ބެންކޮކް (ޑިސެމްބަރު 14): ތައިލޭންޑުގެ އާ ރަސްގެފާނު މަހާ ވަޖިރަލިންކޯން 150،000 ކުށްވެރިންނަށް މައާފު ދެއްވައިފި ކަމަށް ސަރުކާރު އޮފިޝަލުން ބުނެފި އެވެ.
ރަސްގެފާނު ބޫމިޕޮން އަދުންޔަދޭ އަވާހަރަވުމާ ގުޅިގެން މިމަހު ރަސްކަމާ ހަވާލުވެވަޑައިގަތް ވަޖިރަލިންކޯން މައާފް ދެއްވި ގައިދީންގެ އަދަބު ލުއި ކުރާނީ ނުވަތަ ޖަލުން ދޫކޮށްލާނީ ކޮންމެ މައްސަލައެއް ވެސް ރަނގަޅަށް ބެލުމަށް ފަހު ކަމަށް އޮފިޝަލުން ބުންޏެވެ.
ވަޖިރަލިންކޯން މައާފު ދެއްވި ގައިދީންގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅިގެން ހުކުމްކޮށްފައިވާ ފަރާތްތަކާއި ޝާހީ އާއިލާއަށް ފާޑު ކިޔުމުގެ ސަބަބުން ހައްޔަރު ކުރި މީހުންވެސް ހިމެނޭނެ އެވެ. ތައިލޭންޑުގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ރަސްގެފާނާއި އާއިލާއަށް ފާޑު ކިޔާ ފަރާތްތަކަށް ގިނަވެގެން 15 އަހަރުގެ ޖަލު ހުކުމެއް ކުރެވޭނެ އެވެ.
މިއަހަރުގެ ޖުލައި މަހު ތައިލޭންޑުގެ ޑިޕާޓްމެންޓް ފޯ ކަރެކްޝަންސް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެގައުމުގެ ޖަލުތަކުގައި ތިބި މީހުންގެ އަދަދު 321،347އަށް އަރަ އެވެ. އޭގެ ތެރެއިން 70 ޕަސެންޓު މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ކަމަށްވެސް އެރިޕޯޓުގައިވެ އެވެ. (އިންޑިޕެންޑެންޓް)