ކޮމެންޓް