އެމްޔޫއޯގެ ޖަލްސާ އަށް ހުރަސް އެޅި ކަމަށް ބުނެ، އެމްޑީޕީ އިން ކުށްވެރިކޮށްފި

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ގާނޫނުގައިވާ ތާރީހަށް ނުބާއްވައި، ވަކި ތާރީހެއް ނެތްގޮތަށް ލަސްކޮށްފައިވާ މައްސަލާގައި އިދިކޮޅު އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން އައްޑޫ ސިޓީގެ ހުޅުމީދޫގައި ރޭ ބޭއްވި ޖަލްސާއަށް ފުލުހުން ހުރަސް އަޅާފައިވާ ކަމަށް ބުނެ އެމްޑީޕީ އިން އެކަން ކުށްވެރިކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ގޮވާލައި، އިދިކޮޅު އިއްތިހާދު އެމްޔޫއޯ އިން ރޭ ހުޅުމީދޫގައި ޖަލްސާއެއް ބާއްވަން މަސައްކަތް ކޮށްފައި ވަނީ އެ ރަށުގެ ބޮޑުމަގުގެ އެއް ފަރާތުގައި ޕޯޑިއަމް ބަހައްޓައި، މަގުގެ އަނެއް ފަރާތުގައި ގޮނޑި ޖަހައިގެންނެވެ.

ނަމަވެސް ޖަލްސާ ފެށިގެން ކުރިއަށް ދަނިކޮށް، ރަޔަޓު ގިއަރުގައި ތިބި ފުލުހުން އައިސް ވަނީ، ޖަލްސާއަށް އެއްވެފައި ތިބި މީހުން ދުރަށް ޖައްސައި، އެއްވުމުގައި ބޭނުން ކުރަމުން ދިޔަ ޕޯޑިއަމާއި ސައުންޑް ސިސްޓަމް ވެސް ދުރަށް ޖައްސާފައި ކަމަށް އެމްޑީޕީ އިން ބުންޏެވެ.

ފުލުހުން ބުނީ ފުލުހުން ޖަލްސާއަށް ހުރަސް ނާޅާ ކަމަށާއި، ޖަލްސާ ހުއްޓުވާފައި ވެސް ނުވާނެ ކަމަށެވެ. ނަމަވެސް، ޖަލްސާ ބާއްވަމުން ދިޔަ ސަރަހައްދަކީ ހުޅުމީދޫގެ ކޯޓު ހުންނަ ސަރަހައްދު ކަމަށް ވެފައި، ކޯޓު ކައިރިއަށް މީހުން އެއްވެފައި ތިބުމުން އެ މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމީދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށް ފުލުހުން އަރައިގަނެ، އެ ޖަލްސާއަށް ހުރަސްއަޅައި ހިންގި ޣައިރުޤާނޫނީ އަމަލު އެ ޕާޓީ އިން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

"ރޭގެ ޖަލްސާ އިންތިޒާމުކުރި ފަރާތްތަކުން އެ ޖަލްސާ ބޭއްވުމަށްޓަކައި ފުރަތަމަ ހޯލެއް ހޯދުމަށް އެދި ހުށަހެޅުމުން ސަރުކާރުގެ ނުފޫޒުން އެފަދަ ހޯލެއް ދިނުމަށް [ވަނީ] އިންކާރުކޮށްފައި." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެކަން ފަހިކޮށް ނުދިނުމުން، ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް ލިބިގެންވާ ހައްގުގެ ދަށުން މަގުމަތީގައި އެ ޖަލްސާ ބޭއްވުމަށް ސްޓޭޖް ތައްޔާރުކުރުމުން ސަރުކާރުން ފުލުހުން ފޮނުވައި އެ ދުވަހު ހަވީރު އެ ސްޓޭޖް ރޫޅާލާފައިވާ ކަމަށާއި، އެއަށް ފަހު ސްޓޭޖަކާ ނުލައި ޕޯޑިއަމް ބަހައްޓައިގެން މަގުމަތީގައި އެރޭ އެ ޖަލްސާ ކުރިޔަށް ގެންދަން މަސައްކަތް ކުރިކަން އެމްޑީޕި އިން ވަނީ ފާހަގަ ކޮށްފަ އެވެ.

އެމްޑީޕީ އިން ބުނީ ޖަލްސާ އަށް ހުރަސް އަޅައި، ޖަލްސާގެ ބައިވެރިޔަކު ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ ވަރަށް ނާތަހުޒީބުގޮތަކަށް ގަދަބާރު ދައްކައިގެން ކަމަށެވެ.

comment ކޮމެންޓް