އަރަމުން އަންނަ ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ރަފާ ނާޒިމް އިތުރު ތަމްރީންތަކެއް ފުރިހަމަ ކުރުމަށް ޖަޕާނަށް ހިގައްޖެ އެވެ.
މިއަހަރު ބޭއްވި ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ މުހައްމަދު ބަލިކޮށް ހޯދި އުމުރުން އެންމެ 13 އަހަރުގެ ރަފާ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އުންމީދީ އެއް ކުޅުންތެރިއެކެވެ. ވޭތުވެ ދިޔަ 13 އަހަރު ގައުމީ ސިންގަލްސް ޗެމްޕިއަން މުއީނާ ބަލިކޮށް ރަފާ ވަނީ އޭނާގެ ހުނަރު ދައްކާލާފަ އެވެ.
ޓޭބަލަ ޓެނިސް އެސޯސިއޭޝަން ބުނީ ރަފާއަށް ޖަޕާނުގެ މިޖީ ޔުނިވަސިޓީގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބުނީ ދާދި ފަހުން ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ކަމާ ބެހޭ ފަރާތްތަކާ އެކު ކުރެވުނު މަސްވަރާތަކަށް ފަހުގައި ކަމަށެވެ.
މިއަދު ހެނދުނު ޖަޕާނަށް ފުރި ރަފާ ފުރިހަމަ ކުރުމަށް ހަމަޖެހިފައި ވަނީ ކުރުމުއްދަތެއްގެ ތަމްރީން ޕްރޮގްރާމެކެވެ. ޓީޓީއެމް އިން ބުނީ ތަމަރީންތަކަށް ފަހު ރަފާ ރާއްޖެ އެނބުރި އައުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހު ފަހުކޮޅުގައި ކަމަށެވެ.
މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައުމީ ސްކޮޑުގައި ހިމެނި، ވިދަން ފެށި ރަފާ ވަނީ މި އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 15 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން ރާއްޖެ އަށް ރިހި މެޑަލް ވެސް ހޯދައިދީފަ އެވެ.