ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ގެންގުޅުނު މީހަކު އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

މާލެއިން 2014 ވަނަ އަހަރު އަތުލައިގަތް ބަކަމޫނެއް --- ސަން ފައިލް ފޮޓޯ

ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ގެންގުޅު މީހަކު 111500 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އެ ދޫނިތައް ހޯދާފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ނޯތު ޕޮލިސް ޑިވިޝަނުގެ ޓީމަކުން ހިންގި އޮޕަރޭޝަނެއްގައި ބ. ދޮންފަނު ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ބަންދުކޮށްފައި ހުއްޓަ އެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނީ އެ ގޭތެރޭގައި ރަތަފަޔާއި، ކިރުއިލޮޅިއާއި ދުށިމެއާއި، އަލަކައާއި، ބަކަމޫނު އަދި ސުރުމަތި ފަދަ ދޫނިތައް ބަންދުކޮށްފައި ހުރިކަމަށެވެ. އެ ދޫނިތަކަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނޫގެ ދަށުން ހިމާޔަތްކޮށްފައިވާ ދޫނިތަކެކެވެ.

އީޕީއޭއިން ބުނީ އެ ދޫނިތައް ގެންގުޅުން ފަރާތް ޖޫރިމަނާ ކޮށްފައިވަނީ ފުލުހުންގެ ރިޕޯޓަށް ބަލައި، ގާނޫނު ނަމްބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު)ގެ ދަށުން ހެދިފައިވާ ގަވާއިދު ނަމްބަރު 2011/R-9 (ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު)ގެ ދަޖުވަލު 2 ގެ (4) ގެ ދަށުން ކަމަށެވެ.

comment ކޮމެންޓް